ޔޫއޭއީގެ ވަލީއުލްއަހްދުގެ ދަތުރުފުޅުގައި ޕާކިސްތާނަށް 6.2 ބިލިޔަން ޑޮލަރުގެ އެހީއެއް

މުހައްމަދު ބިން ޒާޔިދު ޕާކިސްތާނަށް ވަޑައިގަތުމުން އިމްރާން ޚާން އޭނާއަށް މަރްހަަބާ ވިދާޅުވަނީ

އިސްލާމް އާބާދު (ޖަނަވަރީ 7): ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ވަލީއުލްއަހްދު ޝެއިޚް މުހައްމަދު ބިން ޒާއިދު އާލްނަހްޔާން ޕާކިސްތާނަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު އިމްރާންޚާން އާ ބައްދަލުކުރައްވައިފިއެވެ.

ޔޫއޭއީގެ ރަސްމީ ނޫސްއެޖެންސީ ބުނާގޮތުން މުހައްމަދު ބިން ޒާއިދާއި އިމްރާން ޚާންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ދެގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާބެޙޭގޮތުންނާ އަދި ޔޫއޭއީގެ އިންވެސްޓްމަންޓްތައް ޕާކިސްތާނަށް މިހާރަށްވުރެ ގެނެވޭނެ މާހައުލެއް ގާއިމް ކުރުމާބެހޭގޮތުންނެވެ. މިގޮތުން ޕާކިސްތާނުގެ ދަނޑުވެރިކަމުގެ ސެކްޓަރާއި ހަކަތައިގެ ސެކްޓަރުގައި ޔޫއޭއީގެ އިންވެސްޓްމަންޓްތައް އިތުރުކުރާބެހޭ މަޝްވަރާތަކަށް ދެބޭފުޅުން އިސްކަން ދެއްވިއެވެ. ޕާކިސްތާނަކީ ހަކަތައަށް އިންތިހާއަށް ބޭނުންވެފައިވާ ގައުމަކަށްވާއިރު ޔޫއޭއީއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ.

މީގެއިތުރުން މުހައްމަދު ބިން ޒާއިދާއި އިމްރާން ޚާންގެ ބައްދަލުކުރެއްވުމުގައި އަފްޣާން މައްސަލައާއި ޔަމަންގެ ހަނގުރާމަފަދަ ސަރަހައްދީ މައްސަލަތަކާބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ޔޫއޭއީގެ ރަސްމީ ނޫސްއެޖެންސީ ޚަބަރު ދެއެވެ.

ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒާޔިދް އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއް ވެފައިވާއިރު އެގައުމުގެ ހަގީގީ ވެރިއަކީ އޭނާގެ ކޮއްކޯފުޅު މުހައްމަދު ބިން ޒާއިދްއެވެ. މިއީ އިމްރާންޚާން ޕާކިސްތާނުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގަލްފުގެ ގައުމެއްގެ އިސްވެރިއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިދަތުރުފުޅުގައި މުހައްމަދު ބިން ޒާއިދު ވަނީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ބަޖެޓްގެ ދަތިކަމާ އިގްތިސާދީ މައްސަލަތައް ހައްލުކުރަށްޓަކައި 6.2 ބިލިޔަން ޑޮލަރުގެ އެހީގެ ޕެކެޖެއް ދިނުމަށް ނިންމިކަން އިޢްލާން ކުރައްވާފައެވެ. މި ޕެކެޖްގައި ހިމެނެނީ 3.2 ބިލިއަން ޑޮލަރުގެ ސާފުނުކުރާ ތެޔޮ ހިލޭ ޕާކިސްތާނަށް ފޯރުކޮށްދިނުމާއި 3ބިލިއަން ޑޮލަރުގެ ނަގުދު ފައިސާގެ ގޮތުގައި ޕާކިސްތާނުގެ މަރުކަޒީ ބޭންކްގައި ބަހައްޓައި ދިނުމެވެ. އެއީ ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ރަނގަނޅުކުރުމަށާއި ޕާކިސްތާނުގެ ރުޕީގެ އަގު ހިފެހެއްޓުމުގެ ގޮތުންނެވެ.

މުހައްމަދު ބިން ޒާޔިދުގެ މިދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާރިފް އަލްވީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. (ޔޫއޭއީގެ މީޑިޔާ)

comment ކޮމެންޓް