ދިވެހި ބޭސްވެރިކަމަކީ ތަރިކައެއް، އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދޭން ޖެހޭ: ރައީސް

ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް ބޭސްވެރިކަން ކުރިއެރުވުމާ ބެހޭ މަހާސިންތާ އިފްތިތާހު ކޮށްދެއްވުމަށް ފަހު ރައީސް ސޯލިހް ވާހަކަ ދައްކަވަނީ -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ދިވެހި ބޭސްވެރިކަމަކީ ރަށްވެހިކަމުގެ އަގުހުރި ތަރިކައެއް ކަމަށާއި އެ ތަރިކަ އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ރައީސް ޞާލިހް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން އިންތިޒާމްކޮށްގެން އެއް ދުވަހުގެ މުއްދަތަށް ބާއްވާ، ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް ބޭސްވެރިކަން ކުރިއަރުވުމާ ބެހޭ މަހާސިންތާ، ރައީސް ޞާލިހް ވަނީ މިއަދު އިފްތިތާހު ކޮށްދެއްވައިފައެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މަހާސިންތާ އިފްތިތާހު ކޮށްދެއްވުމަށް ފަހު ރައީސް ޞާލިހް ވިދާޅުވީ، ދިވެހި ބޭސް ވެރިކަމުގެ އަގުހުރި ތަރިކަ ނެތިގެން ނުދީ، އަންނަން އޮތް ޖީލްތަކަށް ފޯރު ކޮށްދޭން ޖެހޭ ކަމަށެވެ.

"ދިވެހި ބޭސްވެރިކަމަކީ ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއް. އެ ތަރިކަ ހިމާޔަތްކޮށް އަނަން އޮތް ޖީލްތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،" ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް ބޭސްވެރިކަމުގެ މަހާސިންތާ އިފްތިތާހު ކޮށްދެއްވަނީ -- ފޮޓީ ހެލްތް މިނިސްޓްރީ

ރައީސް ޞާލިހް ވިދާޅުވީ، އަންނަން އޮތް ޖީލްތަކަށް ދިވެހި ބޭސްވެރިކަން ފޯރުކޮށްދެވޭނީ މި ޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާއި އެއްގޮތަށް ދިވެހި ބޭސްވެރިކަންވެސް ކުރިއަރުވައިގެން ކަމަށާއި އެހެން ގައުމު ތަކުގައިވެސް މިހާރު އެކަން ކުރަނީ އޮގޮތަށް ކަމަށެވެ.

"ވިލާތުގެ ބޭސްވެރިކަމުން ދުނިޔޭގެ ޞިއްޙީ ނިޒާމުވަނީ ބަދަލުވެފައި. އެއީ ކިތަންމެ މުޖައްރިބު ބޭސްވެރިކަމަކަށް ވިޔަސް، ޙަކީމީ ބޭސްވެރިކަމާއި އޯލަޓަނޭޓިވް ބޭސްވެރިކަމަށް އަލްވަދާޢު ކީ ހަމަ އެންމެ ޤައުމެއް ވެސް ނެތް. އޭގެ ބަދަލުގައި ކޮންމެ ޤައުމެއް ވެސް މަސައްކަތް ކުރީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޙަކީމީ ބޭސްވެރިކަން ކުރިއަރުވައި އާލާކުރަން." ރައީސް ޞާލިހް ވިދާޅުވިއެވެ.

ޕްރޮފެޝަނަލް ނޫން ބައެއްގެ އަތްމައްޗަށް ދިވެހި ބޭސްވެރިކަން ދޫކޮށްލައިގެން ނުވާނެ ކަމަށާއި ބޭސްވެރިކަން ކުރަން ވާނީ އުނގެނި، ދަސްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުން ވެސް ގަބޫލުުކުރައްވާނެ ބޭސްވެރިކަމަކީ އިންސާނާގެ ސިއްހަތާއި ފުރާނަޔާ ގުޅިފައިވާ ކަމެއް. އެ ސަބަބަށް ޓަކައި ބޭސްވެރިކަން ވިޔަސް ޕްރޮފެޝަނަލް ނޫން ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް ބޭސްވެރިކަން ކުރިއަރުވުމާ ބެހޭ މަހާސިންތާ އިފްތިތާހު ކުރުމުގެ ރަސަމިއްޔާތު ތެރެއިން -- ފޮޓީޯ/ހެލްތް މިނިސްޓްރީ

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ، މިހާތަނަށް ދިވެހި ބޭސްވެރިކަމާއި އޯލްޓަނޭޓިވް ބޭސްވެރިކަމަށް އިސްކަން ދެވިފަ ނެތް ކަމަށާއި ސަރުކާރުގެ ސިއްހަތާ ގުޅޭ ސިޔާސަތުތައް ބައްޓަން ވާއިރު މި ދެ ދާއިރާ އަށް ވެސް އިސްކަން ދޭން ވާނެ ކަމަށެވެ.

އަދި ދިވެހި ބޭސްވެރިކަމުގެ ދާއިރާ ވެސް ސިއްހީ ނިޒާމްގެ ތެރެއިން ތަރުތީބުވުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިހް ވިދާޅުވި ގޮތުގައި، ހަކީމީ ބޭސްވެރިންގެ ގޮތުގައި ފަސް ބޭފުޅުން، އޯލްޓަނޭޓިވް ބޭސްވެރިންގެ ގޮތުގައި 19 ބޭފުޅުން އަދި ދިވެހި ބޭސްވެރިންގެ ގޮތުގައި 59 ބޭފުޅު ރަޖިސްޓްރީވެފައިވާ ކޮށްފަވެއެވެ.

ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް ބޭސްވެރިކަން ކުރިއެރުވުމާ ބެހޭ މަހާސިންތާ ބޭއްވުމަކީ ރައީސް ޞާލިހްގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

comment ކޮމެންޓް