ދީޕިކާ ސުޕަހީރޯ އަކަށް؟

ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ދީޕިކާ ޕަދުކޯން ސުޕަހީރޯ ފިލްމެއް ކުޅުމަށް ތައްޔާރުވަމުން އަންނަކަން ޔަގީންކޮށްދީފި އެވެ.

ދީޕިކާ ވަނީ މިހާތަނަށް ތަފާތު ރޯލުތަކެއް އަދާކޮށްފައެވެ. ނަމަވެސް އޭނާ ސުޕަހީރޯއެއްގެ ރޯލުން ފެނިގެންދާނެ މިއީ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ފިލްމުގެ މަސައްކަތް އަދި އޮތީ އޭގެ ޅަފަތުގައި ކަމަށެވެ. ފިލްމަށް އަދި ސްކްރިޕްޓެއް ނެތެވެ. ވާހަކަ އާއި ޚިޔާލު ކުރެހިފައި ހުރީ ސިކުނޑީގަ އެވެ.

ދީޕިކާ ބުނީ ސުޕަހީރޯ ފިލްމެއް އުފެއްދުމުގެ ވިސްނުން އައީ ރައްޓެއްސަކާ އެކު ކުރި ދަތުރެއްގައި ފްލައިޓް މަތީގައި ކަމަށެވެ. ސުޕަހީރޯ ފިލްމެއްގެ މަސައްކަތް ކުރުމަށް ދެމީހުންގެ ވެސް ޝައުގުވެރިކަން ހުރުމުން އެ މަސައްކަތް ފެށީ ކަމަށް ދީޕިކާ ބުންޏެވެ. ދީޕިކާ ބުނީ ފިލްމުގެ ކެރެކްޓަރުތަކާއި ޑައިރެކްޓަރު ވެސް އަދި ހަމަނުޖެހޭ އިރު، ފިލްމުގެ މަސައްކަތް ރަސްމީކޮށް ފެށޭނެ ތާރީޚެއް ބުނަން ނޭނގޭ ކަމަށެވެ.

ދީޕިކާ ދެން އެންމެ އަވަހަށް ފަށާނީ ފިލްމު 'ރާޒީ' ގެ ޑައިރެކްޓަރު މޭގްނާ ގުލްޒާރުގެ ކުރިއަށް އޮތް ފިލްމި 'ޗަޕާކް'ގެ މަސައްކަތެވެ.

އެ ފިލްމުގެ މަސައްކަތް ނިމުމުން ދީޕިކާ ސުޕަހީރޯ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އެ ފިލްމަށް ދިގު އިންތިޒާރެއް ކުރަން ޖެހިދާނެ އެވެ.

comment ކޮމެންޓް