އިސްލާމިކް ޔުނިވާސިޓީގެ ލާނިންގ ކެމްޕަހެއް ފުވައްމުލަކުގައި ގާއިމުކުރަނީ

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު--- ފޮޓޯ/ އިސްލާމިކް ޔުނިވާސިޓީ

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ލާނިންގ ކެމްޕަހެއް ފުވައްމުލަކުގައި ގާއިމުކުރުމަށް ނިންމައިފިއެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އައިޝަތު ހަލީލާ އަބްދުލް ސައްތާރެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ފަލާހް ރަޝީދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވައިސް ޗާންސެލަރު ހަލީލާ ވިދާޅުވީ ފުވައްމުލަކުގެ އިތުރުން ހަތަރު ރަށެއްގައި މިފަދަ ލާނިންގ ސެންޓަރުތަކެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަންނަ އަހަރު އެ ސެންޓަރު ގާއިމުކުރާނެ ރަށްތަކަކީ ގދ ތިނަދޫ، ޅ. ނައިފަރު، ހދ. ކުޅުދުއްފުށި އަދި ލ. ފޮނަދޫގައެވެ.

ހަލީލާ ވިދާޅުވީ ރައީސް ޞާލިހުގެ ސަރުކާރަކީ ތައުލީމަށް ހާއްސަ އަހަންމިއްޔަތެއް ދޭ ސަރުކާރެއްކަމަށާއި އެ ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި ހިލޭ ސާބަހަށް މަތީ ތައުލީމް އިއުލާންކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކުގައި ގާއިމުކުރާ އެ ސެންޓަރަކީ އެރަށު ކައުންސިލުން ފޯރުކޮށްދީފައިވާ އިމާރާތެއް ކަމަށާއި އިމާރާތުގައި ގެންނަންޖެހޭ މަރާމާތެއް ގެނައުމަށްފަހު ކޯސްތައް އިއުލާންކުރާނެ ކަމަށެވެ.

"ކޮމިއުނިޓީ އަކަށް ބޭނުންވާ އެންމެ މުހިއްމު ކޯސްތައް އިއުލާންކުރާނެ. އަންނަ އަހަރު ފުރަތަމަ ސެމިސްޓާތެރޭ ކިޔެވުން ފެށޭނެ ކަމަށް އުންމީދުކުރަނީ،"

އޭނާ އިތުރަށް ވިދާޅުވީ މުސްތަގްބަލުގައި ފުވައްމުލަކުގައި އިސްލާމިކް ޔުނިވާސިޓީގެ މައި ކެމްޕަހެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފު ވިދާޅުވީ ކުރިން ތައުލީމީ ސިޔާސަތު ބަށްޓަންވެފައި ވަނީ ވަކި ތަނަކަށް ކަމަށާއި މިއަދު އެކަން ބަދަލުކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިފަދަ ފުރުސަތުތަކެއް ލިބެން ހުރުމަކީ މުހިއްމުކަމެއްކަމަށާއި މި ކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ގުނަ ފަސޭހަވެގެންދާނެކަމަށެވެ.

"ތައުލީމީ ހަޔާތް ފުރިހަމަކުރަން އެންމެ ރަނގަޅު އެއް ރަށަކަށް ފުވައްމުލަކު ވާނެ. މި ސެންޓަރުން އެހެނިހެން ރަށްތަކުގެ ކުދިންނަށް ވެސް ތައުލީމް ހާސިލްކުރެވޭނެ،"

comment ކޮމެންޓް