ރަންވޭ މަތީ ކާރެއް ދުއްވުމާ ގުޅިގެން ހަނޯވާ އެއާޕޯޓު ހުއްޓުމަކަށް

ރަންވޭ މަތިން ދުއްވި ކާރު ހުއްޓުވާފައި ވަނީ ފްލައިޓުތައް ހުއްޓާ ތަނަށް -- ފޮޓޯ: ބިލީ ސޯންޑާސް

ހަނޯވާ (ޑިސެމްބަރު 30): އިއްޔެ ޖަރުމަނުގެ ހަނޯވާ އެއާޕޯޓުގައި ރަންވޭ މަތިން ކާރެއް ދުއްވަން ފެށުމާ ގުޅިގެން ގިނަ އިރުތަކެއް ވަންދެން އެއާޕޯޓު ބަންދު ކުރަން ޖެހިއްޖެ އެވެ.

ހަނޯވާގެ ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގީ އިއްޔެ ޖަރުމަނު ގަޑިން 15:40ގަ އެވެ. އަދި އެކާރު ވަނީ އެއާޕޯޓުގައި ޖަހާފައި ހުރި ފެންސެއް ފަޅާލައި، ރަންވޭ މައްޗަށް އަރައިފަ އެވެ.

ނަމަވެސް ފުލުހުން ވަނީ އިތުރު ހާދިސާއެއް ނުހިނގަނީސް ކާރު ހުއްޓުވައި، އޭގެ ޑްރައިވަރު ހައްޔަރުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކާރު ހުއްޓުވީ ފްލައިޓުތައް ހުއްޓާ ތަނަށެވެ.

ފުލުހުން ބުނި ގޮތުގައި އެއީ ޓެރަރިސްޓު އަމަލެއް ކަމަށް ދޭހަވާ ހެއްކެއް އަދި ފެނިފައި ނުވެ އެވެ. އަދި ކާރުގެ ޑްރައިވަރު ރަންވޭ މައްޗަށް އެރީ މަސްތުވެގެން ހުރެތޯ ބެލުމަށް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.

އެ ހާދިސާއާ ގުޅިގެން ހަނޯވާ އެއާޕޯޓު ބަންދު ކުރުމަށް ފަހު ހުޅުވީ ޖަރުމަނު ގަޑިން 20:05ގަ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ، ޓެރަރިސްޓު ހަމަލާއަކުން ރައްކާތެރިވުމަށް އެއާޕޯޓުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ނިންމިކަން ޖަރުމަނުގެ ފުލުހުން އިއުލާން ކުރި ފަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް