ކޮފީ މޭޒުތަކުގައި އެތައް ގަޑިއިރެއް، ގުރުއާން ކިޔަވާލަން ތިން މިނިޓްވެސް ނުދެވޭ!

ބަޔަކު ކޮފީ ޝޮޕެއްގެ ތެރޭގައި-- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން

ކޮފީމޭޒުތަކުގައި ފޫހިކަމެއް ނެތި ދެ ގަނޑި އިރު ތިން ގަނޑި އިރު ހޭދަކޮށްލެވޭ އިރު، ކީރިތި ގުރުއާން ކިޔަވާލަން ދެތިން މިނިޓް ވެސް ހޭދަކޮށްނުލެވޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުން އިއްވާފައިވާ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ "އިސްލާމް ދީން މަތީ ސާބިތުވުން" މި މައުޟޫގެ މައްޗަށެވެ.

ހުކުރު ހުތުބާގައި ބުނީ، ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރި އަރާފައިވާ އިރު، ސްމާޓް ފޯނު ތަކުން ވެސް މިއަދު ގުރުއާން ކިޔެވޭނެ ފަސޭހަ ގޮތް ފަހިވެފައިވާ ކަމަށާއި ނަމަވެސް ގިނަ މީހުންނަށް ގުރުއާން ކިޔަވަން ވަގުތު ނުދެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސާފު ރީތި މިސްކިތްތަކާއި، ދުރަށް އަޑު ފޮނުވާނޭ ވަސީލަތްތަކާއި އެންމެހާއި ލުއިފަސޭހަތައް ތަނަވަސްވެފައިވާ އިރު، ފަރުޟު ފަސްނަމާދު ގަޑިން ގަނޑިއަށް ކޮށްލެވެނީ ކިތައް މީހުންނަށްތޯ! ދުވާލަކު އެއް ފަހަރު ގުރުއާނުން ދެ ފޮޅުވަތް ނުވަތަ ތިން ފޮޅުވަތް ކިޔާލެވެނީ ކިތައް މީހުންނަށްތޯ! ކޮފީ މޭޒުތަކުގައި ދެ ގަނޑިއިރު ތިން ގަނޑި އިރު ފޫހިކަމެއް ނެތި ހޭދަކޮށްލެވޭ އިރު، ކީރިތި ގުރުއާންގެ ތަރުޖަމާ ކިޔާލަން ދެތިން މިނިޓް ހޭދަކޮށްލެވެނީ ކިތައް މީހުންނަށްތޯ!،" ހުކުރު ހުތުބާގައި ސުވާލުކުރިއެވެ.

ހުތުބާގައި ބުނީ، ޓެކްނޮލޮޖީ މިހާވަރަށް ކުރިއަރާފައިވާ އިރުވެސް، ދުނިޔެވީ ކަންކަމުގައި މަޝްޢޫލުވެގެން އުޅުމުގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ ސަމާލުކަމާއި އަހުމިއްޔަތު މިހާރު ކުޑަވެފައިވާ ކަމަށެވެ.

"މިއީ ހިތާމަ ހުރި ކަމެއް. ނަމަވެސް ދަންނަވަންތޯ! އިސްލާހު ވާން ބޭނުންވާ މީހާ މާޔޫސް ވާކަށް ނުޖެހޭ. މިއަދު މި ވަގުތުން ފެށިގެންވެސް އިސްލާހުވާން ބޭނުން މީހަކަށް ފުރުސަތު އެބައޮތް. ބޭނުން ވަނީ ކެތްތެރިކަމާ ގަދަ ފަދަ އަޒުމް،" ހުތުބާ ގައި ބުނެފަވެއެވެ.

އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށާއި ނަމަވެސް އެ މެދު މިނަކީ ތިމާ ގަޔާވާ ކަމެއް ކޮށްފައި، ގަޔާ ނުވާ ކަންތައް ދޫކޮށްލުމެއް ނޫން ކަން ހުތުބާގައި ބުންޏެވެ.

"މެދު މިނަކީ ތިމާގެ ހަވާ ނަފްސް އެދޭ ގޮތެއްވެސް ނުމެ ނޫން. މެދު މިނަކީ މާތްﷲ އަޅުގަނޑުމެންނަށް ކަނޑައެޅުއްވި ގޮތް. އެއީ މި ދީނުގެ އެންމެހައި އަސާސްތަކާއި ހުކުމްތަކުގައި ހިފެހެއްޓުން. ފަރުޟު ފަސް ނަމަދު ބަރާބަރަށް އަދާކުރުން. ފަރުޟު ރޯދަ ހިފައި ޒަކާތް ދެއްކުން. ޝަރުއީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އަޅައި، މި ދީނުގެ އެންމެހައި ޝިއާރުތަކަށް ނަސްރު ދިނުން،" އިސްލާމް ދީން ގޮވާލަނީ މެދުމިނަށް ކަމަށާއި ހަގީގީ މެދު މިން ސާފްކޮށްދެއްވާ ހުކުރު ހުތުބާގައި ބުންޏެވެ.

ހުކުރު ހުތުބާގައި އިތުރަށް ބުނެފައިވަނީ، މި ދުނިޔެއަކީ ވަގުތީ ގޯއްޗެއް ކަމަށާއި ކޮންމެ މީހަކުވެސް ދުނިޔޭގައި އޭނާއަށް ކަނޑައެޅިފައިވާ އަޖަލު ހަމަވުމަށް ފަހު، އެނބުރި ދާނީ މާތްﷲ ގެ ހަޟްރަތައް ކަމަށެވެ. އަދި އެ ލިބޭ ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

"އެއްވެސް މީހަކަށް މި ދުނިޔޭގެ ލައްޒަތާއި ފޮނިމީރުކަމުގައި ތާއަބަދު ނުހުރެވޭނެ. ވީއިރުމ އަޅުގަނޑުމެންނީ ބުއްދިވެރީންގެ ކަމުގައި ވާނަމަ ވަގުތުގެ ބޭނުން ހިފައި، މި ދުނިޔެއަކީ އާހިރަތަށް ތައްޔާރުވުމުގެ ގޯވައްޗެއް ކަމުގައި ވިސްނައި، އެކަމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަން ޖެހޭ،" ހުތުބާގައި ނަސޭހަތްތެރި ވިއެވެ.

comment ކޮމެންޓް