ޖަޕާނުގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވައިފި

ޖަޕާން އާ ސަފީރު ކެއިކޯ ޔަނާއީ، ސަފީރުކަމުގެ ފަތްކޮޅު، ރައީސް ސޯލިހަށް އަރެވުން -- ފޮޓޯ/ ރައީސް އޮފީސް

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކެއިކޯ ޔަނާއީ، ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޖަޕާނުގެ އާ ސަފީރާ ރައީސް ސީލިހްއާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހާވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވިއެވެ.

އަދި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޖަޕާނާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީންކުރައްވާކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހް ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހާގަކުރައްވައި އެކަމަށްޓަކައި ޖަޕާނު ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.

އެގޮތުން، އެމަނިކުފާނުގެ ޖަޕާނު ސަރުކާރުން ރާއްޖޭގައި ސްކޫލް އިމާރާތްކުރުމަށް ދެއްވާފައިވާ އެހީތެރިކަމަށާއި މާލެ ވަށައި ލާފައިވާ ބޭރު ތޮށި ލުމުގައި ޖަޕާނު ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ދެގައުމު ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ރައީސް ވިދާޅުވިއެވެ.

އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ސާފު ހަކަތަ އުފެއްދުމުގެ އިތުރުން ކާރިސާތައް ކުރިމަތިވާ މިންވަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

އަދި ހަކަތައިގެ މައްސަލަޔަށް ހައްލު ހޯދުމުގައި ޖަޕާނުން ގެންގުޅުއްވާ އިއާދަކުރަނިވި ހަކަތައިގެ ސިޔާސަތަށް ރައީސް ތަޢުރީފުކުރައްވައި، މިއަހަރު އޮސާކާގައި ބާއްވާ ޖީ20 ސަމިޓްގައި ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރުމަށް ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ޖަޕާންގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން އެކަމަނާއަށް ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، އެކަމަނާ ވަނީ ޖަޕާނުގެ އެމްޕެރާ އާއި އެމްޕްރެސްގެ ފަރާތްޕުޅުން ރައީސުލްޖުމްހުރިއްޔާއަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ ދެޤައުމުންވެސް ޝައުގުވެރިވާކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

އަދި ދެޤައުމުންވެސް ބައިނަލްއަޤްވާމީ މައިދާނުގައި އެއްގޮތް ވިސްނުންފުޅެއް ގެންގުޅުއްވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

ޖަޕާނާ ރާއްޖޭގެ ސިޔާސީ ގުޅުން ގައިމް ކުރިތާ މިދިޔަ އަހަރު ވަނީ 50 އަހަރު ފުރިފައެވެ.

comment ކޮމެންޓް