އިންދިރާސް... (6)

ވާހަކައިގައި ތިބެފައި އައިސް ބަދިގެއަށް ވަން ފަޒީލާއާއި މޫނިސާއަށް އުނދުން ކައިރީގައި ހުރި ޒޯހާ ބަލާލިއެވެ. އަތުގައި އޮތް ދޭފަތުން އުނދުނަށް އުދާފައި ހުރި ރިހަ ތެލި ހަލުވާލަމުން ޒޯހާ ފަޒީލާއަށް ހިނިތުންވެލިއެވެ. އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވި ނުތަނަވަސްކަން ފާހަގަކުރެވުނީ މޫނިސާ އަށެވެ. އެއާއެކު އޭނައަށް ބަލާލެވުނީ ފަޒީލާގެ މޫނަށެވެ. ވަގުތު ނުތަންވަޅުވެފައިވާ މިންވަރާ މެދު މޫނިސާއަށް ވިސްނުން ހިންގާލެވުނީދެނެވެ. ހުކުރުން ފައިބާ އިރަށް އަފްލާކްއާއި މާރިޔާ އެގެއަށް އަންނާނެއެވެ. ދައްތަ ކަންތައް ކޮށްފާނެ ގޮތަކާމެދު މޫނިސާ ފިކުރުބޮޑުވިއެވެ. އަފްލާކް ދެކެ ދައްތަ އަންނަ ރުޅި ހަމަލޮލަށް ވަނީ ފެނިފައެވެ. ނުވީތާކަށް އެހާ ގިނަ ދުވަސް ފަހުން ދައްތަ އެގެއަށް އައުމުން އަވަހަށް ފޮނުވާލަން ވެސް މޫނިސާ ފަސްޖެހުނެވެ. އެއީ ހުތުރުކަމަކަށް ވާނެތީއެވެ.

ފަޒީލާ ފަރުވާތެރިކަމާއެކު ބަދިގެއަށް ނަޒަރު ހިންގަމުން ދިޔައެވެ. މެންދުރުގެ ކެއުމަށް ވަމުން އައި ތައްޔާރީތަކުން މެހުމާނުންތަކެއް އަންނަން އުޅޭކަން ފަޒީލާއަށް ނަގައިގަނެވުނެވެ. އެހެންނޫންނަމަ އެހާ ބޮޑަށް މެންދުރުގެ ކެއުމަށް މޫނިސާ ތައްޔާރެއް ނުވާނެއެވެ.

''މެންދުރަށް ގެއަށް ބަޔަކު އަންނަނީތަ؟...'' މޫނިސާއަށް ބަލާލަމުން ފަޒީލާ ސުވާލުކުރިއެވެ. އޭނަގެ ތޫނު ދެލޮލުން މޫނިސާގެ ނުތަނަވަސްކަން ފާހަގަކުރެވުމާއެކު އޭނައަށް ހުރިހާކަމެއް ފަހުމުވެގެން ދިޔައެވެ. އެއާއެކު ފަޒީލާގެ ކުލަވަރު ބަދަލުވިއެވެ. ހިތްހަމަނުޖެހުން އޭނަގެ މޫނަށް ވެރިވެގެން ދިޔައެވެ.

''ހަމަ އެކަމާއިގެން ކުރިއަށް ދާން ދޯ މޫނިސާ ތިހުރީ؟... މަ އެހާ ވަރަށް ބުނިމާވެސް އެއްޗެއް ވިސްނުނުކަމަކަށް ނުވި ދޯ؟... ހުރި ހަމައެކަނި އަންހެން ދަރިފުޅު އެކަހަލަ ގެއަކަށް ފޮނުވަން ތިއުޅެނީ ކީއްވެ؟... ރަށުތެރެއަށް އަރާފައިވާ އަޑުތަކާ މެދު ވެސް ވިސްނަން މޫނިސާ ބޭނުމެއް ނުވޭ ދޯ؟... އެސޮރުގެ ބައްޕަހާ ވިޔާނުދާ މީހަކު މިރަށުގަވެސް ނުހުންނާނެކަން މަށަށް ޔަޤީން!، ޒުވާން ފުރައިގެ އަންހެނުން ފަހަތުލައިގެން އުޅެނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީމަ، ކައިވެނި ނުކޮށް ގެއަށް އަންހެންކުދިން ވައްދައިގެން އުޅޭ ގޮތެއްފޮތެއް ނެތް މީހެއް އެއީ... އެފަދަ ފީކަޅާ މީހުންގެ ތެރެއަށް ހުރި ޖަވާހިރެއް ފަދަ ދަރިފުޅު ފޮނުވަން މޫނިސާގެ ހިތް ރުހުނީ ކިހިނެއް؟... އަހިވަކާޖެހި އަހިވަށް ފާވާނެއޭ ބުނާ އުސޫލުން ރަމީޒުގެ ދަރިވެސް ހިނގާނީ އޭނަގެ ފިޔަވަޅުތަކުގެ ދަށުން!... ނުވީތާކަށް އެރަމީޒުގެ ފަރާތުން ކުރިމަތިވާ ދުއްތުރާތަކަށް ވިސްނާލުން މުހިއްމުކަމަކަށް ނުވި ދޯ؟... އޭނައާ ހެދި ތިމީހުނަށް ދިރިއުޅެން ދަތިކަމަކަށް ވާ ހިސާބަށް ގޮސްފި، ދެން ވެސް އެއްޗެއް ވިސްނޭކަށް ނުވޭތަ؟''

ފަޒީލާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. އޭނަ އެތައް ވަރަކުން ވިސްނައިދީގެން ވެސް މޫނިސާގެ ނިންމުން ބަދަލުނުކުރެވުމުން އެކަމުގެ ނުރުހުންތެރިކަން އޭނަގެ ދެލޮލުން ފެނެއެވެ. އޭނަ ޒޯހާއަށް ބަލާލީވެސް ރުޅިވެރިކަމާއެކުގައެވެ. އެފަދަ ވިޔާނުދާ ޢާއިލާއެއްގެ ޒުވާނަކު ނޫނީ އިހުތިޔާރުކުރަން ޒޯހާއަށް ނޭގުނީ ހެއްޔެވެ؟ ޒަވާޖީ ހަޔާތެއް ފަށަން އުޅޭ އިރު އިހުތިޔާރުކުރަން ޖެހޭނީ ރަގަޅު ޢާއިލާއަކުން އައިސްފައިވާ ހަރުދަނާ ޒުވާނެކެވެ. އިސްލާމީ ރަގަޅު އުސޫލު ލިބިފައިވާ މައިންބަފައިންގެ ފަރާތުން ތަރުބިއްޔަތު ވެފައިވާ ޒުވާނަކަށްވުން ލާޒިމުވާނެއެވެ. މީހާ އުޅެމުން އަންނަ މާހައުލުގެ މޫގަނޑު ފަސާދަވެފައިވާނަމަ ފުރާފުރިހަމަވަމުން އަންނަ އިރު އެއްވެސް ކަހަލަ އަހުލާގެއް އަށައެއްނުގަންނާނެއެވެ. ތިމާ އުޅެބޮޑުވި މާހައުލަކީ ތިމާގެ ޝަހުސިއްޔަތު ބިނާކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާނެ އެއްޗެކެވެ. އެހުރިހާ ކަމަކަށް ބަލާއިރު އެއްވެސް ޝަރުތަކަށް އަފްލާކް ކުފޫ ހަމަނުވެއެވެ.

މުއްސަނދިކަމާއި ބާރު ލިބިފައިވުމަކީ މީހާގެ އުޅުން އޮފުދާރުވާނެކަމެއް ނޫނެވެ. ފައިސާގެ ބާރުން ތިމާގެ ނުބައި އާދަތައް އެހެނިހެން މީހުންގެ ލޯތަކަށް ފަރުދާއެއްވެސް ނުކުރެވޭނެއެވެ. ވިދާހާއެއްޗަކީ ރަނެއް ނޫނޭ މުސްކުޅިން ބުނެ އުޅެނީވެސް އެހެންވެއެވެ. އެބީދައިން ބަލާއިރު އަފްލާކްއަށް އިތުބާރުކުރާކަށް ފަޒީލާ ބޭނުމެއް ނުވެއެވެ. އޭނަގެ ނަޒަރުގައި އަފްލާކްގެ ޢާއިލާއަކީ ރަށުގައިވާ އެންމެ ފީކަޅާ ޢާއިލާއެވެ. ކަން އެހެން އޮތް އިރު އޭނަގެ ޢާއިލާގައި ހުރި ޖަވާހިރެއްފަދަ އަންހެން ދަރިއަކު އެކަހަލަ ބަޔެއްގެ އަތްމައްޗަށް ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ އެއިން އެއްވެސްކަމެއް މޫނިސާއަށް ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ދަރިފުޅުގެ އުފަލަށްޓަކައި އެކަންތައް ނުފެންނަކަމަކަށް ހަދަން އުޅެނީ ހެއްޔެވެ؟ އެހެންވެއްޖެނަމަ އެއީ ގޯހެކެވެ. ޒޯހާއަށް ދެރައެއް ލިބުމުގެ ކުރިން ހުރިހާ އެންމެނަށް އެއްޗެއް ވިސްނައިދޭން ސިކުނޑި ސަލާމަތުން ހުރި ހަމައެކަނި މީހާ މަސައްކަތްކުރަން ޖެހޭނެއެވެ. އެހައިސިއްޔަތުން އޭނަ އެބަލަނީ އެންމެނަށް އެއްޗެއް ވިސްނައިދެވޭތޯއެވެ.

''އެ ކައިވެންޏަށް އައްޔޫބު ރުހުން ދިނީ ކިހިނެއް؟... މަ އެހާ ވަރަށް ދެކޮޅު ހެދީމަ ވެސް އާނ ބަސް ދިނީ ކީއްވެ؟... ބައެއްފަހަރު ދަރިފުޅުގެ އުފަލަށް ވުރެން ބޮޑަށް އެދަރިފުޅުގެ މުސްތަޤުބަލާ މެދު ވިސްނަން ޖެހޭނެ... ޒޯހާގެ މުސްތަޤުބަލު އަފްލާކް އަކާ އިނދެގެން އުޖާލާވެދާނެޔެކޭ އަހަރެން ނުބުނާނަން... އޭނަގެ ކިބައިގައިވެސް އޭނަގެ ބައްޕަގެ ވިޔާނުދާ ސިފަތައް ހުންނާނެ، އައްޔޫބު އަދި މޫނިސާގެ ރުހުން ހޯދަން ވެގެން އޭނަ ތިމާވަރުގެ ހެޔޮ މީހަކު ދުނިޔެމަތީގައި ނެތްކަމަށް ހެދިގެން އެއުޅެނީ... ކައިވެނި ކުރުމަށްފަހު އޭނަގެ ކުލަ ނިކަން އަވަހަށް ބަދަލުވެގެން ދާނެ... އޭރުން ހުރިހާ ދެރައެއް ލިބޭނީ ހަމަ ޒޯހާއަށް...''

މިފަހަރު ރުޅިވެރިކަމަށް ވުރެން ބޮޑަށް ފަޒީލާގެ އަޑުގައި މޮޅިވެރިކަމުގެ އަސަރު އެކުލިވިފައި ވިއެވެ. މޫނިސާއަށް ވިސްނައިދޭން ފަޒީލާ މަސައްކަތްކުރިއެވެ. އަފްލާކްއަކީ ޒޯހާއަށް އެންމެ އެކަށީގެންވާ ބައިވެރިޔާ ނޫންކަމަވެ. އެއަށްވުރެން ރަގަޅު އަދި ހަރުދަނާ ޒުވާނަކު ޒޯހާއަށް ލިބޭނެކަމަށް ވެސް މެއެވެ.

ރައްދުގައި އެއްޗެއް ބުނަން ޒޯހާ ބޭނުންވިއެވެ. ނަމަވެސް ތިމާއަށްވުރެން ބޮޑެތި މީހުންނާ ޖަދަލުކުރަން ބަސްބުނުމަކީ ޒޯހާގެ ކިބައިގައި ހުންނަ ސިފައެއް ނޫނެވެ. އެހެންވެ ދުލުކުރިއަށް އަންނަން އުޅުނު ބަސްތައް ޒޯހާއަށް ޖެހުނީ ދިރުވާލާށެވެ. އޭނަގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެދާނެތީއެވެ. އެހިނދު އޭނައަށް ބަލާލެވުނީ މަންމަ އަށެވެ.

''ދައްތާ، ތިކަހަލަ ތުހުމަތުތައް ހަޤީޤަތް ނޭގޭ ހާލު މީހުންގެ ބޮލުގައި އެޅުވުމަކީ ރަގަޅުކަމެއް ނޫން، ރަމީޒު ކިތަންމެ ނުބައި މީހަކަށް ވިޔަސް އަފްލާކްއަކީ ވަރަށް ހިތްހެޔޮ އަދި ހަރުދަނާ ޒުވާނެއް، އަފްލާކް ވެސް ހުންނަނީ އޭނަގެ ބައްޕަގެ އަމަލުތަކުން ލަދުގަނެފަ... ރަމީޒުގެ ސަބަބުން ކުށެއް ނެތި ތިކަހަލަ ކިތައް އިލްޒާމުތައް އަފްލާކްގެ ބޮލުގައި އެޅިގެން ދޭ... އެކަމުން އަރައިގަންނަން އެސޮރު ކުރާ މަސައްކަތާ މެދު ދައްތަ އެއްފަހަރު ވެސް ވިސްނާލަބަލަ... އަފްލާކްއަށް ލިބިފައި އެވަނީ މާރިޔާގެ ތަރުބިއްޔަތު، މާރިޔާގެ ހިތްހެޔޮކަމާއި މަޑުމައިތިރިކަން އަފްލާކްއަށް ލިބިފައި އެވަނީ... ރަމީޒުގެ އެއްވެސް ސިފައެއް އަފްލާކްގެ ކިބައިގައި ނުވޭ، ދައްތަވެސް އެއްފަހަރު ހިތުގައިވާ ނުރުހުންތެރިކަން އެއްފަރާތްކޮށްލައިފިނަމަ އަފްލާކްގެ މިޒާޖު ފެނިގެންދާނެ، އަދި އެއްވާހަކަ، މިހާރު އަފްލާކްއާއި މާރިޔާ އުޅެމުން ދަނީވެސް އެރަމީޒުއާ ވަކިން...''

މޫނިސާ ބުނެލިއެވެ. އެއާއެކު ފަޒީލާ މޫނު ހަދާލަމުން ތުންއަނބުރާލިއެވެ. އޭނަގެ ނަސޭހަތުގެ ކުރި ކަނޑާލުމުން މޫނިސާ ދެކެ ހިތްހަމަނުޖެހުނެވެ.

''ތި މާރިޔާއަކީ ތިބުނާހާ ހިތްހެޔޮ އަދި އަދަބުވެރި އަންހެނެއް ނަމަ ކީއްވެގެންތަ އޭނަގެ ކުރީގެ ފިރިމީހާ މަރުވުމާއެކު ގިނަދުވަސްތަކެއް ނުވަނީސް އޭނަގެ ކުރީގެ ފިރިމީހާގެ ކޮއްކޮއާ އިނީ؟... އެކޮއްކޮގެ ނުބައިކަން އެނގި ހުރެ ވެސް ވަރިނުވެ މިހުރިހާ ދުވަހު އިނދެގެން އިނީ؟... މޫނިސާ ކޮންމެ އެއްޗެއް ކިޔަސް އޭނަވެސް ވާގީ ދީގެން ރަމީޒުއަށް އެހެން އުޅެވޭނީ... އޭނަގެ ގޮތެއްފޮތެއް ނެތީމަ ހިލޭ އަންހެނުންނާއެކު ފިރމީހާ އުޅެން ދޫކޮށްލައިގެން ހުންނާނީ، މަށަށް ޔަޤީން ލާރީގެ ދަހިވެތިކަމުގަކަން އޭނަ އުޅުނީ... ލާރި ލިބި އޭނަގެ ދަރި އަމިއްލަ ވިޔަފާރިއެއް ފެށީމަ އަވަހެއްނު ވަރިވިލެއްވެސް، އެއްފޮތަކުން ކިޔަވައިގެން އުޅޭ މީހުން އެއީ... މަ ހަމަ ކޮސްވެއްޖެ މޫނިސާމެނަށް އެއްޗެއް ނުވިސްނޭތީ، ނިކަން މީހުންގެ ތުންތުންމަތިން ދެކެވޭ ވާހަކަތައް ވެސް އަޑުއަހާބަލަ...'' ފަޒީލާ ރުންކުރުވިއެވެ.

''ދައްތާ... ތި ކަހަލަ ދޮގު އިލްޒާމުތައް މީހުންގެ ބޮލުގައި އަޅުވަން ހެޔޮވެސް ނުވާނެ، އެއްފަހަރު ވިޔަސް ހަޤީޤަތް ހޯދަން އުޅެބަލަ، މީހުންގެ މަޖުބޫރީ ހާލަތަކީ ކޮބައިކަން އޭރުން އިނގޭނެ... މާރިޔާގެ ބޮލުގައި ތިކަހަލަ އިލްޒާމުތައް އަޅުވަން ހެޔޮވެސް ނުވާނެ... އަދި މީހުންގެ ތުންތުންމަތިން ދެކެވޭ ވާހަކަތަކަށް އިތުބާރުކުރާކަށްވެސް ނުވާނެ، އެކަހަލަ ފިތުނަތަކާ އަބަދުވެސް ދުރުވާން ޖެހޭނެ....''

މޫނިސާއަށް ތަންކޮޅެއް އަޑުހަރުކޮށް ބުނެވުނެވެ. އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. މާރިޔާ އުފުލި ވޭނާއި ތަކުލީފުތަކުގެ ސިލްސިލާ އަޑުއިވިފައިވާނަމަ އެމޭރުމުން ދައްތަ ވާހަކަނުދެއްކީހެވެ. އަފްލާކްއާއި ޒޯހާ ރައްޓެހިވިތާ ކުރީކޮޅު އޭނައާ ބައްދަލުކޮށް މާރިޔާއާއި އަފްލާކްގެ އުދާސީ ދިރިއުޅުން މާރިޔާ ވަނީ ހިއްސާކޮށްފައެވެ. އަދި ހަމައެއާއެކު މާރިޔާގެ މާޒީގެ ސިއްރުތައްވެސް ހާމަކޮށްދިނެވެ. މާރިޔާގެ މަޖުބޫރީ ހާލަތެވެ. ރަމީޒުގެ ނުބައިކަމެވެ. ރަމީޒު ދިން އިންޒާރުތަކެވެ. ރަމީޒުގެ ފަރާތުން ކުރިމަތިވި އަނިޔާތަކެވެ. އެހުރިހާ ކަމަކަށް މާރިޔާ ކެތްކުރީ ހަމައެކަނި އަފްލާކްއަށް ޓަކައެވެ. މާރިޔާގެ މާޒީގެ އަނދިރި ސިއްރުތަކަކީ އަފްލާކްއަށް ވެސް ސިއްރުކުރެވިފައިވާ ކަންތަކެވެ. އެވާހަކަތައް އަޑުއިވިފައި އޭނައަށް ރޮވުނެވެ. މާރިޔާއާ މެދު ހަމްދަރުދީވެވުނެވެ. އެފަދަ ދުވަހެއް އެއްވެސް އަންހެނަކަށް ނުދެއްކެވުމަށް އެދި ދުޢާކުރެވުނެވެ. މާރިޔާގެ ޝަހުސިއްޔަތަށް ހުތުރުއަރުވައި ދައްތަ ދެއްކި ވާހަތަކުން އިތުރަށް ހިމޭނުން ހުންނަން މޫނިސާއަށް އުނދަގޫވީ އެހެންވެއެވެ.

އަފްލާކްގެ ދިފާއުގައި މަންމަ ތެދުވުމުން ޒޯހާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ބޮޑުދައިތަގެ ނުފޫޒުން އެއްކިބާވެ މަންމަގެ ހިތްވެސް އަފްލާކްއަށް މުޅިން ސާފުވެފައިވާކަން ޒޯހާއަށް ނައިގަނެވުނެވެ.

''މައްސަލައެއް ނެތް، މޫނިސާ ބުނީތީ މަ ޤަބޫލުކޮށްފާނަން އަފްލާކް އަދި އޭނަގެ މަންމައަކީ ރަގަޅު މީހުން ކަމުގައި، އަފްލާކްއަކީ ރަމީޒުގެ ދޮންދަރިއަކަށްވުމުން ރަމީޒުގެ ނުބައިކަން ވާރުތަ ނުކުރާނެކަމަށް ވެސް... އެކަމަކު... އެކަމަކު ޒޯހާއާއި އަފްލާކްގެ ކައިވެންޏާ ދެކޮޅު ހަދަން ރަމީޒު އެކުރާ ކަންތަކުން ޒޯހާއަށް ސަލާމަތެއް ލިބޭނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް، އޭނަގެ ފަރާތުން އައްޔޫބު އަދި މޫނިސާއަށް ކުރިމަތިވާ އުނދަގޫތަކަށް ހައްލެއް ލިބޭނެތަ؟... މިހެން ގޮސް ބައިވަރު ކަންތައް ހުރީމަ މަ މިބުނަނީ މިކަންތައް ހުއްޓުވާށޭ... ފަހުން ބޮޑު ހިތާމައެއް ލިބުނީމައެއް ނޫން އެއްޗެއް ވިސްނެން ވީކީއެއް، ވަގުތު އޮތްވާ ރަގަޅު ފިޔަވަޅު ނަގަންވީ، ފަހުން ދެރަވެ ހިތާމަކުރިޔަސް ލިބޭނެ މަންފާއެއް ނޯންނާނެ...'' ފަޒީލާ ލޯހަދާލަމުން ބުންޏެވެ.

''އަހަރެން އަފްލާކްއަށް ފުރިހަމައަށް އިތުބާރުކުރަން، އަފްލާކްގެ ފަރާތުން ޒޯހާއަށް ފުރިހަމަ ރައްކާތެރިކަމާ، އަޅާލުމާއި ލޯބި ލިބޭނެކަން ޔަޤީންކުރަން... ރަމީޒު އެކުރާ ކަންތައްތަކަކީ އޭނަގެ ފިނޑިކަން އަހަރުމެންނަށް އިތުރަށް ސާބިތުކޮށްދޭ ކަންތައް... އޭނަ ކުރާ ކޮންމެ ކަމަކުން އަފްލާކްއާއި އޭނައާ ހުރި ފަރަގު އަހަރުމެންނަށް ހާމަވެގެންދޭ... އޭނަ ކުރާ ކަންތައް ހުއްޓާލާނެ ކާމިޔާބު ނުލިބޭނެކަން އެނގުމުން، މިހާރުވެސް އޭނަގެ އުނދަގުލެއް ނުފޯރާ...'' މޫނިސާގެ ފަހު ޖުމްލައާއެކު ފަޒީލާގެ އަނގަ ސަކާރަތްވިއެވެ. އަނގަޔަށް ގޮތެއް ހަދާލެވުނީ އެހެންވެއެވެ. އިތުރަށް ބުނާނެ އެއްޗެއް އޭނަގެ ދުލަކަށް ނައެވެ. ހިތްހަމަނުޖެހުމާއެކު ހަށަންބަނދެލެވުނީ އެހެންވެއެވެ.

''އެހެންވިއްޔާމު އައްޔޫބުއާއި މޫނިސާ ބޭނުން ގޮތަކަށް ކަންތައް ކުރޭ، ތި މީހުންގެ ދަރިއަށް ވީމަ އެދަރިއަށް ރަގަޅު ގޮތް އެނގޭނީވެސް ތިމީހުންނަށް، މަށަކީ ހިލޭމީހެއްނު...'' ދެރަވެފައިވާ އަޑަކުން ފަޒީލާ ބުނެލިއެވެ. އޭނަގެ މަޤުސަދު ކަމުގައިވީ ޖަޒުބާތުތަކުގެ މަދަދާއެކު މޫނިސާގެ ވިސްނުމާ ކުޅެލުމެވެ. ނަމަވެސް އެއަށްވުރެން މޫނިސާ މާ ހުޝިޔާރެވެ. އެތައް އަަހަރުތަކެއް ވަންދެން އެކުގައި އުޅެވުމުން ދައްތަގެ ގޮތް ވަރަށް ރަގަޅަށް މޫނިސާއަށް ވަނީ ދަސްވެފައެވެ. އޭނައާއި ދައްތަގެ ވިސްނުމުގައި އެހާ ބޮޑު ފަރަގެއް ވެސް ހުންނަނީ އެހެންވެއެވެ. ދައްތަ އަބަދުމެ ޤަބޫލުކުރާނީ ލޮލަށް ފެންނަ މަންޒަރުތަކެވެ. އެއީ ދޮގަކަށް ވިޔަސް ހެވެވެ. އޭގެ ފަހަތުގައި އިތުރު ހަޤީޤަތެއް އޮތްތޯވެސް ނުބަލާނެއެވެ. އެކަމަށް އަހައްމިޔަތުކަމެއް ވެސް ނުދޭނެއެވެ. އެހެނަސް، އޭނައަކީ ހުރިހާކަމެއްގެ ހަޤީޤަތް ބަލާފައި މެނުވީ އެއްވެސް ކަމަކަށް އިޖާބަދޭ މީހެއް ނޫނެވެ. އަފްލާކްގެ މައްސަލާގައި ދެމީހުންގެ ޚިޔާލު ފުށުއަރަނީ އެހެންވެއެވެ.

*****

ހުކުރުން ފޭބިތާ އިރުކޮޅެއް ނުވަނީސް ފަޒީލާ އޭނަގެ ގެއަށް ދާން ދަތުރު ފެށީ އައިސްފައި ހުރި ރުޅިގަނޑު އަފްލާކްއާއި މާރިޔާއަށް އަމާޒުކުރެވި ގޭތެރޭގައި ބޮޑު ހަމަނުޖެހުންގަނޑެއް ހިނގާފާނެތީއެވެ. ފަޒީލާ ދަމުން ދިޔައީ ކުދިކިޔަމުންނެވެ. އަފްލާކް އަދި ޒޯހާގެ ކައިވެންޏަށް މޫނިސާ ހުށަހެޅި ދައުވަތު ވެސް ބޮލާލާޖަހާފައި ދިޔައީ ހިތްހަމަނުޖެހިފައި ހުރިވަރު އެންގުމަށެވެ.

ފަޒީލާ ނުކުމެގެން ދިޔަ މަންޒަރު ބަލަން މޫނިސާއަށް ހުރެވުނީ ދެރަވެފައެވެ. ދައްތަ ކަންތައް ކުރި ގޮތުން އޭނަގެ ހިތަށް އަސަރުކުރީއެވެ.

ގޭޓާ ދިމާއަށް މޫނިސާ ބަލަން ހުއްޓާ ޒޯހާ އައިސް މޫނިސާގެ ކޮނޑު މަތީގައި އަތް ބާއްވާލިއެވެ. އެއާއެކު މޫނިސާ އޭނަގެ މޫނުމަތިން ހިތާމައިގެ އަސަރު ވަންހަނާކުރަން މަސައްކަތްކުރާ ހާލު ޒޯހާއަށް ބަލާލިއެވެ.

''މަންމާ... ދެރަނުވޭ... އަފްލާކްގެ ރަގަޅުކަން ފާހަގަކުރެވުމުން ބޮޑުދައިތައަށް ވެސް ވިސްނޭނެ... ﷲގެ އިރާދަފުޅާއެކު ހުރިހާކަމެއް ރަގަޅުވާނެ...'' މަންމަގެ ހިތަށް ތަސައްލީ ހޯދައިދޭން ޒޯހާ މަސައްކަތްކުރިިއެެވެ.

*****

ކޯޓު އަމުރާ އެއްގޮތަށް ފުލުހުން އަވަސްވެގަތީ ބޯޓު ފާސްކުރުމަށެވެ. ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަށް ބިނާކޮށް ބޯޓުގައިވާ ހުރިހާ ސާމާނެއް ފާސްކުރެވެމުން ދިޔައީ މަސްތުވާތަކެތި ހޯދުމަށެވެ. އޭރު އައްޔޫބުގެ އިތުރުން ބޯޓުގެ އިތުރު ފަޅުވެރިން ވެސް ތިބީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ބަނދަރު މަތީ މަޑުކޮށްލައިގެން ކޮންމެ މީހަކު ބޯޓަށް ނަޒަރުހުއްޓާލައިގެން ތިބިއިރު އެދިމާލުގައި ހަރަކާތްތެރިވަމުން ދިޔަ އިތުރު ބަޔަކުވެސް އެތަނަށް ޖަމާވަމުން ދިޔައެވެ. ވާންއުޅޭގޮތެއް ނޭގި ފަޅުވެރިންތައް ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހެން ތިއްބާ ފެނުނީ ފޮށިތަކެއް ހިފައިގެން ފުލުހުން ނިކުތްތަނެވެ. އެމަންޒަރު ފެނުނު އައްޔޫބުގެ މޫނުން ހާސްކަން ފެނިގެން ދިޔައެވެ. ބޯޓުގެ ފަޅުވެރިންވެސް ހައިރާންކަމާއެކު ބަލާލީ އައްޔޫބު އަށެވެ.

*****

''ކޮންއިރެއް މާރިޔާމެންގެ އިންތިޒާރުގައި ތިބޭތާ... ލަސްވެގެން ގުޅަންކަމަށް އުޅެނިކޮށް ތިއައީވެސް... އަވަހަށް ހިނގާ ބަދިގެއަށް...'' ސުފުރާމަތި ތައްޔާރުކޮށް ނިންމާލުމަށްފަހު، މާރިޔާމެންގެ އިންތިޒާރުގައި ބޭރު ޖޯލިފަތީގައި އިން މޫނިސާއަށް ގޭޓު ހުޅުވާލާފައި ވަދެގެން އައި މާރިޔާއާއި އަފްލާކް ފެނުމުން އަވަސްއަވަހަށް ޖޯލިން ތެދުވެއްޖެއެވެ.

މޫނިސާއާއި މާރިޔާގެ ފަހަތުން އަފްލާކް ވެސް ބަދިގެއަށް ދާން މިސްރާބުޖެހިއެވެ.

''ހާދަ ވަރަކަށް ތި ހޯދަނީ... ޒޯހާ ވީ ކޮޓަރީގަ، ދެންމެ މިތާ މަންމައާއެކު އިނދެފަަ ފޯނު ނަގަންށޭ ކިޔާފަ ދިޔައީ...'' އަފްލާކް ގޭގެ އެކިދިމަދިމާއަށް އުކަމުން ދިޔަ ނަޒަރުތައް ފާހަގަކުރެވުމާއެކު މޫނިސާ ބުންޏެވެ. އެއާއެކު އަފްލާކް ރަކިވިއެވެ. އެމަންޒަރު ފެނުނު މާރިޔާ އަދި މޫނިސާއަށް ހެވުނެވެ. އޭގެ ސަބަބުން އަފްލާކް އިތުރަށް ރަކިވާ ގޮތް ވިއެވެ. އެއާއެކު އޭނައަށް ބޮލުގެ ފުއްކިބައިގައި އަތްތިލަ ހިންގާލެވުނެވެ.

*****

''އައްޔޫބު ހާދަ ލަސްވަނީ... ދަރިފުޅު ނިކަން ގުޅާލަބަލަ... މާބޮޑަށް ވެސް ލަސްވެއްޖެހެން މަންމައަށް ހީވަނީ، ހުކުރުން ފައިބާ އިރަށް އަންނާނަމޭ ބުނި މީހާ ވިއްޔަ އެއީ، މިހާރު ހާދަ ގިނައިރު ވެއްޖެޔޭ، ކާއެއްޗެހިވެސް ފިނިވާން ކައިރިވެއްޖެ...'' ކާމޭޒު ދޮށުގައި އިން މޫނިސާ ބަލާލީ ޒޯހާ އަށެވެ. އައްޔޫބު އަންނަން ދެން ކެއުމަށް އިންސާފުނުކޮށް މަޑުކޮށްލަން މާރިޔާ ބޭނުންވާތީ ހުރިހާ އެންމެން ތިބީ އައްޔޫބުގެ އިންތިޒާރުގައެވެ. އެހެން ތިއްބާ އިރުކޮޅެއް ފާއިތުވެ ހިނޖައްޖެއެވެ.

ކުއްލިޔަކަށް ރިންގްވާން ފެށީ އަފްލާކް އަދި ޒޯހާގެ ފޯނު އެކުއެކީގައެވެ. އެއާއެކު ދެޒުވާނުންނަށް ވެސް ހައިރާންކަން ލިބުނެވެ. މާރިޔާއާއި މޫނިސާ ވެސް ވަކިވަކީން ދެޒުވާނުންނަން ބަލާލިއެވެ.

''އެބަ އަންނަން ފޯނަށް ޖަވަބު ދީފައި...''

އަފްލާކް ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އޭނައަށް ގުޅަނީ ފުލުހުގައި އުޅޭ އެކުވެރި އާޒިިމްއެވެ. އެއާއެކު ކާމޭޒު ދޮށުން ދިއުމުގެ ހުއްދަކައަށް އަފްލާކް އެދުނެވެ. އެއާއެކު އަފްލާކްއަށް ބަލާލި މޫނިސާއަށް ބޯޖަހާލެވުނެވެ. ހިސާބެއްގެ ނުތަނަވަސްކަން އަފްލާކްގެ ފަރާތުން މަރިޔާއަށް ފެނި ސުވާލު އުފެދުނެވެ. ކާކޮޓަރިން ނިކުމެގެން ދިޔަ އަފްލާކްއަށް ބަލަން މާރިއާއަށް އިދެވުނެވެ.

''ހަލޯ ވާފިރުބޭ...''

ޒޯހާ އޭނަގެ ފޯނަށް ޖަވާބުދިނެވެ. ލިބެން އުޅޭ ބިރުވެރި ޚަބަރުގެ ފުރަތަމަ އިންޒާރުގެ ރަނގަބީލު ޒޯހާގެ ކަންފަތާ ހަމައަށް ފޯރީ ދެނެވެ. މީހާއަށް ސިހުން ގެނުވާފައެވެ.

''ޒޯހާ... ވަރަށް ބޮޑަށް ކަންތައް ގޯސްވެގެން މިއުޅެނީ... ޒޯހާގެ ބައްޕަ ދެންމެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި... މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ފުލުހުން ބުނަނީ... ބޭބެ މިހާރު މިދަނީ ފުލުހުންގެ އިދާރާއަށް، މަންޖެ ވީހާވެސްއަވަހަކަށް އާދޭ...... ހެކި ހުރިކަމަށްވެސް ފުލުހުން އެބަބުނޭ...''

ވާފިރުގެ ޖުމްލައާއެކު ޒޯހާއަށް ލިބުނީ ކުއްލި ސިހުމެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި މޫނު ހުދުވެގެން ދިޔައެވެ. ނޭވާގެ ހިނގުން މަޑުޖެހިލިއެވެ. ހިތުގެ ތެޅުން އަވަސްވީނުން މެޔަށް އުނދަގޫވާ ހިސާބަށް ދިޔައެވެ. އަތުން ދޫވި ފޯނު ބިންމަތީގައި ޖެހުނު އަޑުފަށްގަނޑު މުޅިތަނުގައި ހިފާލިއެވެ.

(ނުނިމޭ...)

https://sun.mv/113523

comment ކޮމެންޓް
ގުޅޭ ޚަބަރު