ގދ. ތިނަދޫ ފެން ޕްލާންޓް ހަލާކުވެ ފެން ލިބުމުގައި ދަތިތަކެއް

ގދ. ތިނަދޫ: އިއްޔެ އިން ފެށިގެން އެރަށު ފެން ޕްލާންޓްގައި މައްސަލައެއް ޖެހި ފެން ގަނޑިން ގަނޑިއަށް ލިބުމުގައި ވަނީ ދަތިތަކެއް ވެފަ -- ފޮޓޯ/އަހްމަދު ވިޝްފާޤް

އިއްޔެ އިން ފެށިގެން ގދ. ތިނަދޫ ފެން ޕްލާންޓްގައި މައްސަލައެއް ޖެހި، ގަނޑިން ގަނޑިއަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

ތިނަދޫގައި ފެނުގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން އިއްޔެ ނެރެފައިވާ ބަޔާނުގައިވާގޮތުން އެކި ގަނޑިތަކަށް ބަހާލައި ހުކުރު ދުވަހުގައި 10 ގަނޑިއިރަށް އަދި އެނޫން ދުވަސްތަކުގައި ފެން ދޫކުރަނީ 11 ގަނޑިއިރަށެވެ.

ތިނަދޫ ފެނަކަ ބްރާންޗްގެ މުވަށްޒަފުންނާ ހަވާލާދީ އެރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އައްސަދު "ސަން" އަށް ވިދާޅުވީ، ފެން ލިބުމުގައި ދަތިތަކެއް އުޅެނީ ފެން ޕްލާންޓަށް ދިމާވި މައްސަލައަކުން ކަމަށާއި ފެން ޕްލާންޓް ސާވިސް ނުކުރާތާ ތިން އަހަރުވެފައިވާ ކަމަށެވެ.

"މުވަށްޒަފުން ބުނަނީ ފެން ޕްލާންޓްގައި މައްސަލަ ދިމާވީ، އެ ޕްލާން ސާވިސް ނުކުރާތާ ތިން އަހަރު ދުވަސް ވުމުން ކަމަށް،" އައްސަދު ވިދާޅުވިއެވެ.

ދިމާވި މައްސަލައެއް އަސްދު ވިދާޅެއް ނުވެއެވެ. އަދި މާލޭ ހެޑް އޮފީހުގެ ފަރާތުން އެ މައްސަލަ ހައްލު ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި ދޭތެރެ ދޭތެރެއިން ފެން ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށާއި ނަމަވެސް އިއްޔެ ފެން ލިބޭނެ ވަކި ވަގުތުތަކެއް ބަޔާންކޮށް ފެނަކައިން އިއުލާންއެއް ކޯށްފައިވާ ކަމަށެވެ.

ފެނަކައިން މިކަމާ ގުޅިގެން ބުނެފައި ވަނީ، ތިނަދޫ ފެން ޕްލާންޓް މަރާމާތު ކުރެވެންދެން ވަކި ވަގުތުތަކެއްގައި ފެނުގެ ހިދުމަތް މެދުކެނޑެމުން ދާނޭ ކަމަށާއި އެކަމަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

comment ކޮމެންޓް