ނޫސްވެރިންނަށް ރައްކާތެރިކަންދޭ ގާނޫނެއް މަދްޔަ ޕްރަދޭޝްއިން ހަދަނީ

މަދްޔަ ޕްރަދޭޝްގެ ލޯ އެންޑް ލެޖިސްލޭޓިވް އެފެއާޒް މިނިސްޓަަރު ޕީސީ ޝަރުމާ ވަނީ ނޫސްވެރިންނަށް ރައްކާތެރިކަން ދޭ ގާނޫނެއް ތައާރަފް ކުރާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެންއައި

ދިއްލީ (ޑިސެމްބަރު 30): އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ގާނޫނެއް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް އެސްޓޭޓުގެ ލޯ އެންޑް ލެޖިސްލޭޓިވް އެފެއާޒް މިނިސްޓަރު ޕީސީ ޝަރުމާ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު މަދްޔަ ޕްރަދޭޝްގައި ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރި ކޮންގްރެސް ޕާޓީން ވަނީ އެފަދަ ގާނޫނެއް ފާސް ކުރާނެ ކަމަށް އެޕާޓީގެ މެނިފެސްޓޯގައި ބުނެފަ އެވެ.

"ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް. އެކަން ކުރުމަށް، ޖާނަލިސްޓްސް ޕްރޮޓެކްޝަން އެކްޓް ތައާރަފް ކުރާނެ،" ޝަރުމާ ވިދާޅުވި އެވެ.

އަދި މީގެ ކުރިން އެސްޓޭޓުގައި އޮތް، ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ސަރުކާރުން ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅި މައްސަލަތަައް ނަގަން އެދޭނެ ކަމަށްވެސް ޝަރުމާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރުމާ ވަނީ އެސްޓޭޓުގެ ކުރީގެ ސަރުކާރުން ކޮންގްރެސް ޕާޓީގެ ލީޑަރުންނާއި މެމްބަރުންނާ ދެކޮޅަށް ހުށަހެޅި ސިޔާސީ މައްސަލަތައް އަނބުރާ ގެންދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އިންޑިއާއަކީ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން މި އަހަރު ހެދި "ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓު"ގައި ތިން ވަނަ އަށް ފާހަގަކޮށްފައިވާ ގައުމެވެ.

comment ކޮމެންޓް