ސުނާމީގެ ތަޖުރިބާ، ދޫނިދޫ ގޮޅިން

ފުލުހުންގެ ތަހުގީގީ ގައިދުހާނާ ހުންނަ ދޫނިދޫ-- ފޮޓޯ: ގޫގުލް

އެއީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. ތަނަކީ ދޫނިދޫ ގައިދުހާނާގެ 24 ނަންބަރު ކުޑަ ގޮޅިއެވެ. އަޅުގަނޑަށް އޮތީ ނިދިފައެވެ. ކުއްލިއަކަށް އަޅުގަނޑަށް ފެނުނީ ދ.މީދޫގައި އަޅުގަނޑު އުޅެމުން ދަނިކޮށެވެ. މީދޫގައި އަޅުގަނޑު ހުންނަ ގެޔާ ދިމާޔަށް އަޅުގަނޑު ހިނގަމުން ދިޔައީ ތަނބިތާ ފެނުގައެވެ. ރަށުގައި ފެންބޮޑު ވެފައި އޮތީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު ހުންނަ ގޭގެ ތެރޭގައި ވެސް އޮތީ ހުސް ފެނެވެ. އެހިސާބުން އަޅުގަނޑަށް ހޭލެވިއްޖެއެވެ.

އަޅުގަނޑު ހުރީކީ ދ. މީދޫއަކު ނޫނެވެ. އަޅުގަނޑު އޮތީ ދޫނިދޫ ގައިދުހާނާގައެވެ. 24 ނަންބަރު ގޮޅީގައެވެ.

މާލޭ ޖުމްހޫރީ މައިދާނުގައި 2004 ވަނަ އަހަރުގެ އޯގަސްޓް މަހު 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު ކުރި މުޒާހަރާގައި އަމަލީ ގޮތުން ބައިވެރިވެ އިސް ދައުރެއް އަދާ ކޮށްފައި ވާތީ، އަޅުގަނޑު ދޫނިދޫއަށް ގެނެވުނީ ދ. މީދޫގައި އެ ރަށު ސިއްހީމަރުކަޒު ހިންގަން ހަވާލުވެ އެ ރަށުގައި ވަޒީފާގައި ހުއްޓައި ބަންދުކޮށްގެންނެވެ. އެހެންކަމުން ދޫނިދޫ ގޮޅީގައި އޮއްވައި އަޅުގަނޑަށް ފެނުނު މި ހުވަފެނަކީ އަޅުގަނޑުގެ ސިކުނޑީގައި އެނބުރެމުން ދިޔަ މީދޫގެ ހަނދާންތަކުގެ ސަބަބުން ފެނުނު ހުވަފެނެއް ކަމަށް ނިންމީމެވެ.

އޭގެ ބަރާބަރު ހަފްތާއެއް ފަހެވެ. އަޅުގަނޑު އިނީ 24 ނަންބަރު ގޮޅީގައި އަޅުގަނޑު ނިދާން އޮންނަ އަށި ކައިރީގައި ބިންމަތީ އަޅާފައި އޮތް ކުނަލެއް މަތީގައި ޤުރްއާން ކިޔަވާށެވެ. އަތުގައި ގަޑިއެއް ނެތެވެ. އެހެންނަމަވެސް ފަތިސް ނަމާދު ނިމިގެން ޤުރްއާނުން ކިޔެވުނު މިންވަރަށާއި ގޮޅީގެ ބޭރުން ފެންނާން ހުރި އައްޔަށް ވިސްނައިލާއިރު ގަޑީން ގާތްގަނޑަކަށް ވާނީ ހެނދުނު 6:30 ހާ އިރެވެ. ފަހަރެއްގައި 5 ވަރަކަށް މިނެޓުގެ ތަފާތެއް އަޅުގަނޑުގެ މި އަންދާސީ ވަގުތުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު އިށީނދެގެން އިންދައި ބިންގަނޑު ހެލުނުހެން ހީވިއެވެ. އަދި ބިންގަނޑަށް އައި ލޮޅުމުގެ ސަބަބުން އުފެދުނު ތުރުތުރު އިރުކޮޅަކަށް ދެމި ހުރި ކަމަށް އަޅުގަނޑަށް އިހުސާސް ކުރެވުނެވެ.

އެ ހިސާބުން އަޅުގަނޑު ތެދުވީމެވެ. އަދި އަޅުގަނޑުގެ ގޮޅިއާ ކައިރީގައި ހުރި ގޮޅިތަކުގައި ތިބި އެކުވެރީން ގާތު، އެމީހުންނަށް އެއްވެސް ވަރަކަށް ބިންގަނޑަށް ގުޑުމެއް އައި ކަމުގެ އިހުސާސް ކުރެވުނު ތޯ އެހީމެވެ. އެއިން އެއްވެސް އެކުވެރިއަކަށް އެކަން އިހުސާސް ކުރެވިފައެއް ނެތެވެ.

އަޅުގަނޑު ދެން ގޮސް އޮށޯތީއެވެ. ކުޑަ އިރުކޮޅެއް ފަހުން ހެނދުނުގެ ސައި ގެނައުމުން ސައި ބޮއިގެން އަނެއްކާ ވެސް އޮށޯތީއެވެ. އިރުކޮޅަކުން އަޑު އިވުނީ، "ޔަގީނޭ އިންޖީނުގޭގައި ރޯވީއޭ،" މިހެން ދެތިން ފަހަރަކު ތަންކޮޅެއް ބާރަށް މީހަކު ބުނި އަޑެވެ. އެއާ އެކު ބޭރަށް ބަލާލި އިރު އަޅުގަނޑު އޮތް ގޮޅި ތެރެއަށް ފެންގަނޑު އައިސް ވަންނަނީއެވެ. ލަފާ ކުރެވޭ ގޮތުގައި އޭރު 9 ޖަހައި ބޮޑުވެދާނެއެވެ.

އަވަހަށް އޮށޯވެގެން އޮތް ތަނުން ތެދުވީމެވެ. އޭރު ގޮޅީގެ ތެރޭގައި ފެން ހުރީ ތަނބިތާ ފެނަށް ވުރެ ތަންކޮޅެއް މަތީގައެވެ. އެހެންނަމަވެސް ކަކޫތާ ފެނަށް ވުރެ ތިރީގައެވެ. އަޅުގަނޑު އޮތް ގޮޅިއާ ކައިރީގައި ހުރި ގޮޅިތަކުގައި ތިބި ސިޔާސީ އެކުވެރީން ވެސް އެ ވަގުތު ތިބީ ބޭރަށް ނުކުމެއެވެ.

ދޫނިދޫ ބަންދުގައި ތިބި ސިޔާސީ ގައިދީންގެ ހާލު ބެލުމަށް ބޭރުން ވަފްދުތަކެއް އައިސް ގައިދީންނާ ބައްދަލު ކޮށްފައި ދިޔަ ފަހުން ކޮންމެ ދުވަހަކު ވެސް ހެނދުނު ސަޔަށް ފަހު، ހަނދާން ވާ ގޮތުން ރޭގަނޑު 10 ޖަހާން ދެން ގޮޅި ހުންނަނީ ހުޅުވައިފައެވެ.

އަޅުގަނޑުވެސް ގޮޅީން ބޭރަށް ނުކުތީމެވެ. އޭރު އެންމެންވެސް ވާހަކަ ދައްކަމުން ދިޔައީ ދޫނިދޫގައި ފެންބޮޑު ވެގެން އުޅޭ ސަބަބާ މެދުގައެވެ. ގިނަ މީހުންނަށް ހީވެފައި އޮތީ ދޫނިދޫ އިންޖީނުގޭގައި ރޯވީ ކަމަށެވެ. ނުވަތަ ގައިދީންތަކެއް އިންޖީނުގޭގައި ރޯކޮށްލީއެވެ. އެހެން ވެގެން އަލިފާންގަނޑު ނިއްވާލަން ވެގެން ފެން ޖަހަނީއެވެ. އެ ވަގުތު އަޅުގަނޑުގެ ގޮޅިއާ ޖެހިގެން އޮތް ގޮޅީގައި އޮތް "މުނިޔާ" ވަނަމަކަށް ކިޔާ ގައިދީއަކު ބުނި އަޑު އިވުނެވެ. މިއީ ފެނެއް ނޫނެވެ. މިއީ މޫދު ލޮނެވެ. މަސް ވެސް އެބަ ހުއްޓެވެ. އެއީ ތެދެކެވެ. އަޅުގަނޑު އޮންނަ ގޮޅި ތެރޭގައި ވެސް މަސް ހުއްޓެވެ.

ބައެއް ގައިދީން މަސް ހިފައި ފާހާނާ ތެރޭގައި ހުންނަ ބާލިދީއާއި ޖަގު ފަދަ ތަކެއްޗަށް އަޅައިގެން ވެސް އުޅުނެވެ. މާ ގިނަ އިރުތަކެއް ނުވެ ދޫނިދޫގައި ތިބޭ ފުލުހުންގެ ތެރެއިން އިސް މީހަކު ގޮޅިތައް ކައިރިޔަށް އަޔެވެ. އެއީ "ފިރާގުސޯ" އެވެ. ފިރާގުސޯ ހުރީ ވަރަށް ކަންބޮޑުވެ ހާސްވެފައެވެ. ދޫނިދޫގައި ފެން ބޮޑު ވެގެން އުޅެނީ ކިހިނެއް ވެގެން ހޭ، އެހުމުން ފިރާގުސޯ ބުނީ ބޮޑުރާޅެއް އެރީ ކަމުގައެވެ.

ފިރާގުސޯމެންގެ ހެދުންތައް ބަހައްޓާފައި ހުންނަ ތަނަށް ވެސް ރާޅު ވަދެ އެ ތަނުގައި ހުރި ވަރަށް ގިނަ ހެދުންތަކާއި ބޫޓުތައް ވެސް ރާޅާއެކު ދަމައިގަނެގެން ހިނގައްޖެ ކަމަށް ފިރާގުސޯ ބުންޏެވެ. ތޮށިގަނޑު ކައިރީގައި އަޅައިފައި އޮތް ލޯންޗެއް ވެސް ރާޅާ އެކު އެއްގަމަށް އެއްލާލި ކަމަށާއި ފޯނު ކެނޑިފައި ހުރުމުގެ ސަބަބުން މާލެޔާ ވެސް ނުގުޅޭ ކަމަށް ބުންޏެވެ.

އެ ވަގުތު އަޅުގަނޑުމެންގެ ތެރެއިން ބައެއް ގައިދީން ފިރާގުސޯއާ ދިމާއަށް ބުންޏެވެ. "ސޯމެންގެ ޔުނިފޯމުތަކާއި ބޫޓުތައް ރާޅާ ގެންދިޔަ އިރު އަހަރެމެން މި ތިބަ ގޮޅިތަކުން އެއްވެސް އެއްޗެއް ނުގެންދޭ. ދެންވެސް ސޯމެން ވިސްނަން ވެއްޖެއެއްނު މައުމޫނާ ގުޅިގެން އަހަރެމެންނަށް ސޯމެން އަނިޔާ ކުރަނީ ބޭ އިންސާފުންކަން. ތިހެން އުޅެންޏާ ތިޔަށް ވުރެ ބޮޑެތި ގެއްލުން ވެސް ސޯމެންނަށް ވާނެ. އަނިޔާ ލިބޭ މީހުންގެ ދުޢާ އިޖާބަ ކުރައްވާކަން ސޯމެން އަދިވެސް ގަބޫލު ނުކުރަން ދޯ!" މިހެން ބުނުމުން ފިރާގުސޯގެ ލޮލުން ކަރުނަ އައެވެ. އަދި ވަރަށް ދެރަވެފައި ހުރެ ބުންޏެވެ. "ސޯމެން ތި ކުދީންނަށް، ތި ބޭފުޅުންނަށް، އަނިޔާއެއް ނުކުރަން. ސޯމެންނަށް ވީ ވަރަކުން ހުރިހާ ކަމެއް ވެސް ކޮށް މި ދެނީ ވީ އެންމެ ރަނގަޅަކަށް. ސޯމެން އަދާ މި ކުރަނީ ވަޒީފާއެއް."

ފިރާގުސޯ އެހެން ބުނުމުން ވެސް ބައެއް ކުދީން ފިރާގުސޯއާ ދިމާ ކޮށް ޒުވާބު ކުރުމުގެ ގޮތުން ބައެއް ވާހަކަ ދެއްކިއެވެ. އެ ވާހަކަތަކަކަށް މާ ބޮޑު ރައްދެއް ނުދީ އިސް ދަށަށް ޖަހައިގެން ފިރާގުސޯ އިރުކޮޅަކު ހުރެފައި ދިޔައީއެވެ.

ރާޅު އަރައި ގޮޅިތަކަށް ފެންގަނޑު ވަން ނަމަވެސް، އެ ރާޅުގެ ސަބަބުން ވީ ކިހައި ބޮޑު ގެއްލުމެއް ކަން ދޫނިދޫ ގޮޅިތަކުގައި ތިބި ގައިދީންނަށް ވަޒަނެއް ނުކުރެވެއެވެ.

އެ ރާޅަކީ މުޅި ރާއްޖެއަށް ވެސް އެރި ރާޅެއް ކަމަށާއި އޭގެ ސަބަބުން ބަޔަކު ނިޔާވެ އަދި ވީ ނުވީއެއް ނޭނގި ގެއްލިފައި ވެސް ބަޔަކު ވެއްޖެ ކަން އެނގުނީ އެ ދުވަހު މެންދުރު ފަހުން ފޯރިއަށް އައި ފުލުހުންގެ ފަރާތުންނެވެ. އަދި މުވާސަލާތީ ވަސީލަތްތައް ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށާއި ފޯނުން ގުޅޭން ފެށީމާ ގައިދީންގެ އާއިލާތަކަށް ގުޅައި ދޭނެ ކަމަށް ދޫނިދޫގައި އިސްކޮށް ތިބޭ ފުލުހުން އައިސް ގައިދީން ގާތު ބުންޏެވެ. އެއީ ސުނާމީ ނަމަކަށް ކިޔާ ރާޅެއް ކަމަށް ވެސް ބުންޏެވެ.

ސުނާމީ އެރީ އަޅުގަނޑު ދޫނިދޫ ބަންދުގައި ހުންނަތާ 76 ވަނައަށް ވީ ދުވަހުއެވެ. އޭގެ ފަސް ދުވަސް ފަހުން 31 ޑިސެންބަރު 2004 ގައި އަޅުގަނޑު ބަންދުން ދޫކޮށްލިއެވެ. ސުނާމީ އެރުމުގެ ކުރީން ސަރުކާރުން ނިންމާފައި އޮތީ ދައުލަތާ ދެކޮޅު އަމަލު ހިންގި ކަމުގެ ދައުވާ އަޅުގަނޑުމެންގެ މައްޗަށް ކުރާންށެވެ. ސުނާމީއަށް ފަހު އޭރުގެ ރައީސް މައުމޫނު ނިންމެވީ އެ ދައުވާތައް ނުކުރެއްވުމަށެވެ.

comment ކޮމެންޓް