އައިލެންޑް އޭވިއޭޝަންގެ ކޮމިއުނިކޭޝަންސް މެނޭޖަރަކަށް މޫސާ ވަސީމް

އައިލެންޑް އޭވިއޭޝަންގެ ކޮމިއުނިކޭޝަންސް މެނޭޖަރަކަށް އައްޔަނުކުރި މޫސާ ވަސީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް)ގެ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރަކަށް މަގުބޫލު ޓީވީ ޕްރެޒެންޓަރު މޫސާ ވަސީމް އައްޔަނުކޮށްފި އެވެ.

ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެ މަގާމާއި ޕްރެޒެންޓަރެއްގެ މަގާމު އަދާކުރަމުން އައި މޫސާ ވަސީމް ވަނީ އައިސް ޓީވީގެ ސީއޯއޯގެ މަގާމު ވެސް އަދާކޮށްފަ އެވެ.

މޫސާ ވަސީމްއަކީ ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ފްރެންޗައިޒް ޓީވީޝޯ މޯލްޑިވިއަން އައިޑަލްގެ ތިން ސީޒަންގެ ވެސް ހޯސްޓެވެ. މޯލްޑިވިއަން އައިޑަލް މެދުވެރިކޮށް މޫސާ ވަނީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދާފަ އެވެ.

މީގެ އިތުރުން އޭނާއަކީ ދިރާގުގެ ބްރޭންޑް އެޑްވޮކޭޓެއްގެ އިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީން ކަނޑައަޅާފައިވާ އެންޓި ޑްރަގް އެމްބެސެޑަރެއް ވެސް މެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައި ފަހުން އައިލެންޑް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރަކަށް ވަނީ މުހައްމަދު ރިޒްވީ ހަމަޖައްސައިފަ އެވެ. އަދި ޑެޕިއުޓީ އެމްޑީއަކަށް އާއިޝަތު ޖެނިފާ ވަނީ އައްޔަނުކޮށްފަ އެވެ.

https://sun.mv/113544

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މޯލްޑިވިއަންގެ ޓިކެޓުގެ އަގު ހެޔޮކޮށް،، އަގުތައް އާންމުކޮށްފަ އެވެ. އަގުތަކުން ހެޔޮކޮށްފައި ވަނީ ކުރީގެ އަގުތަކާ އަޅާ ބަލާއިރު 25 ޕަސަންޓާ 30 ޕަސަންޓާ ދެމެދުގެ މިންވަރެކެވެ.

comment ކޮމެންޓް