މިސްކިތްތަކާއި ގަބުރުސްތާނުތަކާއި މޯޗަރީތައް ސިޓީ ކައުންސިލާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު-- ސަން ފޮޓޯ/ އަހުމަދު އަވްޝަން

މާލޭ ސިޓީގައި ހިމެނޭ މިސްކިތްތަކާއި، ގަބުރުސްތާނުތަކުގެ އިތުރުން މޯޗަރީތައް މާލޭ ސިޓީ ކައުންސިލާ މިއަދު ހަވާލުކޮށްފިއެވެ.

ކުރިން މިތަންތަނާ ހަވާލުވެ ހުންނަނީ އިސްލާމިކް މިނިސްޓްރީއެވެ. މާލޭ ސިޓީ ކައުންސިލާ މިތަންތަން ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޝަމާއު ވިދާޅުވީ މިތަންތަން ބެލެހެއްޓުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށާއި ރައްޔިތުންނާ ގާތުން ލާމަރުކަޒީ އުސޫލުތަކުން މިތަން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

"މީގެ ކުރިން މިތަންތަން އިސްލާމިކް މިނިސްޓްރީގެ ބެލުމުގައި ހުރިއިރު ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި،"

ރަސްމިއްޔާތުގައި ޝަމާއު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ޝަމާއު ވިދާޅުވީ މިސްކިތްތަކާއި، ގަބުރުސްތާނުތަކުގެ އިތުރުން މޯޗަރީތަކަކީ ސާފުތާހިރުކޮށް ބަލަހައްޓަންޖެހޭ ތަންތަން ކަމަށާއި އެފަދަ ކަންތައްތަކަށް ސިޓީ ކައުންސިލުން ބަލާނެކަމަށެވެ.

"މި މަސައްކަތްތައް ގާތުން ބަލާނަން. މިހާރު ވާނީ މި ކަންތައްތައް ބެލުމަށް ކޮމިޓީއެއްވެސް ވަނީ އުފެދިފައި. ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާނަން،"

ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިފަހައްޓާފައިވާ ހުރިހާ ބާރަކާއި މަސައްކަތްތައް އަނބުރާ ކައުންސިލްތަކަށް ދޫކޮށްލެއްވުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

comment ކޮމެންޓް