މޯލްޑިވިއަން މެދުވެރިކޮށް ދޭނީ ހިދުމަތެއް، ޓިކެޓު އަގު ހެޔޮވާނެ: ނަހުލާ

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ވިޔަފާރިއަކަށްވުރެ ބޮޑަށް އިސްކަންދޭނީ މޯލްޑިވިއަން މެދުވެރިކޮށް ރައްޔިތުންނަށް ހިދުމަތެއް ދޭންކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިއަދު "ސަން" އަށް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އިން ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ސަރުކާރުގެ އެހެން މުވައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމަށް ނަހުލާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ޓިކެޓުގެ އަގަށް އައި ބަދަލު އިއުލާނު ކުރެވިގެންދާނެ. މި ބަދަލުވާނީ ރައްޔިތުން ހިތްއެދޭފަދަ، ރައްޔިތުން އުފާވާނެ ބަދަލަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ މިހަރު ކުރިއަށްދަނީ ޓިކެޓުގެ އަގާ ގުޅިގެން ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހުން ކުރަންޖެހޭ ކަންތައްތައް ކަމަށެވެ. ޓިކެޓުގެ އަގު ހެޔޮކުރުމަށް ރައީސް އޮފީހުގައި ގިނަ މަޝްވަރާތައް ކުރިއަށް ދިޔަކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ޓިކެޓުގެ އަގުހެޔޮކޮށް އަގުތައް އިއުލާނުކުރުން ލަސްވީ ބަންދު ދުވަސްތަކާ ރައީސްގެ އިންޑިއާ ދަތުރުފުޅު ދިމާވުމުން ކަމަށާއި އަގުތައް އިއުލާނުކުރުން ދެން މާ ލަހެއް ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

comment ކޮމެންޓް