ވިޓަމިންސީ ގުޅައެއް 66 ރުފިޔާއަށް ވިއްކި މައްސަލައެއް ފެންމަތިވެއްޖެ

ވިޓްސީ --

ވިޓަމިންސީގެ ބާވަތެއް ކަމަށްވާ "ވިޓްސީ500" ގުޅައެއް 66 ރުފިޔާއަށް ވިއްކި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އެފަދަ މައްސަލައެއް ފެންމަތިވީ އިއްޔެ ޓްްވިޓާގައި މީހަކު އޭޑީކޭ ހޮސްޕިޓަލްގެ ބޭސްފިހާރައިން ބޭސް ގަނެފައިވާ ރިސިޕްޓް އާންމުކުރުމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އޭޑީކޭ ފާމަސީން ގަނެފައިވާ އެބޭސްތަކުގެ ރިސިޕްޓުގައިވާ ގޮތުން "ވިޓްސީ500" ގުޅައެއް އަގު ކުރެވިފައިވަނީ 66 ރުފިޔާއަށެވެ.

އެކަމާ ގުޅިގެން މައަދު އޭޑީކޭ ފާމަސިއުޓިކަލް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ބޭހަކީ އެ ކުންފުނިން އެތެރެކުރާ ބޭހެއް ނޫން ކަމަށާއި ނަމަވެސް އެ ބޭސްގެ ބަދަލުގައި އެ ކުންފުނިން އެތެރެކޮށް ވިއްކަމުންދާ 1.10 ރުފިޔާގެ "ލިމްސީ500" ބްރޭންޑް ހުސްވެފައި ވުމުން "ވިޓްސީ500" ބްރޭންޑް ރާޖެއިން ގަނެގެން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އަދި "ވިޓްސީ500" ބްރޭންޑް ގެ ބޭސް ވިއްކަމުން އަންނަނީ އާސަންދަ ޕޯޓަލް އިން އެ ބޭސް ވިއްކުމަށް ކަނޑައެޅިފައިވާ އަގުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އާސަންދަ ޕޯޓަލްގައި ބިލްކުރެވޭ އަގުތަކަކީ މިކުންފުނީން ކޮންޓްރޯލްކުރާ ނުވަތަ ބަދަލު ގެނެވޭނެ އަގުތަކެއް ނޫން. މިފަދައިން ގިނަ އަދަދެއްގެ ބޭސް ބޮޑު އަގުގައި އާސަންދައިން އެޕްރޫވްކޮށް އާސަންދަ ޕޯޓަލް މެދުވެރިކޮށް ވިއްކުމަށް ވަނީ ހުއްދަ ދީފަ،" އޭޑީކޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވިޓްސީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބޭސް، ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އަގު ބޮޑުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސް، އަވަސް ހައްލެއް ހޯދުމަށް އެދިފައިވާނެ ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިމައްސަލަ އާ ގުޅިގެން އާސަންދައިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އާސަންދައާއި އޭޑީކޭގެ އެއްބަސްވެފައިވާ ގޮތަށް، "ވިޓްސީ500" ގުޅައެއް 66 ރުފިޔާއަށް އަގު ކުރެވިފައިވަނީ އާސަަންދަ ޕޯޓަލްގައި އެގޮތަށް އަގު ކުރެވިފައި ވުމުން ކަމަށެވެ.

އާސަންދައިން ބުނީ ވިޓްސީ ބޭހުގެ އަގަށް ބޮޑު ބަދަލެއް އައިސްފައި އޭޑީކޭ އިން ފާހަގަ ކުރެއްވި ފަދައިން އެ ހޮސްޕިޓަލް ފާމަސީން ކުރިން ވިއްކި ވިޓަމިން ސީ ހުސްވުމުން، އެހެން ބްރޭންޑެއްގެ ވިޓަމިން ސީ، ކުރިން ބޭނުންކޮށްފައި ނުވާ ކޯޑެއްގެ ދަށުން ވިއްކާތީ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާނެ ކަމަށް ވެސް އާސަންދައިން ބުންޏެވެ.

އެ ބަޔާނުގައި ބުނީ، މީގެ ކުރިން ޕޯޓަލްގެ އަގުތައް ރަަގަނޅު ނޫންކޮށް ފާހަގަކުރެވި އިސްލާހު ކުރެވިފައިވާ ކަމަށާއި ނަމަވެސް "ވިޓްސީ500" ބޭހުގެ އަގުގެ މައްސަލައެއް އޭޑީކޭ ފާމަސިއުޓިކަލްސް އިން މިއަދާ ހަަމަށް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

"މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މި ކުންފުނީގެ ފަރާތުން އަޅާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" އާސަންދައިން ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް