ޕްލާސްޓިކާ ނުލައި ހަމަ ނުވާނެތަ؟ މާޅޮހުން މިއޮތީ މިސާލު ދައްކާފައި!

މާޅޮހުގައި ހުންނަ އާރުއޯ ޕްލާންޓުގައި އުފައްދާ ބިއްލޫރި ފެންފުޅި ---ފޮޓޯ: ޓުވިޓާ

ޕްލާސްޓިކާ ނުލާ ހަމަ ނުވާނެ ހެއްޔެެއް؟ ރާއްޖޭގައި ޕްލާސްޓިކް "ވަކި ހިއްޕާފައި"ވާ ވަރުން މިއީ ހަމަ ކޮންމެ މީހެއްގެ ވެސް ހިތުގައި އުފެދޭނެ ސުވާލެކެވެ.

ޕްލާސްޓިކޭ ބުނެފި ނަމަ ރާއްޖެ އިން އެންމެ ފުރަތަމަ ފެންނާނީ ޕްލާސްޓިކް ފުޅިތަކެވެ. އެއްގަމު ފަހަނައަޅާ ގޮސް މާ ސިންގާ ކަނޑު ވެސް ޕްލާސްޓިކަށް ހުރަހެއް ނެތެވެ. ބޮޑު ފުންޏެއްހެން ކޮންމެ ދުވަހަކު ރާއްޖޭގައި ދައުރުވަމުންދާ ޕްލާސްޓިކްތަކަކީ ނިމުމެއް ނެތް ސިލްސިލާއެކެވެ. އެންމެ ކުޑަމިނުން ބޯފެން ފޮދެއް ވެސް ލިބެނީ ހަމަ ޕްލާސްޓިކް ފުޅިއެއްގަ އެވެ.

ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ސްކޫލުތަކުގައި ތައާރަފްކުރަމުން މިހާރު ދިޔަ ނަމަވެސް އެއީ މުޅިން ހައްލެއް ނޫނެވެ.

ޕްލާސްޓިކާ ދުރުވުމުގެ ގޮތުން ބ. މާޅޮހުން މިހާރު ވަނީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ފަށައިފަ އެވެ. ކުޑަ ކުޑަ އާބާދީއެއް އޮންނަ މާޅޮހުގައި މި ފެއްޓި ހިދުމަތަކީ ކުޑަކޮށް ފެށި ނަމަވެސް މުސްތަގުބަލެއް އޮތް އުފެއްދުމެކެވެ.

މިދިޔަ ޑިސެމްބަރު މަހު އެ ހިދުމަތް ފެއްޓީ އެ ރަށުގެ ދެ ޖަމިއްޔާއަކާއި ސޮނެވާ ފުށީގެ ކޯޕަރޭޓިކް ސޮސައިޓީ ގުޅިގެންނެވެ.

"މި ޕްރޮޖެކްޓަށް އެހީވުމުގެ ގޮތުން ސޮނެވާ އިން ދިން އާރުއޯ ޕްލާންޓެއް،" މާޅޮހު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުގެ ފެން ތައްޔާރުކުރާ ޕްލާންޓްގައި ތިން ޓަނުގެ ކެޕޭސިޓީ ހުރި ކަމަށެވެ. އަދި އެ ތަނުގައި ތައްޔާރުކުރާ ބިއްލޫރި ފުޅިތައް މިހާރު ވެސް އެ ރަށުގެ ގެސްޓް ހައުސްތަކާއި އަދި ގޭގެއަށް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޅޮހުގައި ހުންނަ އާރޮ އޯ ޕްލާންޓުގައި އުފައްދާ ބޮޑެތި ރީފިލްކުރަ ބިއްލޫރި ފެންފުޅި މީހަކު އުފުލަނީ---ފޮޓޯ: މާޅޮސް ކައުންސިލް

ބިއްލޫރި ފުޅީގައި ފެން ބަންދުކުރި ނަމަވެސް އެ ފުޅިތަކުގެ އަގު ބޮޑެއް ވެސް ނޫނެވެ. ފައްސަތޭކަ އެމްއެލްގެ ކުޑަ ފުޅިއެއް ވިއްކަމުން ދަނީ 2.5 ރުފިޔާ އަށެވެ. އަދި 18.9 ލީޓަރުގެ ބޮޑެތި ރީފިލްކުރާ ފެންފުޅިތައް ވިއްކަމުން ދަނީ 50 ރުފިޔާ އަށެވެ. މިއީ ޕްލާސްޓިކް ފުޅިތައް މިހާރު ވިއްކަމުންދާ އަގަށް ވުރެ ގައިމު ވެސް ހެޔޮ އަގުތަކެކެވެ.

"އަޅުގަނޑުމެން ފުޅިތައް ގެންގޮސް ހުސްވީމާ އަނބުރާ ޕްލާންޓަށް ގެނެސް ދެން އަނެއްކާ ވެސް ފެން ބަންދުކޮށްގެން ވިއްކަނީ. މިހާރު ވެސް ކޮންމެ ވެސް ވަރަކަށް ރަށުގައި ޕްލާސްޓިކް ފެންފުޅި ބޭނުންކުރޭވޭ،"

މުޖުތަބާ ވިދާޅުވީ އެ ބޭފުޅުންގެ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރިން މުޅި ރަށުން ޕްލާސްޓިކް ފުޅި ބޭނުކުރުން ހުއްޓާލުން ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ އަމާޒެއް ކައިރި ރަށްރަށަށް ވެސް މިކަން ތައާރަފްކުރުން." މުޖުތަބާ ވިދާޅުވި އެވެ.

ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން މާޅޮހުގައި ފެށުމަކީ އަދި ހަމައެކަނި ފެށެމެކެވެ. މިކަން ދާއިމީގޮތަށް ކުރެވިދާނެތޯ މިއީ ސުވާލެކެވެ. އެކަން ޖެހޭނީ ތަޖުރިބާ ކުރާށެވެ.

މާޅޮހުގައި އެކަން ކުރަމުންގެންދަނީ ވެސް ސީދާ ވިޔަފާރީގެ އުސޫލަކުން ނޫނެވެ. މިއީ ސޮނެވާ ފުށީގެ ރިސޯޓާ ގުޅިގެން ހިންގާ ޗެރިޓީ ޕްރޮގްރާމްއެއްގެ ދަށުން ހިންގަމުންދާ ޕްރޮޖެކްޓެކެވެ.

"މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވިދާނެ. މިހާރު ވެސް ރަށުގެ ދެ ގެސްޓްހައުސްއަކަށް އަޅުގަނޑުމެން މިދަނީ ފެން ފޯރުކޮށްދެމުން،" ކައުންސިލްގެ ރައީސް އަބްދﷲ ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު އޯޑަރު ލިބިފައި އެބަ އޮތް މި އަތޮޅު ދަރަވަންދޫގެ އެންމެ ބޮޑު ގެސްޓްހައުސްއަށް ވެސް ފެން ފޯރުކޮށްދޭން. މިރަށުގައި 97ގެ ހުންނަ އިރު 50 ގެއަކުން އެބަ މިހާރު މިފެން ބޭނުންކުރޭ. އާންމުންގެ ތަރުހީބު ވަރަށް ރަނގަޅު. އެކަމަކު އަޅުގަނޑުމެންނަށް ފުޅި އިތުރަށް ބޭނުންވޭ. އޭރުން ސަޕްލައި އިތުރު ކުރެވޭނީ."ޝުޖާއު ވިދާޅުވި އެެވެ.

ޕްލާސްޓިކާ ދެކޮޅަށް މާޅޮހުން ފެށި ދަތުރު ކާމިިޔާބެވެ. އެ ކާމިޔާބީއަކީ އެހެން ރަށްރަށުން ވެސް އިސްނަގަން ލިބުނު ފެހި ސިގްނަލެއް ކަމަށް ބަލައިފި ނަމަ ހަމަ އެފަދަ ކިތަންމެ މާޅޮހެއް ކުރިއަށް އޮތް ތަނުގައި ފެންނާނެ އެވެ. ގައިމު ވެސް ވިއްޔާ އޭގެން ވާނެ ފައިދާއެއް ވަނީ އަޅުގަނޑުމެންނަށެވެ. އަޅުގަނޑުމެންގެ ވެށި ހިމާޔަތްކުރަން ވެސް އަޅުގަނޑުމެން ނޫނީ ތިބޭނީ ވަކި ކޮންބައެއް ހެއްޔެވެ؟

comment ކޮމެންޓް