މާމެންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު މަރުވެއްޖެ

ގއ. މާމެންދޫގައި މިރޭ ހިނނގި އެކްސިޑެންޓުގައި މަރުވި އަފްޟަލް ޔާސިރު --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ގއ. މާމެންދޫ އަލަށް ހަދާފައިވާ ބީޗް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު މަރުވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މިރޭ 8:14 އެހައިކަންހާއިރު ދެ ސައިކަލެއް ޖެހި މާމެންދޫ ބީޗް ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި މަރުވީ، ސީރިއަސް ޒަޚަމްތަކެއް ލިބުނު ގއ. ވިލިނގިލި، ރިޔާޒު، އުމުރުން 32 އަހަރުގެ އަފްޟަލް ޔާސިރެވެ.

އަފްޟަލްގެ ހަށިގަނޑު މާމެންދޫއިން އެ އެތޮޅު، އަތޮޅު ހޮސްޕިޓަލް އަށް ގެންދެވުނީ މިރޭ 9:40 ހާއިރުއެވެ.

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ޑިރެކްޓަރު، މުހައްމަދު ޝަމްވީލް ޑޮކްޓަރާ ހަވާލާދެއްވައި "ސަން" އަށް ވިދާޅުވީ، އަފްޟަލް ހޮސްޕިޓަލް އަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިވާ ކަމަށެވެ.

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މީހުން އެއްވެފައި -- ސަން ފޮޓޯ/ކިޔުންތެރިއެއް

ވިލިނގިލިން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔާދިން ގޮތުގައި އަފްޟަލް މާމެންދޫއަށް ދިޔައީ ވިލިނގިލީ ބޮޑުބެރު ގުރޫޕާއެކު މާމެންދޫގައި މިރޭ ބާއްވާ ބޮޑުބެރު ޝޯއަކަށެވެ.

"އެކްސިޑެންޓް ވީ ޝޯއަށް ތައްޔާރުވުމަށްޓަކައި ތަކެތި އުފުލުމަށް ސައިކަލުން ދަނިކޮށް އެހެން ސައިކަލަކާ ޖެހި،" ވިލިނގިލިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ އެކްސިޑެންޓްގައި އަނިޔާ ލިބުނު އިތުރު ދެމީހަކަށް ވެސް އަތޮޅު ހޮސްޕިޓަލް އިން ދަނީ ފަރުވާ ދެމުންނެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ދެމީހުންގެ ހާލު ސިރިއަސް އެއް ނޫނެވެ.

comment ކޮމެންޓް