ސޮލަރެލްގެ މޮޓޯ އިންޝުއަރެންސަށް ދިރާގު ޕޭއިން ފައިސާ ދެއްކޭ ގޮތް ހަދައިފި

ސޮލަރެލްގެ މޮޓޯ އިންޝުއަރެންސަށް ދިރާގު ޕޭއިން ފައިސާ ދެއްކޭ ގޮތް މިއަދު ވަނީ ހަދާފައި -- ފޮޓޯ: ދިރާގު

ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް، ސޮލަރެލް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް، މިއަދު ދިރާގު އަދި ސޮލަރެލް އިންޝުއަރެންސް ގުޅިގެން ތައާރަފު ކޮށްފި އެވެ.

އެގޮތުން މިހާރު ގޫގަލް ޕްލޭ އަދި އެޕަލް ސްޓޯރުން ލިބެން ހުންނަ ސޮލަރެލް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަން، "ސޮލަރެލް މޮޓޯ ތާޑް ޕާޓީ އެޕް" މެދުވެރިކޮށް ދިރާގު ޕޭގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެއާ އެކު ސޮލަރެލް އިންޝުއަރެންސުން ފޯރުކޮށްދޭ ހުރިހާ މޮޓޯ އިންޝުއަރެންސްގެ ޕޮލިސީތަކަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ވެސް ބުންޏެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. އެ ހިދުމަތަކީ ނިއާ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި ހިދުމަތެކެވެ.

ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫއެސްއެސްޑީ މެނޫ ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭ އިރު ދިރާގުގެ ވެބްސައިޓުން ވެސް ވޮލެޓަށް ލާރިއެޅޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުޕޭ އިން ދިރާގު ނޫން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށް ވެސް ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށް ވެސް އޭޖެންޓް މެދުވެރިކޮށް ފައިސާނެގޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

comment ކޮމެންޓް