ފަސްޓް ލޭޑީ (17)

އިޝްކަން ދޮރު ހުޅުވާލަދިނުމުން އެތެރެއަށް ވަނުމުން އިޝްކަން ބުނީ ހަޔާތީ ކޮޓަރީގައި ކަމަށެވެ. ދޮރުގައި ޓަކިދިނުމުންވެސް ހަޔާތީގެ ޚަބަރެއްނުވިއެވެ. އިރުކޮޅަކު އިންތިޒާރުގައި އިނދެލާފައި ދާންވެގެން ސަމާ ތެދުވިތަނާ އިޝްކަން އޭނަގެ ފަހަތުގައި ހުރެފައި އަތުގައި ހިފާލަން އުޅުނުހެން ހީވިއެވެ. އަތުގެ ބަދަލުގައި ހިފުނީ އޭނަ ލައިގެން ހުރި ކަޅުހެދުމުގެ އަތުކުރީގައެވެ. އިޝްކަން ހާދަ ލަދުކުޑައޭ ހިތަށް އެރިއެވެ.

"އަތުން ދޫކުރޭ. ކީއްކުރަން ތިއުޅެނީ؟ " ސަމާ ރުޅިގަދަވެފައި ތަންކޮޅެއް ބާރަށް އަހާލަމުން އެނބުރި ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ސަމާގެ އެ ތުހުމަތުން އިޝްކަން ރުޅިއައުމުގެ ބަދަލުގައި ހެވުނީއެވެ. ދެއަތް މައްޗަށް ހިއްލައިލީ އޭނަގެ އަމަލެއްނޫންކަން އެންގުމަށެވެ. ލޮލުން އޭނަ ދައްކައިލީ އަސްލު ކުށްވެރިޔާއެވެ. ހެދުން އަޅައިގަތީ އެއްފަރާތުގައި ހުރި ޕްލާސްޓިކް މޭޕަލް ގަހުގެ ގޮފިގަނޑުގައެވެ. ޚަރީފު އޮރެންޖް ފަތްތަކުން ބަރާވެފައިވާ އެ ގަހަކީ ސިޓިން ރޫމްގެ ޒީނަތްތެރިކަމުގެ ބަޔެކެވެ. ސަމާއަށް ލިބުނު ސިހުމާއިއެކު އެވީގޮތް ނަގައިގަނެވި ލޮލަށް ގޮތަށް ހަދައިލެވުނެވެ. އިޝްކަން ހެދުމުގެ އަތުކުރީ ހިފާ ދަމައިލިހެން ހީވި ސަބަބަކީ އއީއެވެ. ހަގީގަތެއް ނުބަލާ ރުޅިވެރިކަމާއިއެކު އެއްޗެހި ކިޔައިގަނެވުނުކަމަށްޓަކާ ލަދުން މާފަށް އެދެން ބޭނުންވިއެވެ. ދުވަހަކު މިހާވަރަށް ލަދެއްނުގަނެއެވެ. އިޝްކަންއާއިމެދު އެހާ ނުބައިކޮށް ވިސްނިއިރު ހަގީގަތަކީ އަދި އެއެއްނޫނެވެ. އިޝްކަން ހީކުރާނީ ކީކޭހެއްޔެވެ؟ ކުށްހީއަކީ ފާފައެކޭ ބުނެވޭ ސަބަބަކީ އެއީއެވެ. އިޝްކަން ދިއްކޮށްލީ ކޮތަޅެކެވެ.

"ހަވީރު ސަޔަށް. ސަބްމެރިންތަކެއް."

"ޖަޒާކަﷲ ޚައިރަން..." ސަމާގެ ހިތުގައި އޮތް ލަފުޒުތައް ދުލާއި ހަމަޔަކަށް ނައެވެ. ލަދުން އިސްއުފުލައިލާނެ ހިތްވަރެއް ނެތްތާ ޝުކުރު އަދާކުރުމެއްނެތި އަވަސްވެގަތީ އެގެއިން ނުކުތުމަށެވެ. ލިފްޓަށް އަރާފައި ހިފަހައްޓައިގެން ހުރި ނޭވާދޫކޮށްލެވުނެވެ. ހަޔާތީގެ ކޮއްކޮ އެޕާޓްމެންޓްގައި އުޅެނިކޮށް އެތަނަށް ނުވަންނާން ހުވާކޮށްގެން ހުރިނަމަވެސް ވާންހުރިކަމެއް ވާނެއެވެ. މިކަމުންވެސް ލިބުނީ ފިލާވަޅެކެވެ. ހިލޭ ފިރިހެނަކު އުޅޭގެއަކަށް ދާކަށް އޭނަ ނުޖެހޭނެއެވެ. ފިރިމީހާއަށް އޭނަ ވަފާތެރިވާނެއެވެ. މުޖާހިދެއްގެ އަންބަކަށް ވުމަކީ އޭނަ ދެކޭގޮތުން ޝަރަފެކެވެ.

ހަޔާތީ ނުކުމެފައި ޗީޒްކޭކް ފެނުމުން ކުޅުދިޔާވިއެވެ. ނަމަވެސް ކޭކު ގެނައީ ސަމާކަން އެނގުމާއިއެކު ނުރުހުންތެރިކަމާއިއެކު މޫނު އަނބުރައިލިއެވެ. އަމިއްލައަށް ކުށުގެ އިހުސާސްކުރެވިގެން މާފަށް އެދެންވެގެން އައީއެވެ.

"ޝޭން ކޭކު ކާލާ. ދޮންތަ ނުކާނަން..."

"އެންގްރީބާޑް....ހެހެ އެނީވޭސް ތެންކިއު. މުޅިންވެސް ކާލެވިދާނެ..." އިޝްކަން ސަމުސަލެއް ނަގައިގެން އިށީދެ ކޭކުކޮޅުން އެތިކޮޅެއް އަނގަޔަށް ލާފައި ތައުރީފުކުރިއެވެ. ސަމާ ގެނެސްދިނުމުން މީގެ ރަހަ މާ ތަފާތުވެ އޭގައި މާ މީރުރަހައެއް ދޭކަމުގެ އިހުސާސްކުރެވުނެވެ. ނަމަވެސް އެއީ މީހެއްގެ އަންބެއްކަން އޭނަގެ މޮޔަހިތަށް ހަދާންކޮށްދިނެވެ. ހަމައެކަނި މީހެއްގެ އަންބަކީއެއް ނޫނެވެ. މުޖާހިދެއްގެ އަންބެކެވެ. އެލޮލުގެ ރީތިކަމުން އިޝްކަންއަށް ދުވަހަކު ނުކުރާފަދަ އަސަރުތަކެއް ކުރިޔަސް އޭނައަށް އެނގިފައިވާ ސިއްރަކުން ސަމާ ހިނގި މަގަކުން ދާކަށްވެސް އޭނަގެ ޟަމީރުތަނެއް ނުދެއެވެ. އެކުއްޖާއަށްޓަކާ ހިތުގައި ރަހުމްގެ ކަންފުޅެއްވެސް އޭނަ ނުބާއްވާނެއެވެ. ހިލައަށް ހިތް ހަދަން މަސައްކަތްކުރިއެއް ކަމަކު ސަމާގެ އެތޫނު ދެލޮލުގެ މަތިން ހަދާންވުމާއިއެކު ކަފަކޮޅެއްހާ މަޑުވެ ރަހުމްވަންނާން އުޅެއެވެ. އަޖައިބެކެވެ.

އެދުވަސްކޮޅު މަންމަ މާ ބޮޑަށް ބަލިވެގެން ހަޔާތީއާއިއެކު އިޝްކަންވެސް ރަށަށްދާން ޖެހުނެވެ. ޑޮކްޓަރު ޝައްކުކުރީ ކެންސަރުކަމަށެވެ. ނަމަވެސް އެކަން ގަބޫލުކުރާކަށް ހަޔާތީ ބޭނުމެއްނުވިއެވެ. މަންމަ ގޮވައިގެން ވަގުތުން އިންޑިއާއަށް ފުރަން ހަޔާތީ ނިންމިއެވެ. މަންމަގެ ކޮއްކޮއަކާއި ދެ އަންހެންދަރިން ބެންގަލޫރުގައި އުޅޭކަމުން މަންމައަށް އެކޮޅުގައި ހުންނާކަށް އުދަގުލެއް ނުވާނެއެވެ. ހަޔާތީއާއި އިޝްކަން މަންމަ ގޮވައިގެން އެކޮޅަށްގޮސް ޓެސްޓް ހަދާ ނިމުމުން ކެންސަރުކަން ޔަގީންވުމުން ދެބެންނަށް ޝޮކެއް ލިބުނެވެ. ސާޖަރީއަށްފަހު ރޭޑިއޭޝަން ދީ ކީމޯއަށްޓަކާ އެކޮޅުގައި މަޑުކުރަންވުމުން އިޝްކަން އިންޑިއާގައި ބަހައްޓަން ހަޔާތީ ގަސްތުކުރިއެވެ. އިޝްކަން މާލޭގައި ހުރިއްޔާ ދުވަސްކޮޅަކުން ގެއްލިދާނެކަމުގެ ބިރު ހިތުގައި އަބަދު އޮވެއެވެ. އައިޓީގެ ރޮގުންކުރިއަށް ދާން އިޝްކަންއަށް ލިބޭނެ ފުރުސަތަކަށްވެސް ވާނެއެވެ. ހުރިހާކަމެއް ހަމަޖައްސާފައި ހަޔާތީ މާލެދާން ފުރީ ދޭތެރެއިން އަންނާނެކަމަށް މަންމަ ކައިރީ ވައުދުވެފައެވެ. މިކާލްގެ އާއިލާއާއި އެއްކޮށް ގުޅުން ކަނޑާލަންވެސް އޭނަ ވައުދުވުމުން މަންމަގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. ނަމަވެސް އޭނަ މަންމަ ކައިރީ ބުނީ އިޝްކަން ގާތުގައި އެވާހަކަ ސިއްރުކުރުމަށެވެ. ނޫނީ އިޝްކަން ހާސްވެދާނެއެވެ. މިކާލްގެ އެޕާޓްމެންޓްގައި ހުރިކަން އިޝްކަން އަށް އެގެންޏާ އޭނަގެ ސަލާމަތާއިމެދު އިޝްކަން ވިސްނާކަށް ނުޖެހޭނެއެވެ. ނަމަވެސް އެކަނި ތަނެއްގައި ދިރިއުޅޭކަން އެނގިއްޖެއްޔާ އިޝްކަންގެ ބޮލުގެ ރިހުމަކަށް އެކަންވާނެއެވެ.

ޔާސިރު މަންމައަށް އެވަރުގެ ލަނޑެއް ދިނުމަށްފަހު އޭނަ ޔާސިރުގެ ދަރިއަކާއި ކައިވެނިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ޔާސިރުއަށް ހަގީގަތް އެނގޭ ދުވަހަކުން ހާދަ ލަދެއް ގަންނާނެއެވެ. މާ ދީންވެރި ރަގަޅު މީހަކަށްވެގެން ދަރިފުޅު ކިޔައިގެން އުޅޭއިރު އެދަރިފުޅުގެ މަންމައާއި ދޭތެރޭ ޔާސިރު ކަންތައްކުރިގޮތުން ހަޔާތީގެ ހިތުގައި ފޫހިކަން އުފެދުނެވެ.

ހަޔާތީ އެހެން ގެއަކަށް ބަދަލުވާން އުޅޭކަން އެނގުމުން މުފުތިހާ ކަންބޮޑުވެގެން ސުވާލުކުރިއެވެ.

"އެޗްއެމްއޮފީހާއި ވަރަށް ކައިރި ތަނެއްގައި ދިރިއުޅެންވީމަ މާ ފަސޭހަ. މިހާރު މިކާލް ނިޔާވިތާ ތިންމަސްވެއްޖެ. ވީމަ ދެން އަމިއްލައަށް އަމިއްލަ މަސައްކަތުން ވަކިން އުޅުނީމަ ކަން ނޭގޭ ރަގަޅުވާނީ. ހިތަށް އެރީ މި ބައި ކުއްޔަށް ދިނީމަ މަންމަ މެންނަށް މާ ގިނައިން ފައިސާ ލިބޭނެއޭ. މިހެން ބުންޏަސް މިކާލްގެ އެޕާޓްމެންޓަށް ހަދަންވީގޮތް ޑިސައިޑްކުރާނީ މަންމަމެން. އަޅުގަނޑު މިތަނުން މޫވްކޮށްލީމަ އޭރުން މަންމަމެން ބޭނުމިއްޔާ މިގެއަށް ބަދަލުވެ މަންމަމެން ބައި ކުއްޔަށް ދެވިދާނެ....." ހަޔާތީ ކިތަންމެ ވަރަކަށް އެގޭގައި ދިރިއުޅެން ބޭނުންވިޔަސް މަންމަ ކެންސަރު ޖެހުމަށްފަހު މަންމަގެ ދުޝްމިނުންނާއިއެކު އުޅޭކަށް ހިތަށް ކުޅަދާނަނުވީއެވެ. އޭނަވަނީ މަންމައަށް ވައުދުވެފައެވެ. އެމީހުންނާއި ގުޅުން ކަނޑާލަން ފުރަތަމަ ފިޔަވަޅު ނެގުނީއެވެ. ހަޔާތީ އެގެއިން ދިޔައީ އޭނައަށް މިކާލް ގަނެދިން އިލެކްޓްރިކް އުދުނާއި މަގުތައް އަދި ކޮޓަރީގައި ހުރި ބައެއް ސާމާނު ހިފައިގެންނެވެ. މިކާލްގެ ލައިބްރަރީއިން އެތައް ފޮތްތަކެއް ފޮށިގަނޑުތަކަށް އަޅާ ބަންދުކުރިއެވެ. އޭނަ އެމަސައްކަތުގައި ހުއްޓާ މިޝާވެސް އައެވެ. ނަމަވެސް އޭނަ އެހުރިހާ އެއްޗެހި ގެންދާތީ ސުވާލު ކުރުމެއްނެތި މިޝާ އެހީތެރިވެދިނެވެ. ފަރުނީޗަރު ނުގެންދާތީ މައްސަލަޖެއްސިއެވެ. މިޝާގެ ހެޔޮކަން ފެނުމުން ހިތާހިތުން ކުށްވެރިކަމުގެ އިހުސާސްކުރެވުނަސް ހަޔާތީ ހިތަށް ވިސްނައިދިނީ މަންމައަށްޓަކާ ހިތް ހަރުކުރުމަށެވެ.

އެޗްއެމްގެ ތެރެއިން ހަޔާތީގެ ފިކުރާއި އިދިކޮޅު މީހުން އުޅޭކަން ރޭކާލާންފެށުމުން ހަޔާތީ ހައިރާންވިއެވެ. އޭނަ ހިންގާ އޮފީހެއްގައި އަމްރާންއާއި އެއްކޮޅަށް އާޓިކަލްއެއް ލިޔުމަކީ ކިހިނެއްވާންޖެހުނު ކަމެއް ހެއްޔެވެ؟ އަމްރާން "ޕްރޮމޯޓް" ކޮށްފައި އާޓިކަލްއެއް ލިޔުމުން ހަޔާތީ ވަގުތުން އެ އާޓިކަލް ނަގަން އެންގިއެވެ. އެއަށްފަހު އޭނަ ކެބިންއަށް ވަންގޮތަށް ދެލޮލަށް ކަރުނަ ޖަމާވިއެވެ. މިކާލް ހުރިނަމައެވެ. އޭނައަށް މިތަނުގައިވެސް އެކަނިވެރިކަން އިހުސާސްކުރެވެނީއެވެ.

"އައި ޕްރޮމިސް އައި ވިލް ނެވާ ލީވް ޔޫ އެންމެފަހު ނޭވަޔާއި ހަމަޔަށް ދާންދެން އައި ވިލް ބީ ރައިޓް ހިއާ ވިތް ޔޫ............." މިކާލްގެ ފިރިހެންވަންތަ ރީތިއަޑު ކަންފަތުގައި ގުގުމައިލިހެން ހީވިއެވެ. މިކާލް އެ ހުރިހާ ރީތި ވައުދެއްވެފައިވެސް އޭނައާއި ވަކިވެގެން ދިޔައީ އޭނަ އެކަނިވެރިވާނެ ވަރު އެނގިހުރެއެވެ. އޭނަ ލޯބިވާވަރު އެނގިހުރެއެވެ. މިކާލްއާއި ނުލާ އުޅެން ދަސްވާނީ ކޮންދުވަހަކުންހެއްޔެވެ. ނޭގެއެވެ. އެދުވަހެއް ނާންނާނެއެވެ. ދުވަސްވާވަރަކަށް ލޯބިވާ މީހުންގެ ހަދާންތައް ފަނޑުވާނެކަމަށް ބުންޏަސް އޭނަ ދިމާ އިދިކޮޅެވެ. ވިސްނަމުންގޮސް އޭނަމޮޔަވެދާނެފަދައެވެ. ސަމާދެކެ އަންނަ ރުޅި ކުރިއަށްވުރެ އިތުރުވުން ނޫންކަމެއް ނުވިއެވެ. ސަމާ މާފަށް އެދި ފޮނުވި މެސެޖްތަކަށް ޖަވާބުދެވުނީ ސަމާ ހިތުގައި ޖެހި ރޮއްވާހާ ވަރަށް އެއްޗެހި ކިޔާފައެވެ. ބުނަން ނުވާ ސިއްރެއްވެސް އޭނައަށް ބުނެވުނެވެ. ސަމާގެ ބައްޕަ އޭނަގެ މަންމައާއިމެދު ކަންތައްކޮށްފައިވާ އިހާނެތި ގޮތުން ދުވަހަކު މާފެއް ނުދެވޭނެކަމަށާއި މިކާލް ނެތުމަށްފަހު އޭނައާއި އޮތްހާ ގުޅުމެއް ކެނޑުނީކަމުގައި ބުނެލިއެވެ.

"މިދިޔަ ތިންމަހު ތިގޭގައި އުޅުމުގެ ކުލިވެސް ދައްކާނަން. އެއްވެސް ބަޔެއްގެ ދަށުވެގެނެއް އިރާދަކުރެއްވިއްޔާ ނޫޅޭނަން. މިކާލްދެކެ ކިތަންމެ ލޯބިވިޔަސް އޭނަދުނިޔެއިން ވަކިކޮށްލީވެސް ކަލޭމެންގެ ތި ފިކުރު. އެހެނޭ ކިޔާފައި މިކާއަށްޓަކާ އެންމެ ކަރުނަތިއްކެއްވެސް އޮހޮރިވިންތަ؟ އަހަރެމެންގެ ބޭބެއަކަށް އެކަހަލަ ކަމެއް ދިމާވިނަމަ ހިތާމަކޮށް ކޮށް މަރުވެދާނެ. ތީ ކޮންކަހަލަ ކޮއްކޮއެއްތަ؟ އެވަރުން މިކާލްވީ ގުރުބާނީގެ އަގަކީ އުފަލުގައި ދިރިއުޅުންކަމަށް ވާނަމަ ތިގެއާއި ކައިރިވާކަށްވެސް ހިތް ނުރުހޭ. ޑިސްގަސްޓިން އީވިލް ޕީޕްލް..." ހަޔާތީ އެއްޗެހި ކިޔާފައި މެސެޖްތައްކުރުމުން ހިތުގައިވާ ވޭން ވަގުތީގޮތުން ލުއިވިއެވެ. ނަމަވެސް މިކާލް ދިޔައީ އެހިތް ޒަޚަމްކޮށްފައެވެ. ވަގުތީގޮތުން ފަރުވާއެއް ލިބުނަސް މަލަންގަނޑު ނައްޓާއިރު ކުރިއެކޭ އެއްފަދައިން ތާޒާ ޒަޚަމެއް ފަދައިން ވޭން އަޅަން ފަށައެވެ.

އެކައުންޓުން ފައިސާ ނެގުމަށްފަހު ހަޔާތީ އިޝްކަންގެ އެކައުންޓަށް ފައިސާ ޖަމާކުރިއެވެ. އެއަށްފަހު އޭނަ ދިރިއުޅޭ އިމާރާތުގެ ފަސްވަން ފްލޯގައި ހުރި އެއްރޫމް އެޕާޓްމެންޓަށް ވަނެވެ. ކިތަންމެ ކުޑަނަމަވެސް އަރާމް ތަންކޮޅެކެވެ. ކޮޓަރީގެ ބެލްކަނީ ކޮޅު ކުޑަވިޔަސް އެތަނުގައި މާވަށިތައް ބެހެއްޓުމުން ރީތިވާނެއެވެ. ކުޑަ ސިޓިން ރޫމްއަކާއިއެކު ކައްކާ ބައި ހުންނަނީ އަނެއްފަޅީގައި ވަކިންނެވެ. އެއީވެސް ހިތްހަމަޖެހުމެކެވެ. އަދި ނުވީތާކަށް ފާޚާނާގައި ބިލިގާއެއްވެސް ހުރެއެވެ. އެޑްވާންސް ދައްކަން ނުޖެހުނުކަމީ ނަސީބެކެވެ. ކޮޓަރީގައި މާ ގިނަ ފަރުނީޗަރުތަކެއް ނެތެވެ. އެއްކަނުގައި ގޮދަޑިއެއް އަޅާފައިއޮތެވެ. ދެން ހުރީ ފޮތި އަލަމާރިއަކާއި މޭޒަކާއި ގޮނޑިއެކެވެ. ހެދުން އަޅުވަން ކުޑަ ހަރެކެވެ. މަންމައާއި އިޝްކަން އައުމުން ތިންމީހުންނަށްވެސް ގޮދަޑި އަޅައިގެން މިތަނުގައި ނިދިދާނެއެވެ.

ފުރަތަމަ ރޭ އެޕާޓްމެންޓުގައި ހޭދަކުރަން ވުމުން ބިރުގަތެވެ. ރޮށްޓާއި ރިހާކުރާއި ޖަހައިގެން ކާލުމަށްފަހު ކިއްލިކޮޅެއް ދުފަމުންގޮސް ގޮދަޑިމައްޗަށް ވެއްޓިގަތުމުން އަދި އަތް ފާރުގައި ޖެހި އަތަށް ތަދުވެގެން އަޑެއްލައްވައިލެވުނެވެ. ދިރުމެއްނެތް އެއްޗެހިވެސް އޭނައާއި ދުޝްމިންވެ ގެއްލުންދޭން އުޅެނީހެއްޔޭވެސް ހިތަށް ނާރާވަރެއްނޫނެވެ.

"މައްސަލައެއްނޫން މިއަށްވުރު ހާލުގައި އުޅެން ޖެހުނަސް. އެކަނި ނަފުސަކަށްވިނަމަ. މަންމައާއި ކޮއްކޮއަށްޓަކާ ފައިސާ ބޭނުން އެބަވޭ. ކިތަންމެ ނިކަމެތި ހާލުގައިވެސް ފެމިލީއަށްޓަކާ ސެކްރިފައިސްވާން ކެރިދާނެ. އެކަމަކު މިކާ. ކީއްވެ މިހެން ހެދީ؟ މިކާ ހުރިނަމަ މިހާލުގައި އެކަނި ތެޅޭކަށް ނުޖެހުނީސް.......އިތުރަށް އާމްދަނީ ހޯދަން އިތުރު މަސައްކަތްކުރަންވެސް މަޖުބޫރުވީ....." މަޑު އޮރެންޖް އަލީގެ ތެރެއިން އެދެލޮލުގައި ވިދަންފެށި ކަރުނަތައް ފެންނާން ހުއްޓެވެ.

ރަމަޟާން މަސް ކައިރިވަމުން އަންނާތީ ގަޟާ ރޯދަން ހިފަން ހަޔާތީ އެރޭ ނިންމިއެވެ. އެހާ ކުޑަކޮށް ކައިގެން ހުރުމުން ހެދުނު ތެދުވުނުއިރު ވަރުބަލިކަމުގެ އިހުސާސްތަކުން ހަށިގަނޑު ބަލިކަށިކޮށްލައިފިއެވެ. ހިތްވަރާއިއެކު ތެދުވެގެން ތައްޔާރުވެލިއެވެ. ލިފްޓެއް ނެތުމުން ފަސްވަނަ ފެންގިފިލާއިން ސިޑިތަކުން އަރާ ފޭބުމަކީ ތަކުލީފެކެވެ. އެއްޗެއް ގަންނަން ދާން ޖެހުނަސް އެހާ ކަންނެތްވެއެވެ. އެހާ އަވަދިނެތި މަސައްކަތުގައި އުޅެލާފައި ގެއަށް އަންނަން ޖެހުނީވެސް ހިގާފައެވެ. ހޫނުގަދަކަމުން އަވިން މޫނާއިއެކު އެތެރެހަށިވެސް އަންދާލައިފިއެވެ. ފިހާރައަކާއި ހަމަވީއިރު ޒުވާން ދެލޯބިވެރިން އައިސްކޯން ކަމުން އެކަކު އަނެކަކަށް ހަދިޔާކުރި ލޯބިވެތި ނަޒަރުތައް ފެނުމުން ހަޔާތީއަށް ހިންދިރުވައިލެވުނެވެ. އޭނައަށް އެދެމީހުން ފެނުނީ އޭނައާއި މިކާލްގެ ސިފައިގައެވެ. މިއޮތް ދިލަ ހޫނުގައި އެންމެ ކާން ބޭނުންވި އެއްޗަކަށް އައިސް ކޯން ވިއެވެ.

ތިންވަނަ ސިޑިބަރި ކަޑައްތު ކުރެވުނީ ހަމަ ކިރިޔާއެވެ. މޫނަށް އަނދިރިވާގޮތްވެގެން ސިޑިބަރި މަތީ އިށީދެލެވުނެވެ. ކަކުލުގައި ބޯ ޖައްސައިލިގޮތަށް ރޮވިއްޖެއެވެ.

"ދެރަނުވޭ ހަޔާ... މިވެސް އިމްތިހާނެއް. ހެއްދެވިފަރާތުން އިމްތިހާނުތައް ކުރައްވާނެ. އެކި މީހުންނަށް ދިރިއުޅުމުގައި ދިމާވާނީ އެކި ކަހަލަކަންތައްތައް. މިކާ ބުނެއެއްނު ކެތްކުރާށޭ......"

"ޢައިމް ޝުއާ މިކާ މިއަދު ހުރިނަމަ އުރާލައިގެން ގެންދާނީ....އެކަމަކު މިއަދު ފިނިހަކައެއްހެން ފިރުކިފައި އަރަން މިޖެހުނީ ޕުއާ މީ........." ހަޔާތީ ހިތްވަރުކޮށްފައި އަނެއް ފަތްތަރު މަތިން އެރިއެވެ. ރެއިލިންގައި އެލުވިގެން ކަހަލަގޮތަކަށް ގަދަކަމުން ދެފައި ނަގަމުންގޮސް ކޮޓަރިއަށް ވަދެވުމާއިއެކު ގޮދަޑި މައްޗަށް ވެއްޓިގަނެވުނިއެވެ. ރޯނެ ހަކަތައެއްވެސް ނެތެވެ. އެހެން އޮތްވާ އިޝްކަން ގުޅަންފެށިއެވެ. ވައިބާ ޖެއްސުމަށްފަހު ހަޔާތީ ފޯނުނެގިއެވެ. ރޯދައަށް ހުރުމުން ވަރުބަލިކަމުގެ ޝަކުވާކުރިއެވެ. މަންމަގެ ހާލު އޮޅުން ފިލުވިއެވެ. އިޝްކަން ބުނީ ބެންގަލޫރުގެ މާހައުލު ވަރަށް ހިތްގައިމުކަމުގައެވެ. ނަމަވެސް މާލެމަތިން ހަދާންވާކަމަށެވެ. ދޮންތަމަތިން ހަދާންވާވަރުން ދުރުގައިހުންނަން އުދަގޫކަމަށެވެ. މުފުތިހާ ދައްތަމެން ކިހިނެއްހެއްޔޭ ވެސް އަހައިލިއެވެ. ހަޔާތީ ބުނީ އެންމެން ރަގަޅުކަމުގައެވެ. އިރުކޮޅެއްވާންދެން ވާހަކަދައްކަން އޮވެލާފައި ހަޔާތީ ފޯނު ބޭއްވިއެވެ. އެއްޗެއް ކައްކާން ތެދުވާނެވަރެއްވެސް ނެތެވެ. ފްރިޖްގައި އެންމެ ޖޫސްޕެކެޓެއް ނޫނީ އެހެން އެއްޗެއް ނެތްކަން ހަދާންވިޔަސް ދެން ތިރިއަށް ދެވޭކަށް ނެތެވެ. ސަޖަލްއަށް އުދަގޫކުރާކަށްވެސް ހަޔާތީގެ ޟަމީރު ތަނެއް ނުދިނެވެ. އެކަނިވެރި ނިކަމެތި ދިރިއުޅުމެއް އުޅެގެންވެސް މަންމަމެން އުފަލުގައި ގެންގުޅެވިއްޖެއްޔާ ރަގަޅުވާނެއެވެ.

މަހުން މަހަށް ނުވަހާސް ރުފިޔާ ކުލީގެ ގޮތުގައި ދައްކާފައި އަދި މަންމަގެ ބޭހަށާއި އިޝްކަންގެ ކޮލެޖަށް ދައްކަން ފޮނުވަން ޖެހޭނެތީ ހަޔާތީ ނުވިސްނަން ހުއްޓަސް ވިސްނެއެވެ. އެޗްއެމް ނޫހުން ފުދޭވަރެއްގެ އާމްދަނީއެއް ލިބޭތީ ދިރިއުޅުމުގެ ޚަރަދުތައް ކިރިޔާ ހަމަޖެހޭވަރަށް ފައިސާ އެބަލިބެއެވެ. ނަމަވެސް ލިބޭހާ އެއްޗެހި މަންމަމެންނަށް ފޮނުވަން ހަދައިގެން އޭނަ އުޅެން ޖެހެނީ ވަރަށް ބަލައިގެންނެވެ. އިތުރަށް ހެދުމެއް ގަނެލާނެ ފައިސާއެއް ނުހުންނަތާގައި ކާން ޖެހެނީ ވަރަށް އާދައިގެކޮށެވެ. ބޭނުންވާފަދަ އެއްވެސް އެއްޗެއް ކާކަށް ނުލިބެއެވެ. އެހެންވުމުގެ ސަބަބުން ކުރިއަށްވުރެ ހިކިވެ އަނަރޫފަވާންފެށިއެވެ.

އެޗްއެމް އޮފީހުގައި އޭނައަށް ޚާއްސަ ކެބިންއަށް ވަދެފައި ހަޔާތީ ބޮޑު ގޮނޑީގެ މަޑުކަމާއި ކޮޓަރީގެ ފިނިކަމުގެ އަރާމުކަން ހިދުކޮޅަކަށް ލިބިގަތެވެ. ދެލޯ މަރާލައިގެން އިރުކޮޅެއްވިތަނާ ސަޖަލް އަތުގައި ފުއްޓައްކެއް ޖެހުމުން ސިހިފައި ލޯ ހުޅުވައިލިއެވެ.

"ކިހިނެއް ލަވް..."

"އައިމް ގުޑް.. ފެންޓާސްޓިކް............." ހަޔާތީ ހިނިތުންވެލިއެވެ. އެއްގޮތަކަށްވެސް އޭނަގެ ހިތާމަތައް ހިއްސާކޮށްގެން ސަޖަލްއަށްވެސް ބުރައަކަށްވާކަށް ބޭނުމެއްނޫނެވެ. ސަޖަލްކަހަލަ ޖަޒުބާތީ ކުއްޖަކަށް އޭނަގެ ހާލު ކިޔައިދީފިއްޔާ ހުރިތާ ހުރެ ރޮއިގަންނަން ފަހެއް ނުޖެހޭނެއެވެ.

"އެކަމަކު ހާދަ ހިއްކޭ. ނުކެވެނީތަ؟ ބައްޔެއް ޖެހުނީތަ؟ މިއޮތް ރީތި ހައި ޗީކްބޯންގައި މަސްކޮޅެއްވެސް ނެތެއްނު....." ސަޖަލް ހަޔާތީގެ ކޮލުގައި އަތް ޖައްސައިލިއެވެ.

"ހެހެ. ނަސީބެއްނު ހިކޭކަން. އެހެން އެންމެން އުޅެނީ މިގޮތަށް ނުވެގެނެއްނު. ސަޖް. އަހަރެން މިއަދު ވަރަށް އެކްސައިޓް އެބަވޭ. ހުރިހާ ބޮލުގެ ރިހުމެއްގެ ތެރެއިންވެސް މޮޅު އައިޑިއާއެއް އައީމަ މިއުޅެނީ ވަރަށް ފޯރި ހިފައިގެން. ހިތް ވެސް އަވަސްވެގެން. އެއްކަލަ އަމްރާންގެ ބޮޑީގާޑުންނާއި ގުޅޭނެ އެއްވެސް ގޮތެއް އެބައޮތްތަ؟ މިއުޅެނީ އަމްރާން ބްލެކްމެއިލްކުރަން..........." ހަޔާތީ ބުނި އެއްޗަކުން ދެލޯ ބޮޑުވި ސަޖަލް އަނބުރައިގަތް ކަމުގެ އެކްޓް ޖައްސާލަމުން ޑެސްކްމަތީ ބޯ އެޅިއެވެ. ދެން ހޭންފެށިއެވެ.

"ހަޔާ. އާ ޔޫ ސީރިޔަސް؟ ހަމަ އަމްރާން ބްލެކްމެއިލް ކުރަން؟ އެކަމަކު ކިހިނެއްތަ......އަޅެ ކޮންފަދަ ބްރިލިއެންޓް އައިޑިއާއެއް މަގޭ ޑިއަރެސްޓް ލަވްގެ ސިކުނޑީގައި ތީނީ. މާސްޓަމައިންޑެކޭ މަ ބުނަމެއްނު. ސްޕިލް އިޓް އައުޓް. ނަސީބެއްނު ކިޑްނެޕްކުރާ ވާހަކަ ނުބުނިކަން......ބަޓް....ޕްލީޒް ޑިއާ އަވަހަށް ބުނެބަލަ. ހަމަ ރަގަޅަށްވެސް މަގޭ ހަޔާގެ މިހިރަ ބްރެއިން ސައިންޓިސްޓުން ވަގަށް ނަގަން ބޭނުންވާނެ........ ........." ސަޖަލް މޭޒުމަތީ އަތުގެ އުޅަބޮށި ވިއްދާލައިގެން ޝައުގުވެރިކަމާއިއެކު އަޑުއަހަން އިނެވެ.

(ނުނިމޭ...)

https://sun.mv/113467

comment ކޮމެންޓް