ވޯލްޑް ބޭންކްގެ ރައީސް އިސްތިއުފާ ދެއްވަން ނިންމަވައިފި

ވޯލްޑް ބޭންކްގެ ރައީސް ޖިމް ޔޮންގް ކިމް ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފަ -- ފޮޓޯ: ގެޓީ

ވޯލްޑް ބޭންކްގެ ރައީސް ޖިމް ޔޮންގް ކިމް އަންނަ މަހުގެ އެކަކުން ފެށިގެން މަގާމުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ކިމް ވޯލްޑް ބޭންކްގެ ރައީސް ކަމަށް ފުރަތަމަ އައްޔަން ކުރީ 2012 ވަނަ އަހަރެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އަނެއްކާ ވެސް ކިމް އެމަގާމަށް އައްޔަން ކުރުމުން، އޭނާގެ ދައުރު ހަމަވާނީ 2022ގަ އެވެ.

ނަމަވެސް ދައުރު ހަމަވުމުގެ ކުރިން ކިމް އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް ވިދާޅުނުވެ އެވެ. އޭނާ ވަނީ ވޯލްޑް ބޭންކްގެ ރައީސްކަން ކުރުމަކީ ވަރަށް ބޮޑަށް ޝަރަފެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އެއީ "ފަގީރުކަން ނައްތާލުމަށް" ވަރަށް ބުރަކޮށް މަސައްކަތް ކުރާ އިންސްޓިޓިއުޝަނެއް ކަމަށް ވިދާޅުވެފަ އެވެ.

ވޯލްޑް ބޭންކުން ވަނީ އާ ރައީސަކު އައްޔަން ކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ބުނެފަ އެވެ. އަދި މިހާރު ވަގުތީ ރައީސެއްގެ ގޮތުގައި ހުންނަވާނީ ވޯލްޑް ބޭންކްގެ ސީއީއޯ ކަމަށް ބުނެފަ އެވެ.

ދެކުނު ކޮރެއާއަށް އުފަން ކިމް، ވޯލްޑް ބޭންކްގެ ރައީސް ކަމަށް އައްޔަން ކުރަން އޭނާގެ ނަން ދެ ފަހަރު ވެސް ހުށަހެޅުއްވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ.

comment ކޮމެންޓް