ކަޅުވަކަރު މިސްކިތާއި ޝާހީ ގަނޑުވަރު

ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކު ތެރޭގައި: އަލުން މިސްކިތް ބަހައްޓަނީ ވެސް ސަލްޓަން ޕާކްގައި --

ކަޅުވަކަރު މިސްކިތަކީ އެންމެހައި ދިވެހިންގެ ގައުމީ ތަރިކައެއް ކަމަށާއި މިސްކިތާ ބެހޭ ގޮތުން ގޮތެއް ނިންމެވުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ބޭނުންފުޅު ކަމަށް، މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން 19 ޑިސެންބަރު 2018ގެ ރޭގަނޑު ބޭއްވި ފޯރަމުގައި މިނިސްޓަރު އޮނަރަބްލް ޔުމްނާ މައުމޫން ވިދާޅުވި އެވެ. މިނިސްޓަރަށް ޝުކުރު ދަންނަވަމެވެ. ސަރުކާރުގެ އިދާރާތަކުން ކަންކަން ކުރައްވާ އިރު ހެޔޮ ގޮތުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

ނަވާރަ ޑިސެންބަރުގެ ފޯރަމަށް ހާޒިރު ވުމުގެ ނަސީބު އަޅުގަނޑަކަށް ނުލިބުނެވެ. އެ ފޯރަމަށް ފަހު، ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނީ ރަސްރަނި ބަގީޗާ ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފައި ވާކަން ވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް ކަޅުވަކަރު މިސްކިތާ ބެހޭގޮތުން އަޅުގަނޑުގެ ވެސް ޚިޔާލުތަކެއް ހުރީތީ އެ ޚިޔާލުތައް ހިއްސާ ކޮށްލެވޭތޯ ބަލައިލާނަމޭ ހިތަށް އެރީއެވެ.

ކަޅުވަކަރު މިސްކިތުގެ މައްސަލަ މައްސަލަޔަކަށް ވެގެން މި އުޅެނީ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޔާމީންގެ ރިޔާސަތުގައި އެ މަނިކުފާނުގެ ސިޔާސަތެއްގެ ދަށުން މިސްކިތް ރޫޅައިލައްވައިފައި ވާތީއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން 2016 ވަނަ އަހަރުގެ ކުރީކޮޅު ރައީސް ޔާމީންގެ ސަރުކާރުން އެ މިސްކިތް ރޫޅައިލެއްވީ ރަސްރަނި ބަގީޗާގެ އިރުދެކުނު ކަންމަތީގައި މިސްކިތް ހުންނަތާ އެތައް ދަހައެއް ވެއަތު ވެގެން ދިޔަ ފަހުންނެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެންމެ ފުރަތަމަ އާއްމު ވެގެން ދިޔަ ޚަބަރަކީ ކަޅުވަކަރު މިސްކިތް ހުޅުމާލެޔަށް ބަދަލު ކުރައްވާން ރައީސް ޔާމީން ކަނޑައެޅުއްވި ޚަބަރެވެ. އޭގެ ތިން މަހެއްހައި ދުވަސް ފަހުން، 2016 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އިވުނު ޚަބަރަކީ ހުޅުމާލެޔަށް ބަދަލު ކުރުމުގެ ޚިޔާލު ދޫ ކޮށްލައްވައި، މިސްކިތް ގދ. ތިނަދުއަށް ބަދަލު ކުރައްވާން ސަރުކާރުން ނިންމެވި ޚަބަރެވެ. ދެން މިސްކިތް ރޫޅައިލެވި، ހިރިގަލާއި ކަޅުވަކަރުން ހުރި މިސްކިތުގެ ބައިބައި ފޮށިފޮށިގަނޑުގައި ބަންދު ކުރެވުނެވެ. އެއިރު ބެލެވުނީ އިސާހިތަކު މިސްކިތުގެ ބައިތައް ގދ. ތިނަދުއަށް ގެންދެވޭނެ ކަމުގައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ވެސް ކަޅުވަކަރު މިސްކިތް ތިނަދުއަކަށް ނުގެންދެވެއެވެ. ރޫޅައިލެވުނު މިސްކިތުގެ ބައިތައް ބެހެއްޓިފައި ހުރީ ކޮން ތަނެއްގައިކަން ވެސް ރައީސް ޔާމީންގެ ސަރުކާރަކުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

މި ދިޔަ ނޮވެންބަރު މަހުގެ ތެރޭގައި މިނިސްޓަރު އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މަޤާމަށް ޔުމްނާ މައުމޫން ވަޑައިގަތުމަށް ފަހު އެކަމަނާ ކުރެއްވި އެންމެ ފުރަތަމަ ކަމަކީ ކަޅުވަކަރު މިސްކިތް "ހޯއްދެވުން" ކަމަށް ނޫސްތަކުގައި ލިޔެފައި ވެއެވެ. 19 ނޮވެންބަރުގެ ޚަބަރެއްގެ ފެށުމުގައި "މި ސަރުކާރުގެ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫންގެ ރަސްމީ ފުރަތަމަ ދުވަހުގެ މަސައްކަތް ކަޅުވަކަރު މިސްކިތަށް ޚާއްސަ ކުރައްވައި، އެ މިސްކިތުގެ ބައިތައް ހުރި ތަން މިއަދު ހޯއްދަވައިފިއެވެ" މިހެން ލިޔެފައި އޮއްވައި ވެސް ފެނުނެވެ. މި ޖުމުލަ ކިޔައިފައި އަޅުގަނޑުގެ ހިތުގައި، ކަޅުވަކަރު މިސްކިތް ގެއްލިގެން އެއްވެސް އިރަކު އުޅުނު ހެއްޔޭ، މި ސުވާލު އުފެދުނެވެ. އެކަމަކު މިސްކިތުގެ ބައިތައް މިނިސްޓަރު ހޯއްދެވީ ދާރުލް އާސާރުގެ ތެރެއިން ކަމުގެ ޚަބަރު ފެނުމުން، "އެހެންވީމާ މިސްކިތް ގެއްލިފައި ހުރީކީއެއް ނޫންތާއޭ" މިހެން އަޅުގަނޑުގެ ހިތަށް އެރިއެވެ. ދެން އަޅުގަނޑު ބަލައިލީ މިނިސްޓަރު އެކަމާ ގުޅޭގޮތުން ވިދާޅުވީ ކީކޭތޯއެވެ. ނަވާރަ ނޮވެންބަރު 2018 ގެ 12:24 ޕީއެމްގައި ޔުމްނާ ކުރައްވައިފައި އޮތް ޓުވީޓެއްގައި އޮތީ "ރޫޅައިލި ކަޅުވަކަރު މިސްކިތުގެ ބައިތައް މިހާރު ހުރީ ނެޝަނަލް މިޔުޒިޔަމުގައި، އެ މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭން ޖެހޭ" މިހެންނެވެ. ޓުވީޓާ އެކު ދާރުލް އާސާރުގެ ތެރޭގައި މިސްކިތުގެ ބައިތައް ބެހެއްޓިފައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހުއްޓެވެ. މިސްކިތް ގެއްލިފައި ހުއްޓައި ހޯއްދެވި ކަމަކަށް މިނިސްޓަރު ދަޢުވާއެއް ނުކުރައްވައެވެ. އެހެންވީމާ، އެއީ އެއްކަލަ ނޫސްވެރިޔާއަށް މިނިސްޓަރު ވިދާޅުވި އެއްޗެއް ރަނގަޅަށް ދޭހަ ނުވުމުގެ މައްސަލައެއްތާއެވެ! ރާއްޖޭގައި މިއީ މަދުން ވާ ކަމެއް ނޫނެވެ.

މި މަގާމުގައި ކަޅުވަކަރު މިސްކިތުގެ ތާރީޚުގެ ފަތްފުށްތަކަށް އަވަސް ކަޅިތަކެއް އުކައިލަމާ ހިންގަވާށެވެ.

ކަޅުވަކަރު މިސްކިތް ބިނާ ކުރެވުނީ ގާތްގަނޑަކަށް މީލާދީން 1789ގައި، އައްސުލްޠާން ޙަސަން ނޫރުއްދީން އިސްކަންދަރުގެ ރަސްކަމުގައެވެ. މިސްކިތުގެ ހަގީގީ މަގާމަކީ، އެންމެ މުއުތަބަރު މައުލޫމާތަށް ބަލާ އިރު، މަޖީދީމަގާއި ކަރަންކާ މަގު އިން ވާ ހުޅަނގުއުތުރު ކަންމައްޗެވެ. އެ ތަނުގައި މިސްކިތް ހުއްޓައި، 1 އޮކްޓޯބަރު 1978 ގައި އޮނަރަބްލް އަލްފާޟިލް އިބްރާހީމް ނާސިރުގެ ސަރުކާރުން މިސްކިތް ނީލަމަށް ލެއްވިއެވެ. ނީލަމުން މިސްކިތް ގަތީ ފުރަނަ ޓުއަރިސްޓް ރިޒޯޓުންނެވެ. އެއިރު އެ ރިޒޯޓު ހިންގަނީ އޮސްޓްރޭލިޔާގެ ވިޔަފާރިވެރިޔެއް ކަމަށް ވާ މިސްޓަރް ވޭން ވީ. ރީޑްގެ ޓްރެޜަރ އައިލެންޑް އެންޓަރޕްރައިޒަސްއިންނެވެ. ނީލަމުގައި މިސްކިތް ވިއްކައިލެވުނީ ނުވަހާސް ހަތްސަތޭކަ ފަނަރަ ރުފިޔާ ސައްބީސް ލާރިޔަށެވެ. ނަމަވެސް މިސްކިތް ފުރަނަ ޓުއަރިސްޓް ރިޒޯޓަށް ގެންދެވުނުތާ މާކަ ގިނަ ދުވަހެއް ނުވެ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ރިޔާސަތަށް ވަޑައިގެން، މިސްކިތް ސަރުކާރަށް ބައްލަވައިގަނެ، މާލޭގައި ބެހެއްޓެވުމަށް 15 ޖަނަވަރީ 1979ގައި ނިންމެވިއެވެ. ސަރުކާރަށް މިސްކިތް ބޭނުންފުޅު ވުމުން، މިސްޓަރް ވޭން ވީ. ރީޑް ގަސްތު ކުރެއްވީ މިސްކިތް ވިއްކެވުމުގެ ބަދަލުގައި ހަދިޔާ ކުރެއްވުމަށެވެ. ބާވީސް ފެބުރުވަރީ 1979ގެ ހަވީރު 4:30ގައި މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްގައި އޮތް ރަސްމިއްޔާތެއްގައި، މިސްކިތާ "ހަވާލު" ވެވަޑައިގަތީ އެއިރުގެ މިނިސްޓަރ އަލްއުސްތާޛު ފަތުޙުﷲ ޖަމީލެވެ. ހަމަ އެ ދުވަހުގެ އިރުއޮއްސި 6:30 ގައި، ފުރަނަ ރިޒޯޓުން މި ރަސްމިއްޔާތާ ގުޅިގެން ދިން ރިސެޕްޝަނެއް އަމީނިއްޔާ ސްކޫލުގެ ހޯލުގައި އޮތެވެ. މި ދެންނެވި ގޮތުގެ މަތީން، މިސްކިތް އަލުން ދިވެހި ދައުލަތުގެ މިލްކިއްޔާތުގެ ދަށަށް އައުމުން، މިސްކިތް ރޫޅައިލައިގެން މާލެ ގެނެވުނީ 1980 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. ދުވަސްކޮޅެއްގެ ތެރޭގައި މިސްކިތް އަލުން ރާއްވަވައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރި ވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި އަލުން ހުޅުވުނެވެ. މިސްކިތް ސަލްޓަން ޕާކުގެ ދެކުނުއިރުމަތީ ކަންމަތީގައި، ލިލީ މަގުގެ އުތުރުން އަދި މޫސީގީ ހިނގުމުގެ ހުޅަނގުގައި ބެހެއްޓުނީ އެއިރުއެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ކަޅުވަކަރު މިސްކިތް ކުރީން މާލޭގެ ތިން ތަނެއްގައި ބެހެއްޓުނު ކަމަށް ވިދާޅުވެފައި ވެއެވެ. އެއީ މަޖީދީ މަގާއި ކަރަންކާ މަގު ގުޅޭ ކަންމަތީގެ އިތުރުން، ޗާންދަނީ މަގުގެ އިރުމަތީ ފަޅީގެ ކޮންމެވެސް ހިސާބެއްގައްޔާއި، މަޖީދީ މަގުގައި މައްޗަންގޮޅީގެ ކޮންމެވެސް ހިސާބެއްގައި ވެސް މިސްކިތް ހުރި ދުވަސްތަކެއް ދިޔަކަމަށް ބުނެވޭ ބުނުމަށް ކުރެއްވި އިޝާރާތެކެވެ. ނަމަވެސް ތާރީޚަކުން ފަހުން މި ދެންނެވި ދެ ތަނުގައި ކަޅުވަކަރު މިސްކިތް އެއްވެސް ޒަމާނެއްގައި ހުރި ކަމަކަށް އެއްވެސް ހެއްކެއް ނުލިބެއެވެ.

ކޮންމެއަކަސް، ރައީސް ޔާމީންގެ ސަރުކާރުން ކަޅުވަކަރު މިސްކިތް ހުޅުމާލެޔަށް ބަދަލު ކޮށް، ދެން ތިނަދުއަށް ބަދަލު ކުރާން ނިންމީއެވެ. ހުޅުމާލެޔަށް ބަދަލު ކުރާން ނިންމެވި އިރު، ގަސްތު ކުރެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ފުރަތަމަ ބިނާގެ ގޮތުގައި، ހުޅުމާލޭގައި ތަރައްގީ ކުރާ އާސާރީ ސަރަހައްދަށް ބަދަލު ކުރެއްވުމަށް ކަމަށް ވެއެވެ. ފަހުން ތިނަދުއަށް ބަދަލު ކުރާ ގޮތަށް ކަނޑައަޅުއްވައި، ނިންމެވީ ތިނަދޫ މުސްކުޅި ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި މުސްކުޅި ބިނާއެއްގެ އާސާރީ ތަރާގަނޑު ހުރި ތަނުގައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކަޅުވަކަރު މިސްކިތް ހުޅުމާލެޔަށް ބަދަލު ކުރުމަށް ނިންމެވި ނިންމެވުން ވެސް، އަދި ތިނަދުއަށް ބަދަލު ކުރުމަށް ނިންމެވި ނިންމެވުން ވެސް ރަނގަޅު ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ އާސާރީ ތަރިކަތަކަކީ އެ ތަންތަނުގެ ސިފަޔާއި ސޫރަޔާއި އަސްލާއި މަގާމު ފަދަ ކަންކަމަށް ބަދަލު ގެންނާން ޖެހޭ އެއްޗެތި ކަމަށް ނުވާތީއެވެ. މިއިން އެއްވެސް ކަމަކަށް ބަދަލެއް ގެނެސްފި ނަމަ، އެ ތަރިކައެއްގެ ސިފައެއް ނެއްތައިލެވުނީއެވެ.

އަނެއްކާވެސް 19 ޑިސެންބަރުގެ ފޯރަމުގެ ވާހަކަޔަށް އެނބުރިލަމާ ހިންގަވާށެވެ.

ފޯރަމުގައި މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި އިރު، މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމުގައި ވިސްނާން ޖެހޭ ހަ ކަމެއް ފާހަގަ ކުރެއްވިއެވެ. އެ ހަ ކަމަކީ، މިސްކިތް އަލުން ބަހައްޓާ ތަނަކީ ރައްކާތެރިކޮށް ބެލެހެއްޓޭނެ ތަނަކަށް ވުމުގެ މުހިއްމުކަމާއި، ބަންދު ކުރެވިފައި ވާ ތަނަކަށް ވުމުގެ މުހިއްމުކަމާއި، ދިވެހިންނަށާއި ޓޫރިސްޓުންނަށް ފަސޭހައިން ޒިޔާރަތް ކުރެވޭނެ ތަނަކަށް ވުމުގެ މުހިއްމުކަމާއި، ތާރީޚު ދިރާސާ ކުރާ މީހުންނަށް ޒިޔާރާތް ކުރެވޭނެ ތަނަކަށް ވުމުގެ އިތުރުން، ނަމާދު ވެސް ކުރެވޭނެ މިސްކިތެއްގެ ގޮތުގައި ބެހެއްޓުމުގެ މުހިއްމުކަމާއި، ހިރަފުހާއި، ދުއްވާ އެއްޗެހިން ބޭރުވާ ދުމުން އެ މިސްކިތަށް ގެއްލުން ނުވާނެ ގޮތެއް ހެދުމުގެ މުހިއްމުކަމެވެ. ނަމަވެސް މި ކަމުގައި އަޅުގަނޑުގެ ޚިޔާލު ވަރަށް ތަފާތެވެ. އަޅުގަނޑު ދެކޭ ގޮތުގައި، ކަޅުވަކަރު މިސްކިތް އަލުން ރާވާ އިރު ވިސްނާން ޖެހޭ އޮތީ އެންމެ ކަމެކެވެ. އެ ކަމަކީ އެ މިސްކިތުގެ ތާރީޚާއި އާސާރީ ހައިސިއްޔަތު ނުގެއްލޭ ގޮތަށް، މިސްކިތް އޭގެ އަސްލަށް ރުޖޫއަ ކުރުމެވެ. މިނިސްޓްރީން އެ ވިދާޅުވި ހަ ކަންތައްތައް ވަރަށް މުހިއްމެވެ. ނަމަވެސް އެ ކަންކަމަކީ މިސްކިތް އަލުން ރާވާ އިރު، މިސްކިތް ބަހައްޓާނެ މަގާމު ނުވަތަ ތަން ކަނޑައެޅުމުގައި ވިސްނާން ޖެހޭ ކަންކަމެއް ނޫނެވެ. މިސްކިތް އޭގެ އަސްލު މަގާމުގައި ބަހައްޓާން ވީއެވެ. އެއަށްފަހު، މިސްކިތް ރައްކައުތެރި ކުރުމަށާއި، މިސްކިތް މިސްކިތެއްގެ ގޮތުގައި ބެހެއްޓުމަށް ޓަކައި އެ ވިދާޅުވި ކަންކަން ފުރިހަމަ ކުރެވޭނެ ގޮތްތަކެއް ނެރޭން ވީއެވެ.

ނޫސް ރިޕޯޓުތަކުން އެނގޭ ގޮތުގައި، 19 ޑިސެންބަރުގެ ފޯރަމުގައި ޚިޔާލު ފައުޅު ކުރެއްވި ގިނަ ބޭފުޅުންގެ ވިސްނުންފުޅު ހުރީ މިސްކިތް މާލޭގައި ބެހެއްޓުމަށް ތަރުޖީހު ދެއްވާ ގޮތަކަށެވެ. މިސްކިތް ހުޅުމާލެޔަށް ބަދަލު ކުރުމަށް ވެސް ބައެއް ބޭފުޅުން ލަފާ ދެއްވެވި ކަމަށް ވެއެވެ. މުޖުތަމަޢުގައި ނުހަނު ބޮޑު ގަދަރު ލިބިވަޑައިގެން ތިއްބެވި، އަޅުގަނޑުމެން ނުހަނު އިހުތިރާމު ކުރާ ބައެއް ބޭފުޅުން ވެސް މިސްކިތް ހުޅުމާލެޔަށް ބަދަލު ކުރުމަށް ވާހަކަ ދައްކަވައި ވަކާލާތު ކުރެއްވިއެވެ. އަޅުގަނޑު އެ ބޭފުޅުންގެ ވިސްނުންފުޅަށް އިހުތިރާމު ކުރަމެވެ. ނަމަވެސް އަޅުގަނޑުގެ ޚިޔާލު މި ކަމުގައި ވަރަށް ތަފާތެވެ.

ތާރީޚީ އާސާރެއްގެ އެންމެ މުހިއްމު ތިން ސިފަޔަކީ، އެ އާސާރުގެ އަސްލު ނުވަތަ ހަގީގީ މަގާމު ނުވަތަ ތަނާއި، އެ އާސާރު ބިނާ ކުރެވުނު ޒަމާނާއި، އެ ތަނުގެ ބިނާފަރުމާޔާއި ތަނުން ކުރެވުނު ބޭނުން ފަދަ ކަންކަމާ ގުޅިގެން ތަނަށް ލިބޭ ޚާއްސިއްޔަތެވެ. އެއިން ސިފައެއް ނިގުޅައިގަތުމީ، އެ އާސާރެއްގެ ތާރީޚީ ހައިސިއްޔަތާއި މަގާމާއި އަހައްމިއްޔަތުގެ ބައެއް ނިގުޅައިގަތުމެވެ. އެ ތަނުން ބައެއް ނެތި ކޮށްލުމެވެ. ތާރީޚީ އާސާރެއް ހުންނާން ވާނީ އެ އާސާރެއްގެ ހަގީގީ މަގާމުގައެވެ. އެ މަގާމުން އެ ތަން ނެގުމެކޭ، އެ ތަނުގެ ސިފަޔާއި ސޫރަޔަށް ބަދަލު ގެނެސް ޒަމާނީ ކުރުމެކޭ، އުސޫލީ ތަފާތެއް ހުރި ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ތާރީޚީ އާސާރެއް އޭގެ ހަގީގީ އަސްލު މަގާމުން އެހެން ތަނަކަށް ބަދަލު ކުރުމާއި، އޭގެ ސޫރަޔަށް ބަދަލު ގެނައުމާއި، އޭގެ ނަން ބަދަލު ކުރުން ފަދަ ކަންކަމަކީ ތާރީޚު އޮޅުވައިލުމެވެ. މިސްރުގެ އަބުލްހައުލު ފޭރިގަނެގެން ވިޔަސް ގަނެގެން ވިޔަސް ނުވަތަ ހަދިޔާއެއްގެ ގޮތުގައި ލިބިގެން ވިޔަސް ގެނެސް މާލޭގައި އާޓިފިޝަލް ބީޗުގައި ބެހެއްޓީމާ އެއީ މާލޭގެ ތާރީޚީ އާސާރަކަށް ވާނެތޯއެވެ؟

ވިސްނާން ޖެހޭ އަނެއް ނުކުތާޔަކީ، ތާރީޚީ އާސާރުތައް އެއް ތަނުން އަނެއް ތަނަށް ބަދަލު ކޮށް ހެދުމުން، އެ ގާއިމު ކުރެވޭ ނުރައްކައުތެރި ސަވާބިގެވެ. މިއަދު ހުޅުމާލޭ މަސްނޫއީ ހެރިޓޭޖު ސައިޓަށް ބަދަލު ކުރާން ވީ ކަޅުވަކަރު މިސްކިތެވެ. މާދަމާ އަލި ރަސްގެފާނުގެ ޒިޔާރަތެވެ. އަނެއް ދުވަހު އީދު މިސްކިތެވެ. ދެން މެދުޒިޔާރަތެވެ. ދުވަސްކޮޅެއް ފަހުން، ފުވައްމުލަކު ގެންމިސްކިތް ވެސް، އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނު ވެސް އެތަނަށް ބަދަލު ކުރާން ވީއެވެ. އެ ވަރުން ވެސް ހުއްޓައިލާނީކީ ނޫނެވެ. ރާއްޖޭގެ ރަށެއްގައި އާސާރީ އެއްވެސް ތަނެއް ނުބަހައްޓާނީއެވެ. ހުރިހާ ތަނެއް ހުޅުމާލޭ މަސްނޫއީ ހެރިޓޭޖު ސައިޓަށް ގެންދާނީއެވެ. އުތީމު ގަނޑުވަރު ވެސް އެ ހެރިޓޭޖު ސައިޓަކަށް ބަދަލު ކުރާނީއެވެ. އޭގެ ފައިދާތައް ވެސް ކިޔާ މީހާ ދޫފަސޭހަކަމާ އެކު ކިޔާނެއެވެ. ޓުއަރިސްޓުން އަންނަނީ ހުޅުމާލެޔަށެވެ. މުހައްމަދު ތަކުރުފާނު އުޅުއްވީ ވެސް ހުޅުމާލޭގައި، އެބަހީ މާލޭގައެވެ. ދިވެހީންނަށް ގައުމީ ލޯބި އާލާ ވާނީ ވެސް މީހުން އެންމެ ގިނަ ތަނުގައި އެ ގަނޑުވަރު ހުރެގެން ތާއެވެ! އުތީމު ގަނޑުވަރު ހިރަފުހުން ރައްކައުތެރި ކުރެވޭނީ ވެސް، ސަކަރާތް ޖަހާ ކުޑަކުދީންގެ ކިބައިން ރައްކައުތެރި ކުރެވޭނީ ވެސް، ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރީންނަށް ފަސޭހަކަމާ އެކު ދައްކައިލެވޭނީ ވެސް ހެރިޓޭޖު ސައިޓުގައި ހުރެގެންނެވެ. ހުރިހާ އާސާރީ ތަރިކަތަކެއް އެއް ތަނެއްގައި ހުރީމާ، އެ ތަންތަނުގެ ސެކިޔުރިޓީ ބަލަހައްޓާން ވެސް ކިހައި ފަސޭހަ ވާނެ ހެއްޔެވެ؟

މި ބާވަތުން ކިތަންމެ ވާހަކައެއް ވެސް ދުލެއް އޮތިއްޔާ ދެއްކިދާނެއެވެ. ނަމަވެސް މިއީ ކޮން ކަހަލަ ވާހަކަތަކެއް ތޯއެވެ؟ މި ދެއްކޭނުދެއްކޭ ވާހަކަޔާ މެދު، މި ކިޔޭނުކިޔޭ އެއްޗަކާ މެދު ވިސްނައިލާކަށް ނުޖެހޭތޯއެވެ؟

ކަޅުވަކަރު މިސްކިތަކީ މާލޭގައި ބިނާ ކުރެވުނު ތަނެކެވެ. އެ ތަނަކީ ދިވެހިރާއްޖޭގެ ރަށެއް ކަމަށް ވާ ފުރަމާލޭގެ އާސާރީ ތަރިކައެކެވެ. އެ ތަރިކަ ހުންނާން ވާނީ މާލޭގައި، އެ ތަރިކައިގެ އަސްލު މަގާމުގައެވެ. ގައުމުގެ އާސާރީ ތަރިކައެއް އޭގެ ހަގީގީ މަގާމުގައި ހުރުމުން، ހިރަފުހުން، ނުވަތަ ދުމުން، ނުވަތަ އެނޫން ވެސް އެއްޗެއް ނުވަތަ ކަމެއްގެ ސަބަބުން އެ ތަރިކަޔަށް ގެއްލުން ވާ ނަމަ، ހައްލަކީ އެ އެއްޗެއް ހުރި ތަނުން ލުހެލައިގެން ގޮސް މަސްނޫއީ ހެރިޓޭޖު ސައިޓަކަށް ލުމެއް ނޫނެވެ. ހައްލަކީ އެ ތަރިކައެއް ހުރި މަގާމުގައި ބަހައްޓައިގެން، ތަން ރައްކައުތެރި ކުރެވޭނެ ގޮތްގޮތް ހެދުމެވެ. ކަޅުވަކަރު މިސްކިތުގެ ހަގީގީ މަގާމެއް ކަމަށް އެންމެ މުއުތަބަރު މައުލޫމާތުތަކުގައި އޮންނަނީ، ކުރީންވެސް ދެންނެވި ފަދައިން، ކަރަންކާ މަގުމަޖީދީ މަގަށް ހުސް ވާ ހުޅަނގުއުތުރު ކަންމައްޗެވެ. މިސްކިތް އެ މަގާމުގައި ބަހައްޓަމާ ހިންގަވާށެވެ. އެކަމަށް ހުރަހެއް އޮތް ނަމަ، ގާނޫނުގެ ތެރެއިން، އަދުލުވެރި ގޮތްގޮތުން އެ ހުރަސް ނެއްތައިލެވޭނެ ގޮތްތައް ވެސް ހުންނާނެއެވެ.

މާލޭގައި ހުރި ތާރީޚީ އެތައް ބިނާއެއް އާސާރެއް، ދެކޮޅު ނުޖެހޭ ސަބަބުތައް ދައްކައިގެން ކުރީގެ ސަރުކާރުތަކުން ވަނީ ވީރާނާ ކޮށް ސުންނާފަތި ކޮށްފައެވެ. ޝާހީ ގަނޑުވަރު ފަދަ އެތައް ތަނެއް މިއަދު ކޮބައިތޯއެވެ؟ މި ސިލްސިލާ ނިމުމަކަށް އަންނާން ވެއްޖެ ނޫންތޯއެވެ؟ މާލޭގެ މަގުތައް ހުރި ގޮތާއި، މާލޭގައި ދުއްވާ ތަކެތި ގެންގުޅޭ ވަރާއި، މިފަދަ މިފަދަ އެތައް ކަމަކަށް ބަލާ އިރު، މާލޭގައި އާސާރީ ތަންތަން ރައްކައުތެރި ކުރުމަށް ގޮންޖެހުންތައް ހުރި ކަން އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ނަމަވެސް އޭގެ ހައްލަކީ މާލޭގައި ހުރި ހުރިހާ އާސާރީ ތަންތަން ސުންނާފަތި ކުރުމާއި، އެތަންމިތަނަށް އުކައި އުފުލައި ހެދުމެއް ނޫނެވެ. އޭގެ ހައްލަކީ މާލެ އަލުން ފަރުމާ ކޮށް، މުސްކުޅި އާސާރީ ހުރިހާ ތަންތަން އަލުން އިއާދަ ކޮށް، ރީތި ބަގީޗާތަކާއި ފުޅާ މަގުތަކާއި ފެހި ސަރަހައްދުތައް ހަދައި، ރަށަށް ކަތާ ވަރަށް ޓްރެފިކް މަދު ކޮށް، އާސާރީ މުހިއްމު ތަންތަނުން ޝަޚްސިއްޔަތު ލިބިގެން ވާ ރީތި ޝަހަރަކަށް މާލެ ބަދަލު ކުރުމެވެ. މާލޭގައި އަލުން އިއާދަ ކުރުން އެންމެ މުހިއްމު ތަނަކީ ދިވެހިރާއްޖޭގެ މުސްކުޅި ރަސްކަމުގެ ޝާހީ ގަނޑުވަރެވެ. އެ ގަނޑުވަރު ކުރީގެ ފަރުމާޔަށް، އެއްވެސް ތަފާތެއް ނުކޮށް، ހުރި ގޮތަށް އަލުން ބިނާ ކުރެވިފައި ހުންނަ ދުވަސް ދުށުން އެއީ އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކުރާ ވަރަށް ބޮޑު އުއްމީދެކެވެ. ދެކޭ ހުވަފެނެކެވެ.

comment ކޮމެންޓް