މެންޔޫއިން ނިއުކާސަލް ބަލިކުރި އިރު، ޗެލްސީ މެޗު އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލްއާ މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރޭން-- ފޮޓޯ: ބީބީސީ

އިނިގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީއާއި ސައުތުހެމްޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން ނިއުކާސަލް ބަލިކުރީ، 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ވަނީ ލަނޑު ޖަހާނޭ ފުރުސަތުތައް ފަހިކޮށްފައެވެ. ނަމަވެސް އޭގެ ބޭނުން ހިފޭގޮތް ނުވެ، ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ، 64 ވަނަ މިނިޓްގައެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ރޮމެލޫ ލުކާކޫއެވެ. އަދި 80 ވަނަ މިނިޓްގައި މެންޔޫއަށް މެޗުގެ ލީޑު ފުޅާކޮށްދިނީ މާކަސް ރަޝްފޯޑްއެވެ.

މިއީ ހޯޒޭ މޮރީނިއޯ މެންޔޫގެ ކޯޗުކަމުން ވަކިކުރުމަށް ފަހު އެޓީމާ ހަވާލުވި އާ ކޯޗު، އޮލެ ގުނަ ސޯލްޝެއާ ޓީމާ ހަވާލުވި ފަހުން އެޓީމު މޮޅުވި ހަތަރު ވަނަ މެޗެވެ. އަދި ސޯލްޝެއާ ޔުނައިޓެޑަށް އިރުޝާދުދިން ހަތަރުވަނަ މެޗުވެސްމެއެވެ. އެހެންކަމުން އޭނާ ވެގެން ގޮސްފައި ވަނީ، 1946 ވަނަ އަހަރު ޔުނައިޓެޑްގެ ކުރީގެ ކޯޗު މެޓްސް ބަޒްބީއަށް ފަހު، ޔުނައިޓެޑްގެ ކޯޗު ކަމާ ހަވާލުވެ ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން މޮޅުވި ފުރަތަމަ ކޯޗަށެވެ.

އަމިއްލަ ދަނޑުގައި ސައުތުހެމްޓަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.

މި ނަތީޖާތަކާއެކު ލީގު ތާވަލަށް މާކަބޮޑު ބަދަލެއް ނާދެއެވެ. 21 މެޗުން 38 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ 6 ވަނައިގައި އޮތް އިރު، ނިއުކާސަލް އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ. އަދި 21 މެޗުން 44 ޕޮއިންޓާއެކު ޗެލްސީ ތާވަލުގެ 4 ވަނައިގައި އޮތްއިރު، ސައުތުހެމްޓަން ވަނީ 16 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައަށް ވެއްޓިފައެވެ.

comment ކޮމެންޓް