ޖިނާއީ މައްސަލަތަކުގައި ޕީޖީ އަމަލު ކުރަން ޖެހޭ ސިޔާސަތުތައް ކަނޑައަޅައިފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު --- ސަން ފައިލް ފޮޓޯ

ޖިނާއީ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް އަމަލު ކުރަން ޖެހޭ ސިޔާސަތުތައް ބަންޑާރަނައިބު ކަނޑައަޅުއްވައި މިއަދު ޕްރޮސެކިއުޓާ ޖެނެރަލަށް އަންގަވައިފިއެވެ.

މިއަދު ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މިއަދު އާންމު ކުރި ސިޔާސަތުތަކަކީ ޕީޖީއަށް ލިިބިދޭ ބާރުގެ ދަށުން އިސްކަން ދޭންވީ މައްސަލަތަކެއް ކަނޑައެޅުމަށް ބުރަވެވަޑައިގަތުމުގެ ބަދަލުގައި، އެ ބާރުތައް ވަކި ފަރާތަކަށް ބުރެ ވުމެއް ނެތި، މިނިވަންކަމާ އެކު ކަން ކަށަވަރު ކުރުމަށްޓަކައި ޕީޖީ އަމަލު ކުރައްވަންވީ އުސޫލުތަކެއް ބަޔާން ކުރުމަށް އެކުލަވާލި ސިޔާސަތުތަކެއް ކަމަށެވެ.

އެ ސިޔާސަތުގައި ވަނީ ޕީޖީ މައްސަލައެއްގައި ދައުވާ ކުރަން ނިންމަވާ ނަމަ ނުވަތަ މުރާޖާކުރައްވަން ނިންމަވާ ނަމަ ނުވަތަ މައްސަލައެއްގައި ދައުވާ ނުކުރައްވަން ނިންމަވާ ނަމަ ރިއާޔަތްކުރައްވަން ޖެހޭ ކަންތައްތަކެއް ހިމަނާފައި ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އެ ސިޔާސަތުތައް އެކުލަވާލީ ބަންދުގައި މީހުން ބޭތިއްބޭ ހާލަތާއި ބަންދުގައި މީހުން ބޭތިއްބޭނެ ޝަރުތުތައް މުރާޖާކުރެއްވުމުގެ މަސްއޫލިއްޔަތާއި، ގާނުނީ އިދާރާތަކުން ތަހުގީގު ހިންގާތޯ ބެލުމަށް ޕީޖީއަށް ލިބިފައިވާ މަސްއޫލިއްޔަތު ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށް ބާރު އެޅުމަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެ ސިޔާސަތުތަކަކީ ކުޑަކުދިންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގޭ އިރު، އެކުދިންގެ މަސްލަހަތައް އެންމެ އިސްކަން ދެވޭ އުސޫލަކުން، އެކުދިން އަނބުރާ މުޖުތަމައުއަށް ވެއްދޭނެ ގޮތެއް ބައްޓަންކުރެވިގެންވާ ނިޒާމެއްގެ ތެރެއިން އެކުދިންނާ މެދު ކަން ކުރެވުމަށް ބާރު އެޅުމަށް އެކުލަވާލި ސިޔާސަތުތަކެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ޕީޖީ އަމަލު ކުރަމުން އައީ 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނު އަސާސީގެ ފަހުން އެ އަހަރު އާންމު ކުރި ސިޔާސަތުތަކަށެވެ. މިއަދު އާންމު ކުރި ސިޔާސަތުތަކާ އެކު 2008 ވަނަ އަހަރު އާންމު ކުރި ސިޔާސަތުތައް އުވިފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް