އަގުހެޔޮ ފެެއާގައި ޓިކެޓު ލިބޭވަރު މިހާރު ތިން ގުނަ އިތުރުވާނެ: މޯލްޑިވިއަން

ޓިކެޓްގެ އަގުތަކާ ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މެނޭޖަރު މޫސާ ވަސީމް ވާހަކަދައްކަވަނީ--

އެތެރޭގެ އުދުހުންތަކުގައި އަގުހެޔޮ ޓިކެޓް ފެއާގައި ލިބޭ ވަރު މިހާރު ތިން ގުނަ އިތުރުވާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.

މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރީ މި މަހު އެވެ. އަދި އެ އަގުތަކުގައި ޓިކެޓްތައް ވިއްކަން ފެށީ މިއަދު އެވެ.

ޓިކެޓްގެ އަގުތަކާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އަގުތައް ހެޔޮކުރުމާ އެކު އަގުހެޔޮކޮށް ޓިކެޓް ގަތުމަށް ހުޅުވާލި ފުރުސަތާ އެކު ވީހާ ވެސް ގިނަ ބަޔަކަށް ޓިކެޓް ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ގައުމީ އެއާލައިން އިން އެތެރޭގެ އުދުހުންތަކުގެ ކުޑަކޮށްފައިވާ ޓިކެޓްގެ އަގުތައް (އަގުކުރެވިފައި އެވަނީ ދެކޮޅު ޓިކެޓްގެ ފެއާތައް)

"މިހާރު ކުރިން އެންމެ އަގު ބޮޑުކޮށް ވިއްކަމުން ދިޔަ ދެ ފެއާ ނޯންނާނެ،" މޫސާ ވަސީމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ފެއާގައި މޯލްޑިވިއަންއިން ދިޔައީ އަގުހެޔޮކޮށް ޓިކެޓް ވިއްކަމުންނެވެ. ނަމަވެސް އަގުހެޔޮ ޓިކެޓްތައް ވަރަށް މަދުން ނޫނީ ނުލިބޭ ކަމަށް ބުނެ އާންމުންގެ ވަރަށް ގިނަ ބަޔަކު ދިޔައީ ޝަކުވާ ކުރަމުންނެވެ.

މޯލްޑިވިއަން އިން މީގެ ކުރިން ބުނީ އަގުތައް ހެޔޮކުރި ނަމަވެސް ހިދުމަތުގެ ފެންވަރު ދަށް ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެތެރޭގެ ފްލައިޓުތަކުގައި ދަތުުރުކުރާ މީހުންނަށް ލުއިކާނާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.

comment ކޮމެންޓް