އިންދިރާސް... (5)

''ރަމީޒު ކުރަން ތިއުޅޭ ކޮންމެ ކަމައްވެސް ކުރޭ، އާޚިރުގައި އެފީކަޅާ އަންހެނާއާއި އަފްލާކްގެ ގުޅުމަށް ނިމުން އަންނަނިކޮށް އަހަންނަށް ނިމުނީ!، އެއްވެސް ހާލެއްގައި އެދެމީހުންގެ ކައިވެނި ކުރެވިގެން ނުވާނެ!، އަފްލާކްގެ ކައިވެނި ކުރެވެން ޖެހޭނީ ހަމައެކަނި ކިޔާރާއާއި!، އިތުރު އެއްވެސް ގޮތަކަށް މިކަންތައް ނިމިގެން ނުވާނެ!... އަހަރެން ވަރަށް ގާތުން މިކަންތައް ބަލާނަން!، އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތުގައި އެކަންވެސް ކޮށްދޭނަން... އެކަމަކު، އަހަރެން ދިން މުހުލަތު ތެރޭގައި މިކަންތައް ނިންމާލެވެން ޖެހޭނެ!... އެހެންނޫނީ ރަމީޒު ތީ އަހަރެންގެ އެކުވެރިޔެއްގެ ގޮތުގައި ނުބަލާނަން، އޭރުން ނަތީޖާ ތިދެބަފައިންނަށް ވެސް ހިތިވާނެކަން ދަންނާތި...'' ކޮފީ ޖޯޑުގައި ހުރި ފަހު އެތިފޮދު ބޯލަމުން ފަހީމް ވާހަކަދެއްކިއެވެ.

''ހާސްނުވޭ... އަހަރުމެންގެ ރޭވުމާ އެއްގޮތަށް ހުރިހާ ކަމެއްވެސް ކުރިއަށް ދާނީ... އަފްލާކް އަދި އައްޔޫބުއަކަށް ވެސް ނޭގޭނެ ވާން އުޅެނީ ކިހިނެއްކަމެއް، އެންމެ ގާތުގައި ހުންނަ މީހާ ލަނޑުދީފާނެކަމެއްވެސް ރޭކާނުލާނެ... ކަންވެ ނިމުމުން ވާނުވާ އެނގޭނީ، އެހާ ހިސާބުން ބާޒީ އޮންނާނީ އަހަރުމެންގެ މުށުތެރޭގައި، ބޭނުން ކޮންމެ ކަމެއް ކުރެވޭނެ...'' ހިނިގަނޑެއް ޖަހާލަމުން ރަމީޒު ބުނެލިއެވެ.

ސައްލާ ކުރުމާއިގެން އެތައް އިރެއް ފާއިތުވެ ދިޔައެވެ. އަމިއްލަ އެދުމާއިގެން ފޯވެފައި ތިބިއިރު ތިމާގެ އަޚާއަށް ދެވެން މިއުޅެނީ ކޮންފަދަ ބޮޑު އަނިޔާއެއް ކަމެއްވެސް ރޭކާނުލައެވެ. ބަރުބާދުކޮށްލެވެން މިއުޅެނީ ކިތައް ދިރިއުޅުންކަމާމެދު ވިސްނާނުލެވުނެވެ. އެކަމުގެ އާޚިރު ނަތީޖާ ނިކުމެދާނެ ގޮތަކާ މެދު ވިސްނާލަން އެއިން އެކަކުވެސް ބޭނުމެއް ނުވިއެވެ. އަނެކާގެ ދިރިއުޅުން ބަރުބާދުކޮށްގެން ވިޔަސް އެމީހުންގެ މުރާދު ހާސިލުވަނިކޮށް އެނިމުނީއެވެ. ބާރުގެ ބޭނުންކޮށްގެން ނިކަމެތިމީހާގެ މައްޗަށް ގަދަވެގެންނާނެ ހުރިހާ އުކުޅެއްވެސް ބޭނުންކުރަން ފަހެއް ނުޖެހުނެވެ.

''މިއީ ރަމީޒުއަށް ދެވޭނެ ފަހުގެ ފުރުސަތުކަން ހަނދާންކުރާތި... ގޯސްކޮށް ކަމެއް ގޮސްފިނަމަ ނަތީޖާ ގޯސްވާނެކަން ވެސް ދަންނާތީ...'' ވާހަކައިގެ ތެރޭން ކުއްލިޔަކަށް ފަހީމްގެ ރާގު ބަދަލުވިއެވެ. އަޑުގައިވި އެކުވެރިކަން ސީރިޔަސްކަމަށް ބަދަލުވިއެވެ. ދެލޮލުންވެސް އޭނަގެ ވާހަކައިގެ ސީރިޔަސްކަން ރަމީޒުއަށް އަންގައިދިނެވެ.

''މަ ބުނީތީ އިތުބާރުކުރޭ، މިފަހަރު ކާމިޔާބު ލިބޭނީ އަހަރުމެންނަށް، އަފްލާކްގެ ވިސްނުން ހުންނަ ގޮތް އަހަންނަށް ކިތަންމެހާވެސް ރަގަޅަށް އެނގޭ، ޕްރެޝަރު ބޮޑުވެގެން އަންނަ ވަގުތު އޭނައަށް ނޭގޭނެ ވާނުވާއެއް، އެދަނޑިވަޅުގައި އޭނަ ހުންނާނީ ގޮތްހުސްވެފައި... ހިތްވަރުގަދަ މީހަކަށް ހެދިގެން ހުއްޓަސް އޭނަ ނިކަން ފިނޑިވާނެ، ވަކިން ހާއްސަކޮށް މަށާ ކުރިމަތިލާން އޭނަ ބިރުގަންނާނެ، މިހުރިހާ ދުވަހު އޭނައަށް އެއްޗެއް ވިސްނައިދޭން އުޅުނީ ހެޔޮގޮތުގައި، އެކަމަކު އޭނައަކަށް ނުވިސްނުނު، ގޮތް ދުލެއް ނުކުރި... ދެން އޮތީ ބަހާއި އަމަލުން އޭނައަށް ދެއްކުން، އަހަރެން އެދޭ ފަދައިން ކަންތައް ނުކޮށްފިނަމަ ނިކުންނާނެ ނަތީޖާގެ ނުބައިކަން މިފަހަރު އަހަރެން ސާބިތުކޮށްދޭނަން...''

ރަމީޒު މަސައްކަތްކުރީ އަދިވެސް އަފްލާކްގެ މައްޗަށް އޭނަގެ ބާރު އޮތްކަން ފަހީމްއަށް އަންގާދޭށެވެ. ފަހީމް އެއާ ވިއްދައިގެން ރައްދުގައި އެއްވެސް އެއްޗެއް ބުނުމެއް ނެތި އޭނަގެ އަތުގައި އޮތް ޝީޝާއިން އެތެރެއަށް ދަމާލި ދުންތައް ނޭފަތާއި އަނގައިން ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ދުމުގައި އެކުލެވިފައިވި ވިހަތައް ހިނދުކޮޅެއްގެ ތެރޭގައި ވައިގެ ތެރެއަށް ފެތުރިގެން ދިޔައެވެ.

*****

ގަޑީގެ ވަގުތު ކަށި ހަލުވިކަމާއެކު ހިނގަމުން ގޮސް ދަންވަރު އެކެއް ޖެހީއެވެ. ރަމީޒުގެ އިންތިޒާރުގައި ބޮޑުކޮޓަރީގައި އިން ސަބާގެ މޫނުން ނުތަނަވަސްކަމާއި އެއްވަރަށް ހިތްހަމަނުޖެހުމުގެ ކުލަވަރުވެސް ފާޅުވެއެވެ. ފާރުގައި ހުރި ގަޑިއަށް ދިން ނަޒަރަށް ފަހު އޭނަ ބަލާލީ ގޭގެ މައި ދޮރާއްޓާ ދިމާއަށެވެ. އެއަށްފަހު އަތުގައި އޮތް ފޯނުން އަނެއްކާވެސް ރަމީޒުއަށް ގުޅަން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް ކުރީ ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ލިބުނީ ހަމަ އެއްޖަވާބެކެވެ. މިވަގުތު ފޯނަށް ޖަވާބު ނުދޭ ވާހަކައެވެ. އެންމެފަހުން ސޯފާގައި އިނުން ސަބާއަށް ދަތިކަމަކަށް ވެއްޖެއެވެ.

ބޮޑުކޮޓަރީގައި ކުރުކާލިކަނޑަމުން ދިޔަ ހިނދު އޭނަގެ ސިކުނޑީގައި ތަފާތު ޚިޔާލުތަކެއް ފުނިޖެހެމުން ދިޔައެވެ. އޭގެ ސަބަބުން އޭނަގެ މޫނުން ނުތަނަވަސްކަމުގެ ކުލަވަރު ފެންނަން ފެށިއެވެ.

''އަހަރެންގެ ކަންފަތާ ހަމައަށް އެއައި ވާހަކައަކީ ހަމަ ހަޤީޤަތެއްތަ؟، މިފަހަކަށް އައިސް ރަމީޒު ގެއަށް އަންނަނީވެސް ލަހުން... އޭނަ ހަޤީޤަތުގައި ވެސް އިތުރު އަންހެނެއްގެ ގާތަށް ދަނީތަ؟... ނޫން!، އެހެންވެގެން ނުވާނެ!، އެހެން ކަންތައްވުމުގެ ފުރުސަތެއް އަހަރެން ނުދޭނަން!... އެހެން މީހެއްގެ ގާތަށް ދާންޖެހޭ ކަހަލަ އުނިކަމެއް އަހަަރެންގެ ގަޔަކު ނުހުންނާނެ!............. ލިބިފައިމިވާ މުއްސަނދިކަމުން އަހަރެން މަހުރޫމުވެގެން ދާތަން ދެކޭކަށް މަޑަކުން ނުހުންނާނަން... ލާހިކެއް ނޫން އަހަރެން ނޫން އެހެން މީހަކާ ގުޅުން ބާއްވާކަށް!... މިކަމުގެ ހަޤީޤަތް ހޯދާފަ އެއަންހެނަކު ހޭއަރުވާލާނަން، ރަމީޒުއަކީ ހަމައެކަނި އަހަރެންގެ މިލްކެއް!...''

ސަބާ އޭނަގެ އަމިއްލަ ޒަމީރާ ވާހަކަދެއްކިއެވެ. ވިސްނެމުން ދިޔަ ވަރަކަށް އޭނަގެ ސިކުނޑީގެ ނާރުތަކަށް ވާންކަން ވެރިވާން ފެށިއެވެ. މުއްސަނދިކަމާއި، އަރާމާއި، އިއްޒަތުން ފުރިގެންވި ހަޔާތަކަށް ކުރަމުން ދިޔަ ފޮނި އުއްމީދުތައް ފެނަށް ވެގެންދާކަށް ސަބާ ބޭނުމެއް ނުވެއެވެ. އޭނަގެ ރީތިކަމާއި ފުރިހަމަކަމާއި ވާދަކުރެވޭނެ އަންހެނަކު އުޑުދަށުގައި ވާނެކަމަކަށް ސަބާ ޤަބޫލެއް ނުކުރެއެވެ. އޭނަގެ ނަޒަރުގައި އޭނައަކީ ދުނިޔޭގައިވެސް ހުރި އެންމެ ރީތި އަންހެނާއެވެ. ކަން އެހެން އޮތުމާއެކު ރަމީޒު އިތުރު އަންހެނެއްގެ ގާތަށް ދާންޖެހޭ ސަބަބެއް ސަބާއަކަށް ނުވިސްނުނެވެ. ރަމީޒުގެ ހުރިހާ އުދެމެއްވެސް މިވީހާ ދުވަހު އޭނަ ފުއްދައިދެމުން އަންނަނީ ނިކަން ފުރިހަމައަށެވެ. އެއްވެސްކަމެއް އުނިވިޔަކަ ނުދެއެވެ. ރަމީޒުގެ ފަރާތުންވެސް އޭނައަށް ޚާއްސަ ސަމާލުކަމެއް ލިބެއެވެ. އޭނަގެ ނަޒަރައި އެއީ ލޯތްބެވެ. މިވީހާ ދުވަހު އެކުވެރިންގެ ފަރާތުން އޭނަގެ ކަންފަތާ ހަމައަށް އައި އަޑުތައް އޭނަ ޤަބޫލުނުކުރީވެސް އެހެންވެއެވެ. އޭނަގެ އުފާވެރިކަމާ އެހެންމީހުން ހަސަދަވެރިވަނީ ކަމުގައި ދެކުވުނީތީއެވެ. އެހެނަސް ކުއްލިޔަކަށް އޭނަގެ ހުވަފެންތަކަށް އަރައިގެން އެއައި ލޮޅުމާއެކު ކަންފަތަށް އަޑުއިވިފައިވި ވާހަކަތަކާ މެދު ވިސްނާލަން އެވަނީ ޖެހިފައެވެ. އޮޅުކުރެވުނު ސިންގާ އޭނައަށް ހަމަލާއެއް ދީފާނެކަމުގެ ބިރު ފުރަތަމަ ފަހަރަށް ހީވެގެން އައީ އުފެދުނު ޝައްކުތަކެއްގެ ސަބަބުންނެވެ.

''އަނެއްކާ އެހާ ދުވަސްފަހުން މާރިޔާ ގާތަށް އެދިޔައީ ކީއްވެތަ؟... އެވެސް ބަލާއެއް ކަހަލަ އަންހެނެއް، އަމިއްލައަށް ވަރިވެގެންވެސް ރަމީޒުގެ ފަހަތުން ނެއްޓެން ނޭގިގެން އެއުޅެނީ... ރަމީޒު!... ހީނުކުރާތި މަށަށް ލަނޑު ދެވިދާނެ ކަމަށް... މަށަކީ އާދައިގެ އަންހެނެއް ނޫން، ރައްދުގައި އެއްޗެއް ބުނަންޖެހޭ ހާލަތުގައި މާރިޔާ ހުންނަހެން ހިމޭނަކުން މަށެއް ނުހުންނާނަން!... ރަމީޒު ޖެހިހާބެރަކަށް ނުވެސް ނަށާނަން......''

ސަބާ އޭނަގެ ޒަމީރާ ވާހަކަދައްކަމުން ދަނިކޮށް ގޭގެ ފެންޑާއަށް ކާރު މަޑުކޮށްލި އަޑު އިވުނެވެ. އެއާއެކު ރަމީޒު ގެއަށް އައީކަން އޭނައަށް ނަގައިގަނެވުނެވެ.

ސަބާ ބަލަން ހުއްޓާ މައިދޮރު ހުޅުވާފައި ރަމީޒު ވަދެގެން އައިތަން ފެނުނެވެ.

ދަންގަޑިއެއްގައި ސަބާ ހޭލާ އުޅޭތަން ފެނި ރަމީޒުއަށް ހިސާބެއްގެ ސިހުމެއް ލިބުނެވެ. އެއީ ސަބާގެ ފަރާތުން ފެނުނު އާދައަކަށް ނުވާތީއެވެ. ފިޔަވަޅުތައް މަޑުކޮށްލަމުން ބަލަން ހުރެވުނެވެ.

ރަމީޒުއަށް ސަބާ ފުން ނަޒަރެއް ދިނެވެ. ރަމީޒު ބޭރަށް ދިޔައިރު ފެނުނު ހާސްކަން ފިލާ ފެންނަން ހުރި އުފާވެރިކަމާއި ހަމަޖެހުމުގެ އަސަރުތަކުގެ މާނަ ސަބާއަށް ނަގައިގަނެވުނީ މުޅިން ގޯސްކޮށެވެ. އެއާއެކު އޭނަ ހިތްހަމަނުޖެހުނެވެ.

''ކިހިނެއްވީ ނުނިދާ ތިހިރީ؟...''

ސަބާގެ ބޭކާރު ސުވާލުތަކުން ބޮލަށް އުނދަގޫވާނެކަން ލަފާކޮށްލެވުމުން ރަމީޒުގެ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. އޭނަގެ މޫޑުވެސް ޚަރާބު ވިއެވެ. އެއްއިރެއްގައި ސަބާ ފެނުމުން އޭނަގެ ހިތުގައި ޝައުޤުވެރިކަން އުފެދުނުކަމުގައި ވިޔަސް މިހާރު އެއިހުސާސްތައް މުޅިންހެން ބަދަލުވެއްޖެއެވެ. އަބަދު އެއްމަލެއްގެ ފޮނި ބޯން ލިބުމުން އެމަލުގެ ތާޒާކަން ގެއްލި މޯޅިވެގެން ދާނެއެވެ. ފިޔަތައް ފައިބާ ކަރުގަނޑު ފާވާނެއެވެ. މާބުރު އެމާ ދޫކޮށް އެހެން މަލެއްގެ ލައްޒަތު ހޯދަން އަވަސްވެގެންނާނެއެވެ. އެފަދައިން ރަމީޒު ވެސް ސަބާ މަތިން ފޫހިވެއްޖެއެވެ. ސަބާ ފެނުނަސް މިހާރު އޭނަގެ ބޮލަށް ވަނީ ތުރާލެވެ. އެހަޔާތުން ސަބާ ބާކީކުރަން ޖެހޭ ވަގުތު ވަރަށް ވެސް ގާތްވެއްޖެކަން ރަމީޒުއަށް ވިސްނައިގަނެވުނެވެ. ނަމަވެސް ސަބާ ކަހަލަ އަންހެނެއްގެ ދުއްތުރާލުން ސަލާމަތްވާން އުނދަގޫ ކަމަކަށް ވާނެކަން ރަމީޒުއަށް ލަފާކޮށްލެވުނެވެ. މޮޅު ގޮތެއް ޚިޔާރުކުރަން ޖެހިފައިވަނީ އެހެންވެއެވެ.

''ކޮންތާކުން ތިއައީ؟، ގުޅީމަ ފޯނަށް ޖަވާބު ނުދެވެނީ ކީއްވެ؟...''

ރަމީޒުއާ ސަބާ ކުރިމަތިލިއެވެ. ސަބާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ރަމީޒު މިސްރާބުޖެހީ ކޮޓަރިއާ ދިމާށެވެ. އެއާއެކު ސަބާ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. ރަމީޒު ގަސްދުގައި އޭނަ ބާކީކޮށްލަން އުޅޭކަން ވިސްނައިގަނެވުނެވެ. އޭނަގެ ފޯނުކޯލްތަކަށް ޖަވާބު ނުދިނީ އެހެންވެއެވެ. ލަހުން ގެއަށް އައުމާއި އޭނަގެ ކަންފަތަށް އަޑުއިވިފައިވި ވާހަކަތަކާއި ގުޅުވާލެވުމުން ބޮޑު މަންޒަރު އޭނައަށް ފެންނަން ފެށިއެވެ.

''ރަމީޒު!...''

ސަބާ ގާތަށް ރުޅިއައެވެ. ނަސުފުގެ މައްޗަށް ގަދަވެގެން އައި ރުޅިވެރިކަމާއެކު ރަމީޒުއާ މެދު އޭނަގެ ހިތުގައި އޮންނަ ޖެހިލުންވުން ފިލައިގެން ދިޔައެވެ. ހިތްހަމަޖައްސާލުމަށްފަހު ބޭކާރުވެގެންދާ މުނިފޫހިފިލުވުމުގެ އުކުޅަކަށް ވެގެންދާ މަންޒަރު ބަލަން ހަމަހިމޭނުން ހުންނާކަށް ސަބާ ބޭނުމެއް ނުވިއެވެ. އަރާމާއި އިއްޒަތުގައި އުމުރު ހޭދަކޮށްލައި ހިތްފުރެންދެން ފައިސާ ބުރުވާލުމަށް ލިބިފައި އޮތް ފަހި ފުރުސަތު އަތުން ބީވެގެންދާން ހަމަހިލާ އޭނަ ފުރުސަތެއް ނުދޭނެއެވެ.

''ކޮންތާކު ހުރެފަ މިހާ ލަހުން ގެއަށް ތިއައީ؟... ކިތައް ފަހަރު މަ ގުޅައިފިން... ރަމީޒު ހީކުރީތަ މަށަށް އޮޅުވާލާފައި އެހެން މީހުންނާ ގުޅުން ބޭއްވިދާނެ ކަމަށް؟... މަށަކީ އާދައިގެ އަންހެނެއް ނޫން އިނގޭ!، ރަމީޒު ހެދިހާ ގޮތެއް ވަރިހަމަވެގެން ހުންނަން އަހަރެން މީ މާރިޔާއެއް ނޫންކަން ދަންނާތި... ޖެހިލުންވެ ދެބަސްބުނަން ނުކެރިފަ މަ ނުހުންނާނަން... ރަމީޒުއަށް ބިރުން ސިއްރުތައް ހިފަހައްޓައިގެން ވެސް އަހަރެން ނުހުންނާނަން، ރަމީޒު ތިކުރާ ކަންތައް ހަމަމިހާރުން މިހާރަށް ހުއްޓާލާ އަދި އަހަންނާ ކައިވެނި ކުރޭ، އެހެންނޫންނަމަ ރަމީޒުގެ ސިއްރުތައް ބޭޒާރުކުރަން އަހަރެން ފަހެއް ނުޖެހޭނެ، އެންމެ ފުރަތަމަވެސް އަހަރެން ފަށާނީ އަފްލާކްގެ ބައްޕަގެ ސިއްރުތަކުން!، ރަމީޒުއަށް ލިބިފައި ތިވާ މުއްސަނދިކަމުގެ ހަޤީޤަތް އޭރުން ހާމަވާނެ... ދެން އެއަށްފަހު އަހަރެން ހާމަކުރާނީ ރަމީޒު ތިކުރާ ވަގު ވިޔަފާރިތަކުގެ ސިއްރުތައް...'' ރަމީޒުގެ ކުރި ބައްދަމުން ސަބާ ބުނެލިއެވެ. ހިތުގެ މުރާދާ ނުހަނު ގާތަށް އާދެވުމަށްފަހު ލިބިފައިވި އަރާމު ދިރިއުޅުމުން މަހުރޫމުވެގެންދާކަށް ސަބާ ބޭނުމެއް ނުވިއެވެ. ރަމީޒު ފަދަ މަހުޖަނަކު ދެން އަތުއަޅުވާލެވޭނެ ކަމެއްވެސް އެނގެނީކީ ނޫނެވެ.

އައިސްފައި ހުރި ރުޅީގެ ސަބަބުން މިކުޅެވެނީ އަލިފާނާކަން ސަބާއަށް ރޭކާނުލިއެވެ. އަމިއްލަ ހަލާކުގެ ތެރެއަށް ދަޢުވަތު ދެވުނުކަމެއްވެސް ރޭކާނުލިއެވެ.

ސަބާގެ ޖުމްލައިން ރަމީޒުގެ މޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހުރިހާ ޝުޢޫރެއް ނުރުހުމުގެ ކުލަވަރުތަކުން އޭނަ ފަރުދާކުރިއެވެ. އަޑު އިސްކޮށް އޭނައާއި ސަބާ ވާހަކަދެއްކުމުން ރަމީޒުއަށް އަތްމުށްކަވާލެވުނެވެ.

''އަހަންނަށް އެކަން އެނގުނު ގޮތަކާ މެދު ހައިރާން ވީ ދޯ؟... މާރިޔާއާއި ދެމީހުން ޒުވާބު ކުރަނިކޮށް އަހަންނަށް އަޑުއިވުނީ... އެކަންތައް އަފްލާކްއަށް އެނގިއްޖެނަމަ ވާނީ ކިހިނެއްތަ؟... މާރިޔާ އުޅޭހެން ރަމީޒުއަށް ބިރުން އެކަންތައް ފަރުދާކޮށްގެން އަހަންނެއް ނުހުންނާނަން... އަފްލާކްއަށް އެކަންތައް އެނގެން ބޭނުންނުވާނަމަ އަހަރެން ބުނާހެން ކަންތައް ކުރޭ...''

''ކަލޭގެ ފެންވަރުވެސް އޮޅުނީތަ؟، މަށާ ދިމާއަށް އަޑު ހަރުކޮށް ވާހަކަދައްކަން ކަލޭ ތީ ކާކު؟...'' ކުއްލިޔަކަށް ރަމީޒު ހިފީ ސަބާގެ އިސްތަށިގަނޑުގައެވެ. އަދި އަތުގެ އިނގިލިތަކަށް އިސްތަށިގަނޑު އޮޅާލަމުން ކުރެވުނު އެންމެ ބާރަށް ވާންކޮށްލިއެވެ. އެއާއެކު ސަބާގެ ދުލުން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވިއެވެ.

''ދޫކުރޭ!!!...'' ރަމީޒުގެ އަތްދަށުން މިންޖުވާން ސަބާ މަސައްކަތްކުރިއެވެ. ކާމިޔާބު ނުލިބުމުން ފަހު ހަތިޔާރެއްގެ ގޮތުގައި އޭނަ ބޭނުންކުރީ އަތުގެ ނިޔަފަތިތަކެވެ. ދިގު ނިޔަފަތިތަކުގެ ހަމަލާ އަމާޒުވުމާއެކު ވީ ތަދާއެކު ރަމީޒުއަށް ސަބާ ކޮއްޕާލެވުނެވެ. އެދިޔަ ބާރު މިނުގައި ސަބާ ގޮސް ޖެހުނީ ސިޑިއާ ކައިރީގައި ހުރި ތިން ފޫޓުގެ ބޮޑު މާވަށިގަނޑުގައެވެ. އެއަށްފަހު މޫނުވަތަށް ބިންމައްޗަށް ވެއްޓުނު ސަބާގެ ގައިމައްޗަށް މާވަށިގަނޑުވެސް ވެއްޓި ތަޅައިދެން ދިޔައެވެ. އެހިނދު ސަބާގެ ވޭނީ ހަޅޭކުގެ އަޑު އިވުނެވެ.

''*****... ކަލޭގެ ދުވަސްދާނެ މަގޭ އަތުން، މިހުރިހާ ދުވަހު ދޫދީގެން ހުރީމަ ކަލޭ ހީކުރީތަ ކަލޭ ބޭނުންހާ ގޮތެއް ހެދޭނެޔޭ؟!، މަށާ ދިމާއަށް އަޑު އިސްކޮށް ވާހަކަދެއްކޭނެޔޭ؟!... މަ ދާ ތަންތަނާ މެދު ސުވާލު އުފެއްދިދާނެޔޭ؟!... ކަލޭގެ ފެންވަރާ މެދު ފުރަތަމަ ވިސްނާލަބަލަ، އަގެއް ހުރި މީހެއް ނޫން ކަލޭ ތީ... ކަލޭ ތީ މީހުން މުނިފޫހިފުލުވަން ބޭނުންކުރާ އެއްޗެއް... ބޭނުން ފުދުމުން އެއްލާލާ އެއްޗެއް، އެފެންވަރުގެ މީހަކު މަށާ ސުވާލުކުރީ ކޮން ހައިސިއްޔަތަކުންތަ؟!... މަގޭ ހުރި ނުބައިކަން ކަލެއަށް ދައްކާލާނަން...'' ބިންމައްޗަށް ދެމިފައި އޮތް ސަބާގެ ގާތަށް ގުދުވެލަމުން ރަމީޒު ހިފީ ސަބާގެ ކަރުގައެވެ. އަދި އޭނަގެ އަތުގެ އިނގިލިތަކަށް ވާންކޮށްލިއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނާއެކުވެ، ނޭވާހޮޅިން ހުސްވާން ފެށުމާއެކު ސަބާއަށް ތެޅިފޮޅިގަނެވުނެވެ. ދޫ ބޭރުވެ ދެލޯ ބޮޑުވާން ފެށިއެވެ. ނޭވާނުލެވިގެން ގޮސް މޫނު ހުދުވާން ފެށިއެވެ.

''ދެން ނިކަން މަށަށް އިންޒާރު ދީބަލަ!، ކަލޭ ކަހަލަ މީހަކު މަރުވިޔަސް އަޅާލާނެ މީހަކު ނުވާނެ، ދުނިޔޭގައި ހުރިތޯ ބަލާލާނެ މީހަކުވެސް ނުވާނެ، ތިކަހަލަ ގޮތެއްފޮތެއް ނެތް މީހުން މުޖުތަމައުން ބަލައެއްވެސް ނުގަންނާނެ، ކަލޭ މަރުވެ މަސްގަނޑު ކުނިވެގެން ދާއިރުވެސް ކަލެއަށް ވީގޮތެއް ބަލަން އެކަކުވެސް ނޫޅޭނެ، ޢާއިލާ މީހުން ބާކީކޮށްފައި ހުރި މީހެއް ކަލޭ ތީ...''

އިހުނަށްވުރެން އަތުގެ އިނގިލިތަކަށް ރަމީޒު ބާރުކޮށްލިއެވެ. އެވަގުތު އޭނަގެ ތުންފަތަށް ވެރިވެގެން އައީ ނުބައި ހިނިތުންވުމެކެވެ. މަރަށް ތެޅެމުން އައި ސަބާ ފެނި އެހިނިތުންވުން ފުންވިއެވެ. ސަބާގެ ބަލާވެރިކަމުން އޭނަ ދުނިއުމުރަށް ސަލާމަތްވާނެކަމުގެ ޔަޤީންކަން އޮތީމައެވެ. އޭނަގެ ސިއްރުތައް ދާއިމަށް ހިފެހެއްޓޭނެތީއެވެ.

*****

ހުކުރު ދުވަހުގެ މެންދުުރު ވަގުތެވެ. މެންދުރަށް ކައްކަން ބަދިގޭގައި އުޅުނު މޫނިސާގެ ހަރަކާތްތައް އެހެނިހެން ދުވަސްތަކާ އަޅާބަލާއިރު ފެންނަނީ ނެގިމަޑުވެފައި ވާ ތަނެވެ. މަސައްކަތުގެ ސްޕީޑް ލަސްވެފައި ފުން ޚިޔާލަކަށް ގެއްލިފައިވާ ކަހަލައެވެ. ހިސާބެއްގެ ނުތަނަވަސްކަމެއް ވެސް މޫނުމަތިން ފާޅުވެއެވެ.

ތަރުކާރީތައް ކޮށަން އުޅުނު ޒޯހާ، އުނދުން ކައިރީގައި ހުރި އޭނަގެ މަންމައަށް ބަލާލިއެވެ. މަންމަ ފުންވިސްނުމަކަށް ގެއްލިފައި ހުރިތަން ފެނި ޒޯހާ ގޮވާލިއެވެ. އެހެނަސް ޒޯހާގެ އަޑު މޫނިސާގެ ކަންފަތާ ހަމައަށް ނުފޯރިއެވެ. ފަސްއެނބުރި ޒޯހާއަށް ނުބެލީ އެހެންވެއެވެ. އެއާއެކު ޒޯހާއަށް ހައިރާންކަން ލިބުނެވެ. ކުރަން ހުރި މަސައްކަތް އިހަށް މަޑުޖައްސާލަމުން އޭނަ މަންމަ ގާތަށް ޖެހިލިއެވެ. އަދި މަންމަގެ ކޮނޑުގައި ކޮއްޓާލިއެވެ. އެއާއެކު މޫނިސާ ދިޔައީ ސިއްސައިގެންނެވެ.

''މަންމާ، ހާދަ ނުތަނަވަސްވެފަ ހުރިހެން ހީވެޔޭ... ކިހިނެއްވީތަ؟...'' މަންމަގެ މޫނަށް ދިން ފުން ނަޒަރަށް ފަހު ޒޯހާ ސުވާލުކޮށްލިއެވެ.

''ނޭގޭ ކީއްވެގެން ކަމެއް، މިއަދު ހިތް ހާސްވެ ބިރުގަންނަނީ... ކޮންމެވެސް ބިރުވެރިކަމެއް ވާން އުޅޭހެން ހީވަނީ، ހެނދުނު ހޭލީއްސުރެން ފެށިގެން އެފަދަ ހާލެއްގަ މިއުޅެނީ... ކޮންމެވެސް ނުބައި ޚަބަރެއް ލިބެން އުޅޭހެން މަންމައަށް ހީވަނީ...'' ޒޯހާގެ އަތުގައި ހިފާލަމުން މޫނިސާ ވާހަކަދެއްކިއެވެ. އަޑުގައި ހާސްކަން ވެއެވެ.

''އެއްކަލަ މަންމަ، ތިހެން ވިސްނާކަށް ނުވާނެއޭ... ކުރީ ޒަމާނުގެ މީހުންގެ އެކަހަލަ ވިސްނުން ޤަބޫލުކުރާކަށް ނުވާނެ، އެޒަމާނުގަ ކޮންމެ ކަމެއް ދިމާވިޔަސް އެކަމެއް ގުޅުވާލާނީ ތިކަހަލަ ކަންކަމާ... ހާސްވެ ބިރު ގަތުމަކީ ނުބައި ޚަބަރެއް ލިބެން އުޅޭކަމުގެ އަލާމާތެއް ނޫން، މިހާރަކަށް އައިސް މަންމަ ކަންތަކާ މާބޮޑަށް ވިސްނާތީ ފިކުރުބޮޑުވެފަ ތިހުންނަނީ... މަންމާ، ދެން އިތުރަށް އެކަމާ ނުވިސްނާ... ހިތުގައި އެޚިޔާލު އޮތްހާ ހިނދަކު ނުތަނަވަސްކަން ލިބުން ނޫންކަމެއް ނުވާނެ... މަންމަ ދެން ދޭ އަރާމުކޮށްލަން، އަހަރެން ކެއްކުމުގެ ހުރިހާކަމެއް ހަމަޖައްސާލާނަން...'' ޒޯހާ ބުންޏެވެ.

''ނޫން، ދަރިފުޅަށް ކިހިނެއް ހުރިހާކަމެއް ވާނީ؟... ހުކުރުން ފައިބާ އިރަށް އަފްލާކް އަދި މާރިޔާ ވެސް އަންނާނެ، އަނެއްކޮޅުން ދަރިފުޅުގެ ބައްޕަވެސް ބުނި އެހާއިރަށް އާދެވޭނެ ވާހަކަ، މިހާރު ބާރަޖަހަން ކައިރިވަނީ... އަދި ކައްކަން އުދާނުލެވިގެން މިއުޅެނީ... މަންމަ މިހާރު އޯކޭއޭ... އަވަހަށް މިކަންތައް ނިންމަން ހިނގަމާ، ވަގުތު ކުޑަތަން ވަނީ...'' މޫނިސާ ހިނިތުންވެލިއެވެ. އަދި މަސައްކަތާއިގެން މަސްޢޫލުވިއެވެ.

މަންމައަށް ބަލަން އިރުކޮޅެއް ވަންދެން ޒޯހާއަށް ހުރެވުނެވެ.

''ޒޯހާ، މަންމަ މިހާރު ރަގަޅޭ، ދަރިފުޅު ބުނިހެން އެއްވެސް ކަމަކަށް ނުވާނެ، މަންމަ ދެން އިތުރަށް އެކަންތަކާ މެދު ނުވިސްނާނަމޭ... ދަރިފުޅުގެ ކައިވެނީގެ ކަންތަކާ މާބޮޑަށް ވިސްނާތީ ވެގެން އުޅޭ ގޮތެއްހެން މަންމައަށް ހީވަނީ... ކައިވެންޏަށް ދެން ގިނަ ދުވަހެއްވެސް ނެތް ތާ...... ދަރިފުޅު ތިހެން ނުހުރެ އަވަހަށް ތަރުކާރީ ކޮޅު ކޮށާބަލަ، އިރުކޮޅަކުން ފިޔާގަނޑު ދޮންވާނެ...''

މޫނިސާ އުނދުނަށް އުދާފައި ހުރި ތެއްޔަށް ދިން ނަޒަރަށްފަހު އަތްމަތި އަވަސްކޮށްލުމަށް ޒޯހާގެ ގާތު އެދުނެވެ. އިރުކޮޅެއް ވަންދެން މަންމައަށް ބަލަން ހުރެފައި ޒޯހާ މަސައްކަތާއިގެން މަސްޢޫލުވީ މަންމައަށް ރަގަޅު ބަދަލެއް އައިކަން ފާހަގަ ކުރެވުނީތީއެވެ.

''ޢައްސަލާމުޢަލައިކުމް...'' ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ ޒޯހާއާއި މޫނިސާއަށް ހައިރާންކަން ލިބުނީ ބޭރުން ސަލާމް ގޮވާލި އަޑުއިވުމުންނެވެ.

އުނދުނުގަނައި ހުރި ތެއްޔަށް ސަމާލުކަން ދޭން ބުނެލަމަށްފަހު ސަލާމު ބަލައިގަންނަން މޫނިސާ ނިކުތީ ބޭރަށެވެ.

''އަހާނ، ފަޒީލާ މިގަޑީގަ ކީއްތިކުރަނީ؟...'' މޫނިސާ ބުނެލި އަޑު އިވުނެވެ.

''މިގެއަށް ނަދެވޭތާާ ލައްކަ ދުވަސް ވެއްޖެއެއްނު، އެހެންވެ ހަމަ ޖައްސާލީ، ކޮބާތަ އައްޔޫބު؟...'' ފަޒީލާގެ އަޑު ޒޯހާގެ ކަންފަތާ ހަމައަށް ފޯރުމާއެކު ޒޯހާގެ މޫނުން ފޫހިކަން ފެނުނެވެ. ތުންފަތްވެސް އަރިއަކަށް ދަމާލެވިއްޖެއެވެ.

ފަޒީލާ އެއީ މޫނިސާއާ ރަހިމުގެ ގުޅުން އޮންނަ ހަމައެކަނި ފަރާތެވެ. މޫނިސާގެ ދައްތައެވެ. ގުޅިފައިވާ ރަށެއްގެ މީހަކާއި އިނދެގެން ފަޒީލާ ދިރިއުޅެމުން އަންނަނީ އެރަށުގައެވެ. މަންމައާއި ބައްޕަ ނިޔާވުމުގެ ކުރިން ކޮންމެ ދުވަހަކުވެސް މޫނިސާއާއި ބައްދަލުކުރަން ފަޒީލާ އާދެއެވެ. ނަމަވެސް މައިންބަފައިންގެ ވަކިވެ ދިއުމާއެކު ދިރިއުޅުމަށްއައި ބަދަލުތަކަށްފަހު އޭނައަށް މޫނިސާއާ ބައްދަލުކޮށްލަން އާދެވެނީ ހާލަކުންފަހަރަކުއެވެ.

''އަޅޭ މިގަޑީގަތަ ބޮޑުދައިތައަށް އަންނަން އެނގުނީވެސް؟، އިރުކޮޅަކުން އަފްލާކްމެން އަންނާނެެ... ބޮޑުދައިތަ ސީންއެއް ކްރިއޭޓް ނުކޮށްފިއްޔާ ކިތަންމެހާވެސް ރަގަޅު...'' ޒޯހާއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. ރަމީޒުގެ ސަބަބުން ދިމާވަމުން އަންނަ ދުއްތުރާތަކުން އޭނައާއި އަފްލާކްގެ ގުޅުމާމެދު ބޮޑުދައިތަ ހިތްހަމަނުޖެހެއެވެ. ފާޅުގައި އެގުޅުމާ ދެކޮޅަށް ބަސްބުނެއެވެ. މަންމައާއި ބައްޕައާއި ވެސް ޒުވާބުކުރެއެވެ. އެކަމާ ހުރެ ޒޯހާއަށް ހިތާހިތުން ދުޢާކުރެވުނީ ވީހާވެސް އަވަހަކަށް ބޮޑުދައިތަ އެގެއިން ދިއުމަށެވެ. އެހެންނޫނީ ބޮޑު ކަންތައްގަނޑެއް ހިންގާލަން ބޮޑުދައިތަ ފަހެއްވެސް ނުޖެހޭނެއެވެ. ކުރީފަހަރުވެސް އަފްލާކްއާ ދިމާކޮށްލި ވިއްޔާއެވެ. ރަމީޒުގެ ނުބައިކަމުން ތުހުމަތުގެ އިނގިލި އަބަދުމެ އަފްލާކްއަށް އަމާޒުކުރަން މަސައްކަތްކުރާނެއެވެ.

*****

ރަށުގެ ގަސްކަރަ ހަމަ ލޮލަށް ފެންނަން ފެށުމުން އައްޔޫބުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދުވަސްތަކެއް ފަހުން ޢާއިލާއާއި ބައްދަލުވާނެކަމުގެ ފޮނި އުއްމީދުތަކާއެކު އޭނަގެ ތުންފަތުގައިވި ހިނިތުންވުން އިހުނަށްވުރެން ފުންވެގެން ދިޔައެވެ.

އައްޔޫބުއަކީ މާލެެ ދަތުރުކުރާ މީހެކެވެ. އެކަމުގެ ސަބަބުން ގިނަ ވަގުތު އޭނަ ހޭދަކުރަން ޖެހެނީ ރަށުން ބޭރުގައެވެ. އަނބިދަރިންނާއި ދުރުގައި އުޅެން ޖެހުނަސް އަނބުރާ އެމީހުންގެ ގާތަށް އާދެވޭނެކަމުގެ އުއްމީދާއެކު އެދަތުރުތަކަށް މިހާރު އައްޔޫބު ވަނީ ހޭނިފައެވެ. ހަމައެއާއެކު ބޯޓު ދަތުރުކޮށްގެން ލިބޭ އާމްދަނީއިން އޭނަގެ ކުޑަކުޑަ ޢާއިލާއަށް ހަމަޖެހިގެން އުޅެވެއެވެ. އެއްވެސްކަމެއް އުންޏެއް ނުވެއެވެ. މެދުފަންތީގެ ޢާއިލާއަކަށް ވިޔަސް އެމީހުން އުޅެމުންދަނީ އުފަލާއި ހިތްހަމަޖެހުމާއެކުގައެވެ.

''ކޮބާ، އައްޔޫބުގެ ދަރިފުޅުގެ ކައިވެނި އޮތީ ކިހާ ހިސާބަކުތަ؟...'' ބޯޓުގައި އުޅުނު ފަޅުވެރިޔަކު އެހިއެވެ.

''އަންނަ ހުކުރު ދުވަހު، ކަލޭމެން އެންމެން ވާނެ އަންނަން...'' ޒޯހާގެ ކައިވެންޏަށް އައުމަށް ބޯޓުގެ ފަޅުވެރިންނަށް އައްޔޫބު ދަޢުވަތު އެރުވިއެވެ.

''ރަމީޒުގެ ދޮންދަރިޔާ ދޯ ޒޯހާ ކައިވެނި ކުރަނީ؟...'' އެކަކު އެހިއެވެ. އެމީހުންގެ ވާހަކައިގެ މިސްރާބުދާނެ ދިމާ ވަގުތުން އައްޔޫބުއަށް ލަފާކޮށްލެވުނެވެ. ރައްދުގައި އެއްޗެއް ބުނަން އުޅުނު ވަގުތު ވާފިރު ވާހަދައްކަންފެށިއެވެ.

''ރަމީޒު ގޮތެއްފޮތެއް ނެތިގެން އުޅުނަސް އޭނަގެ ދޮން ދަރިޔަކީ ވަރަށް ހަރުދަނާ ޒުވާނެއް، އަމިއްލަ ބުރަ މަސައްކަތުން ކުންފުންޏެއްވެސް އެބަހިންގާ، އެހެނިހެން މީހުންނަށް އަޅާލާ ހިތްހެޔޮ ސޮރެއްއެއީ... މަ ބުނާނީ އެކަހަލަ ކުއްޖަކު ފިރިޔަކަށް ލިބުން އެއީ ޒޯހާގެ ނަސީބޭ... ރަމީޒުގެ ނުބައިކަމުން އެސޮރަށް ތުހުމަތުގެ އިނގިލި ދިއްކުރެވިގެން ނުވާނެ ދޯ؟... މީ އެވޭލާ ޒަމާނެއް ނޫން ވިއްޔާ...''

ވާހަކައިގައި ތިއްބާ ބޯޓު ގޮސް ރަށުގެ ނެރުން އެތެރެއަށް ވަނެވެ. އޭރު ބޯމަތިކުރުވަމުން އައި ބަނަ ތޫފާނުގެ ހިލަމެއް އައްޔޫބުއަކަށް ނުވިއެވެ. އެތޫފާނުގެ ފުރަތަމަ ކެރިއާ ދިމާއަށް މިސްރާބުޖެހުނުކަމެއް ވެސް މެއެވެ. ރަށުގެ ފަސްގަނޑުގައި ފައިޖައްސާލެވުމާއެކު އޭނަގެ އުފާވެރިކަން ގިލަންވެރިކަމަށް ބަދަލުވެގެން ހިނގައިދާނެކަމެއް ވެސް ރޭކާނުލިއެވެ. އެކުވެރިކަމުގެ ނިވަލުގައި ހުރި މީހެއްގެ ފަރާތުން ބޮޑު ކެއްސެއް ލިބިދާނެކަމަށް ވެސް ވިސްނާނުލެވުނެވެ. އެމީހާ ހިތްހެޔޮ ހިނިތުންވުމަކާއެކު ވާހަކަދައްކަމުން ދިޔަ ހިނދު އޭނަގެ ހިތުގައި ފޮރުވިފައި އޮތް ނުބައި އެޖެންޑާގެ ހިލަމެއްވެސް އައްޔޫބުއަކަށް ނުވިއެވެ.

ބޯޓު ބަނދަރަށް ލެފިތާ ކުޑައިރުކޮޅެއް ވެސް ނުވަނީސް ފެނުނީ ބަނދަރަށް މަޑުކޮށްލި ފުލުހުންގެ ވެހިކަލަކުން ފުލުހުން ފޭބި މަންޒަރެވެ. އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އައްޔޫބުމެން ތިބި ބޯޓާ ދިމާއަށް މިސްރާބުޖެހިތަނެވެ. ވާނުވާ ނޭގިފައި ތިއްބާ ބޯޓުގެ ކެޕްޓަނަށް ފުލުހުން ދިއްކޮށްލީ ކޯޓު އަމުރެކެވެ.

(ނުނިމޭ)

https://sun.mv/113437

comment ކޮމެންޓް
ގުޅޭ ޚަބަރު