އަޒޫ ބަނޑުބޮޑުވެ، ފިލްމީ ދާއިރާއާ ދުރަށް

އަޒޫ އާއި ސައީދު....

ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ޖޯޑު ފާތިމަތު އާޒިފާ (އަޒޫ)އާއި އަހުމަދު ސައީދަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެކެވެ. އުޅެނީވެސް ވަރަށް ލޯބިންނެވެ. ދެމަފަރިން އެކުގައި އެކައްޗެއް ކިޔައި އިންޑްސްޓްރީގައި ވެސް ކުރިޔަށް ދަނީއެވެ.

ނަމަވެސް އަޒޫ މިހާރު އިންޑަސްޓްރީގެ މަސައްކަތްތަކުން ފެންނަލެއް ވަރަށް މަދުވެއްޖެއެވެ. މިއަހަރުވެސް ސިނަމާއަށް އައީ އޭނާގެ އެންމެ ފިލްމެކެވެ. އަންނަ އަހަރުވެސް އަދި ސިނަމާއަށް އަންނާނެކަމަށް އިއުލާންކޮށްފައި އޮތީ އަޒޫގެ އެންމެ ފިލްމެކެވެ. ވަރަށް އުހުގައި ފިޔަޖަމުން އައިސް އަޒޫގެ ތަރި މަޑުމަޑުން އޮއްސެން ޖަހާލީ ކަމަށް ގިނަ ބަޔަކު ބުނަން ފެށިއެވެ. އަޒޫ ކޮބައިތޯ ބަލަން އޭނާގެ ސަޕޯޓަރުން ނުހަނު މަސައްކަތްކުރެއެވެ.

ދެން މިއޮތީ މި ދެ ފަންނާނުންގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. އަޒޫ އިނީ ސައީދުގެ ދަރިއަކަށް ބަލިވެއެވެ. ސައީދު "ސަން"އަށް އެކަން ކަށަވަރުވެސް ކޮށްދީފައެވެ.

ސައީދު ބުނީ، އަޒޫގެ ބަނޑަށް ހަތަރު މަސް ފުރިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ ދެ ދުވަސް ކުރިން އިންސްޓަގްރާމްގައި އަޒޫ ޕޯސްޓުކުރި ފޮޓޯއިން ވެސް އޭނާ ބަނޑުބޮޑުކަން ހާމަވެއެވެ. އެކަމާ ގުޅިގެން އޭނާގެ ގިނަ ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ސައީދު ބުނަނީ، ދެމަފިރިންވެސް ވަރަށް އުފަލުން ތިބި ކަމަށާއި ކޮންމެ ޖިންސެއްގެ ކުއްޖެއް ލިބުނަސް ހަމަ "އޯކޭ" ކަމަށެވެ. ނަމަވެސް އަޒޫ އަންހެން ކުއްޖަކަށް އުންމީދުކޮށްގެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަޒޫ އިންސްޓާގްރާމްގައި ޕޯސްޓުކުރި ފޮޓޯ....

ސައީދު މީގެ ކުރިން ކައިވެންޏެއް ކޮށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ހުންނަ އިރު އަޒޫގެ އެ ކައިވެންޏަކީ އޭނާގެ އަލަތު ކައިވެންޏެވެ. ސައީދާއި އަޒޫގެ ކައިވެންޏަށް ދެ އަހަރު ފުރި ދުވަސްތައް ގުނަމުން އަންނައިރު ސައީދުގެ ދަރިންނާ ވެސް އަޒޫ ނުލާހިކު ގުޅެއެވެ.

އަޒޫ، ސައީދު އަދި ސައީދުގެ ދެ ދަރިން...

ސައީދުގެ ފިލްމުތަކެއް ކުރިޔަށް އެބަ ހުއްޓެވެ. އަންނަ އަހަރު ރިލީޒްކުރާ "ނިވައިރޯޅި"، "މާމުއި"، "ފޯޓީ ޕްލަސް" އަދި "ލީނާ" އިން އޭނާ ފެންނާނެ އެވެ.

އަޒޫ އަންނަ އަހަރު ފެންނާނީ "ފޯޓީ ޕްލަސް" އިންނެވެ. އަދި އަޒޫ އާޢި ސައީދު އެކުގައި މަސައްކަތްކޮށްފައިވާ އަމްޖޭގެ ފިލްމް "ގިލަން" ވެސް އަންނަ އަހަރު ރިލީސް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ފޯޓީ ޕްލަސް އަކީ ކުރިން މި އަހަރު ސިނަމާތަކަށް ގެންނަން ނިންމި ފިލްމެކެވެ. އަޒޫ ވިހައި ގަދަވެގެން ފިލްމީ ދާއިރާއިން ފެންނާނެތޯ ނުވަތަ ނޫންތޯ އެއީ އޭނާގެ ގިނަ ފޭނުންގެ ހިތުގައި މިހާރު އުފެދޭނެ ސުވާލެއްކަށް ވާނެއެވެ.

comment ކޮމެންޓް