ޖިންސީ ގޯނާގެ ދައުވާއަށް ކެވިން ސްޕޭސީ އިންކާރުކޮށްފި

ކެވިން ސްޕޭސީ އިއްޔެ ކޯޓަށް ހާޒިރު ވަނީ -- ފޮޓޯ: ބީބީސީ

ދެހާސްސޯޅަ ވަނަ އަހަރު 18 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާއަށް ކެވިން ސްޕޭސީ އިންކާރުކޮށްފި އެވެ.

ޑިސެމްބަރު މަހު ސްޕޭސީގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން އިއްޔެ ބޭއްވި ފުރަތަމަ އަޑު އެހުން ކުރިއަށް ދިޔައީ އެންމެ 10 މިނިޓަށެވެ. އެއަޑު އެހުމުގައި ސްޕޭސީގެ ވަކީލުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ކޯޓުގެ ފަނޑިޔާރު ވަނީ ސްޕޭސީއާ ދެކޮޅަށް މައްސަލަ ހުށަހެޅި މީހާއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް ސްޕޭސީއަށް އަންގާފަ އެވެ.

އެމައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ އަޑު އެހުމެއް ދެން އޮންނާނީ މާޗް ހަތަރެއްގަ އެވެ. އަދި ސްޕޭސީގެ މައްޗަށް ޖިންސީ ގޯނާ ކުރި ކަމުގެ އެދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށް، ޖިންސީ އަނިޔާ ކުރާ މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމަނާނެ އެވެ.

ސްޕޭސީއާ ދެކޮޅަށް ފުރަތަމަ ޖިންސީ ގޯނާގެ ތުހުމަތު ކުރީ އޮކްޓޯބަރު 2017އިގައި އެކްޓަރު އެންތަނީ ރެޕް އެވެ. އޭގެ ފަހުން 30އަށް ވުރެ ގިނަ މީހުން ވަނީ ސްޕޭސީ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

އެމައްސަލައާ ގުޅިގެން ސްޕޭސީ ވަނީ މަޝްހޫރު ޓީވީ ސީރީސް، ހައުސް އޮފް ކާޑްސް އިން ވަކިކޮށްފަ އެވެ. އަދި އޭނާ ކުޅުނު ފިލްމެއް ކަމަށްވާ "އޯލް ދަ މަނީ އިން ދަ ވޯލްޑް" ސްޕޭސީއާ ނުލައި އަލުން ޝޫޓުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު