ގެބޯންގައި ބަޣާވާތެއްކޮށް، އަސްކަރީ ވެރިކަމެއް ގާއިމު ކުރި ކަމަށް ބުނެފި

ގެބޯންގެ ރައީސް އަލީ ބޮންގޯ ގެންދަވަނީ މޮރޮކޯއިން ފަރުވާ ހޯއްދަވަމުން -- ފޮޓޯ: ރޮއިޓާސް

ލިބްރެވިލް (ޖެނުއަރީ 7): ގެބޯންއަށް ބަޣާވާތެއް ގެނެސް، އަސްކަރީ ސަރުކާރެއް ގާއިމުކޮށްފައިވާ ކަމަށް އެގައުމުގެ ސިފައިން ބުނެފި އެވެ.

ގެބޯންގެ ސިފައިން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދިން ބަޔާނެއްގައި ވަނީ ބަޣާވާތް ކުރީ ގައުމުގައި "އަލުން ޑިމޮކްރަސީ ގާއިމު ކުރުމަށްޓަކައި" ކަމަށް ބުނެފަ އެވެ. އަދި އެސިފައިން ވަނީ ރައީސް އަލީ ބޮންގޯއަށް ފާޑު ކިޔާފަ އެވެ.

އެގޮތުން ރައީސް ބޮންގޯއަށް "ވެރިކަމުގެ ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ލިބިގެން ނުވާ ކަން" ރައީސްގެ އާ އަހަރުގެ މެސެޖުން ހާމަވެގެންދާ ކަމަށް ލެފްޓެނެންޓް ކެލީ އޮންޑޯ އޮބިއަންގް ވިދާޅުވި އެވެ.

ރައީސް ބޮންގޯއަށް ސްޓްރޯކެއް ޖެހުމާ ގުޅިގެން އޮކްޓޯބަރު މަހު ވަނީ ސައުދީ އަރަބިއާގައި ފަރުވާ ދީފަ އެވެ. އަދި ޖެހިގެން އައި މަހުން ފެށިގެން ރައީސް ގެންދަވަނީ މޮރޮކޯއިން ފަރުވާ ހޯއްދަވަމުންނެވެ.

އާއަހަރާ ދިމާކޮށް ރައީސް ދެއްވި މެސެޖުގައި ބޮންގޯ ވަނީ ސިއްހީ މައްސަލަތަކެއް ހުރި ނަމަވެސް މިހާރު ހާލު ރަނގަޅު ވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ރައީސް ވާހަކަ ދެއްކެވުމުގައި ދަތިތަކެއް ހުރި ކަމާއި އެއް އަތުން ހަރަކާތް ނުކުރެވޭ ކަން ވީޑިއޯއިން ފާހަގަވާ ކަމަށް ބުނެފަ އެވެ.

ގެބޯންގެ ރައީސްގެ އޮފީހުން ވަނީ އެމައްސަލައާ ގުޅިގެން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށް ބުނެފަ އެވެ.

ދެހާސްނުވަ ވަނަ އަހަރު އަލީ ބޮންގޯ ވެރިކަމަށް ވަޑައިގެންނެވީ ބައްޕާފުޅު އުމަރު ބޮންގޯގެ 42 އަހަރުވީ ވެރިކަން ނިމުނު ފަހުންނެވެ. އޭގެ ފަހުން ރައީސް ބޮންގޯ ވަނީ 2016 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް