ސީލައިފާ ދެކޮޅަށް 203 މީހުންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގެންފި

ސީލައިފް ގްލޯބަލްގެ ކޮންސްޓްރަކްޝަން ސައިޓެއް --

ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން އަޅަން ނިންމި އެޕާޓްމެންޓުތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ ފައިސާ އަނބުރާ ދީފައި ނުވާތީ އެ ފައިސާ ހޯދުމަށް އެ ކުންފުންޏާއި، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓް އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން ވަރަކަށް އަހަރު ކުރިންނެވެ. އެކުންފުނިން ހުޅުމާލޭގައި އަޅަން ނިންމި އެޕާޓްމެންޓުތަކުގެ ޑައުން ޕޭމެންޓުގެ ގޮތުގައި 50،000 ރުފިޔާ ނެގި އެވެ. ނަމަވެސް އެ ކުންފުނިން އެޕާޓްމެންޓުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ އާއި އެޕާޓްމެންޓްތަކުގެ މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އެ މައްސަލަ ވަނީ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި އޭސީސީ އަށް ވެސް ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި ގެއްލުންވި މީހުންނަށް ބަދަލު ހޯދުމަށް އިސްކޮށް ހަރާކްތެރިވީ ގާނޫނީ ވަކީލު އަދި ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވި މަރިޔަމް ޝުނާނާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ ކޯޓުން ބަލައިގެންފައިވާކަން ހާމަ ކުރައްވައިފަ އެވެ.

މި މައްސަލަ އަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ބަޔަކު، އެއްފަހަރާ، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެވެ. އެ މައްސަލަ ޝުނާނާ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ސީލައިފްގެ ފަރާތުން ބަދަލު ހޯދުމަށް ބޭނުންވާ 203 މީހެއްގެ ފަރާތުންނެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވާ ކަންތައްތައް:

  • ޑައުން ޕޭމަންޓުގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ދެއްކުން
  • ފްލެޓު ނުލިބި ހުރި ދުވަސްތަކުގައި މާކެޓު އަގަށް އައި ބަދަލާ އެކު ފްލެޓުގެ އަގު ދަށް ވުމަށް ބަދަލު ދިނުން
  • އެޗްޑީސީއިން އަޅާ ފްލެޓުތައް ގަތުމުގެ ފުރުސަތު ދިނުމަށް ކަނޑައެޅުން
  • ފްލެޓުތައް ގަތުމަށް ލޯނު ނެގި މީހުންނަށް އެކަމުގެ ބަދަލު ދިނުން
  • ސީލައިފް ކުންފުންޏާއި އެ ކުންފުނީ ޑައިރެކްޓަރުންގެ އަތުން އެޗްޑީސީ އަަށާއި ސަރުކާރަށް ބަދަލު ނެގޭނެ ކަމަށް ކަނޑައެޅުން

ސީލައިފްގެ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާ އިރު އެ މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް