އިސްލާހުގެ އޮންނަނީ އެއް މާނައެވެ!

ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހިންގަވާފައި ކެނޑިޑެސީ ފޯމް ހުށަހަޅަން ދަނީ ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަތުމަށް ފަހު، މަހާތީރު މުޙައްމަދު ވަރަށް މުހިއްމު ވާހަކައެއް ވިދާޅުވި އެވެ. އެއީ ދައުލަތުގެ އިންވެސްޓްމަންޓް ފާމުތަކާއި ސޮވްރިން އަދި ސްޓޭޓް ޕެންޝަން ފަންޑުތަކުގެ ހިންގާ ވެރީންގެ ބޯޑުތަކުގައި ސިޔާސީ ބޭފުޅުން ތިއްބެވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައެވެ.

ކުޑަ ކުއްޖެއްގެ ސިކުނޑިޔަށް ވެސް ދަތިކަމެއް ނެތި ވިސްނޭ ކަހަލަ ވާހަކައެކެވެ. ކަމެއް ކުރެވޭނީ އެ ކަން ކުރުމުގެ ގާބިލިއްޔަތު ހުރި މީހަކަށެވެ. އިލްމަކާއި ތަމްރީނަކާއި ތަޖުރިބާއެއް ބޭނުން ވާ ކަމެއް ނަމަ، އެ ކަމެއް ކުރުމުގެ ގާބިލިއްޔަތު މީހެއްގެ ކިބައިގައި ހުރި ކަމަށް ބުނެވޭނީ އެ އިލްމާއި ތަމްރީނާއި ތަޖުރިބާ އެމީހަކަށް ލިބިފައި ވާ ނަމައެވެ. އެ ކަމެއް ރަނގަޅަށް ކުރާން ބޭނުމިއްޔާ، އެ ކަން ހަވާލު ކުރާން ވާނީ ގާބިލިއްޔަތު ލިބިހުރި މީހަކަށެވެ.

ދައުލަތުގެ ވިޔަފާރި ވެންޗަރތަކަކީ މި ދަންނަވާ އުސޫލުން، ވަކި ކަހަލަ ގާބިލިއްޔަތެއް ހުންނަ މީހުންނަށް ނޫނީ ނުހިންގޭނެ އަދި ނުބެލެހެއްޓޭނެ އެއްޗެކެވެ. ދައުލަތުގެ ވިޔަފާރި ވެންޗަރއެއް ހިންގާ ކުންފުންޏެއް ފަދަ ކިޔާނެއްގެ ބޯޑަށް ނުވަތަ މެނޭޖަރުންގެ ސަފަށް ލާ ބަޔަކީ އެ ތަނެއް ހިންގާ ވެރީންގެ ކިބައިގައި ހުރުން ލާޒިމު ގާބިލިއްޔަތު ނެތް ބައެއް ނަމަ، އެ ތަނެއް ރަނގަޅަކަށް ނުހިނގާނެއެވެ. އެ ތަނަކަށް އަންނާން ޖެހޭ ކުރިއެރުންތަކެއް ނުލިބޭނެއެވެ. އެ ތަނަކުން ގައުމަށާއި ރައްޔިތުންނަށް ކުރާން ޖެހޭ ފައިދާތަކެއް ނުކުރާނެއެވެ. އެހެންކަމުން، ދައުލަތުގެ ކުންފުނިތައް ފަދަ ތަންތަން ހިންގުމަށް ޓަކައި އެ ތަންތަނުގެ ބޯޑުތަކަށް އައްޔަން ކުރެވޭ ބޭފުޅުންނަކީ ތައުލީމާއި ތަޖުރިބާޔާއި ހުނަރާއި ތަމްރީނުގެ ގޮތުން އެންމެ މަތީ ފަންތީގެ ބޭފުޅުން ކަމުގައި ވުމަކީ ލާޒިމު ކަމެކެވެ.

ދިވެހިރާއްޖޭގައި ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން (އެސްޓީއޯ) އާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕޮރޭޝަން ލިމިޓެޑް (އެމްޓީޑީސީ) އާއި، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސް) އާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕޮރޭޝަން ލިމިޓެޑް (އެޗްޑީއެފްސީ) އާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ފަދަ އެތައް ކުންފުންޏަކީ މުޅީން ނުވަތަ ވަކި މިންވަރެއްގެ ހިއްސާއިން ދައުލަތަށް މިލްކިއްޔާތު އޮންނަ ކުންފުނިތަކެވެ. މި ލިސްޓުގައި ހިމެނެނީ އެކިއެކި ދާއިރާތަކުގައި ހަރަކާތްތެރި ވާ ކުންފުނިތަކެވެ. އެއިން ކޮންމެ ތަނަކަށް ވެސް ބޭނުން ވަނީ އެ ތަނެއްގެ މަސައްކަތުގެ ދާއިރާއިންނާއި، ވިޔަފާރި މެނޭޖު ކުރުމާއި، ހިންގުންތެރިކަން ފަދަ ރޮނގުރޮނގުން ތައުލީމާއި ތަޖުރިބާ ހުރި ވެރީންނެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް ހިނގަނީ އެހެންނަކުން ނޫނޭ ދަންނަވާނެ ފުރުސަތު އެބައޮތެވެ. ސަރުކާރުތަކުގެ އާއްމު ހަމަޔަކީ، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކަށާއި ހިންގާ އިސް މީހުންގެ ވަޒީފާތަކަށް ކަމަށް ގާބިލު މީހުން އައްޔަން ކޮށް، އެމީހުންނަށް އެ ތަންތަން ހިންގުމުގެ މަސްއޫލިއްޔަތު އަމާނާތްތެރިކަމާ އެކު ފުރިހަމަޔަށް އަދާ ކުރުމުގެ ފުރުސަތު ދިނުން ކަމަށް ބެލެވޭކަށް ނެތެވެ. ފެންނަ ފެނުމުގައި، ކޮންމެ ސަރުކާރަކުން ވެސް އަމަލު ކުރާ ގޮތަކީ، ސަރުކާރުގެ ކުންފުނިތަކުގެ މަތީފަޑީގެ ވަޒީފާތަކާއި މަގާމުތައް އެ ސަރުކާރެއް ނިސްބަތް ވާ ސިޔާސީ ޕާޓީގެ ނުވަތަ އެ ސަރުކާރަކަށް ތާއީދު ކުރާ މީހުންގެ ތެރެއިން ނުފޫޒު ގަދަ މީހުންނަށް ދިނުމެވެ. ދިވެހި ގައުމާއި ރައްޔިތުންގެ ފައިސާއިން އެތައް ބިލިއަނެއް އެ ކުންފުނިތަކުގެ ހަފޮޅުން އެތެރޭގައި ދައުރު ވާ ކުންފުނިތައް ބޭނުން ކުރެވެނީ، ސިޔާސީ ޕާޓީތަކުގެ ޕޯޑިޔަމްތަކާއި މުޒާހަރާތަކުގައި ބެރު ތަޅާ "އެކްޓިވިސްޓުން" ނާއި ސިޔާސީ ލީޑަރުންގެ އިސް ވާގިވެރީންނަށް ބޮޑެތި މަގާމުތައް ދިނުމަށޭ ބުނުން އެއީ ހަގީގަތާ މާ ދުރު ބުނުމެއް ކަމަށް ވާނެ ކަމަކަށް ނުފެނެއެވެ. އިސްތިސްނާތަކެއް ހުރެދާނެއެވެ. ނަމަވެސް އާއްމު އުސޫލަކީ މި ދެންނެވީއެވެ.

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމާ ހަވާލު ވަނީ ކުރީގެ ސަރުކާރުގެ ގޯސްތަކުގެ ބޮޑު ލިސްޓެއް ކިޔަމުން، އެ ގޯސްތައް ރަނގަޅު ކުރާނެކަމުގެ ވައުދުތަކާއި އަހުދުތައް އޮއްސަމުންނެވެ. އިސްލާހު ކުރާނެ ކަމުގެ ވާހަކަ ތަގުރީރުތަކުގައި ގޮވަމުން، ފޮތިގަނޑުތަކާއި ބޯޑުތަކުގައި ލިޔެ އިޝްތިހާރު ކުރަމުންނެވެ. އަޅުގަނޑު ދަންނަ ގޮތުގައި "އިސްލާހު" މި ލަފުޒުގެ މާނަޔަކީ ގޯސްކޮށް ހުންނަ ކަންކަން ރަނގަޅު ކުރުމެވެ. ވިޔާނުދާކޮށް ކުރެވިފައި ހުރި ނުވަތަ ކުރެވެމުންދާ ކަންކަން ހެޔޮމަގަށް ގެނައުމެވެ. އެހެން ކަމަށް ވާ ނަމަ، ކޮންމެ ސަރުކާރެއް ވެރިކަމަށް އައިސް، ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކުގައި ތިބޭ ކުރީ ސަރުކާރުގެ ޕާޓީ އެކްޓިވިސްޓުންނާއި ވާގިވެރީން މަގާމުން ވަކި ކޮށް، ތިމާމެންގެ އެކްޓިވިސްޓުންނާއި ވާގިވެރީން އެ ބޯޑުތަކަށް ލުމަކީ އިސްލާހެއް ނޫނެވެ. އެއީ ފަސާދައެއްގެ ފުލުގައި އަންނަ ފަސާދައެވެ.

އަޅުގަނޑު ފެށީ މެލޭޝިޔާގެ ވާހަކައިންނެވެ. އަދިވެސް އެ ދިމާޔަށް ޖެހިލާނަމެވެ.

މެއި10، 2018ގައި މަހާތީރު މުޙައްމަދު މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ހަވާލު ވެވަޑައިގަތްތާ ހަތަރު ދުވަސް ފަހުން، މެލޭޝިޔާގެ ދައުލަތުގެ ހަ ފަންޑެއްގެ މެނޭޖުމަންޓުން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ދައުލަތުގެ ފަންޑުތަކާއި ވިޔަފާރި ވެންޗަރތައް ފަދަ ތަންތަން ޕްރޮފެޝަނަލް ގޮތެއްގައި ހިންގުމަށް ޓަކައި އެ ތަންތަން ސިޔާސީ ނުފޫޒުންނާއި ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ސިޔާސީ ހަރަކާތްތަކުގެ އަސަރުތަކުން މުޅީން ސާފު ކުރާން ޖެހޭކަން ބޮޑުވަޒީރު މަހާތީރު ފާހަގަ ކުރެއްވި ވާހަކައެވެ.

މަހާތީރު ބޮޑުވަޒީރުކަމާ ހަވާލު ވެވަޑައިގެންނެވި އިރު، މެލޭޝިޔާގެ ސަރުކާރުން ހިންގާ އެންމެ ބޮޑު ފަންޑުތައް ހިންގަމުން ދިޔައީ ދިހަ އަހަރުގެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ރައްޒާޤުގެ އަރިސް ބޭފުޅުންނެވެ. އޭނާގެ ސިޔާސީ އެކުވެރީންނެވެ. މި ދަންނަވާ ފަންޑުތަކުގެ ތެރޭގައި މެލޭޝިޔާގެ ސޮވްރިން ފަންޑު ޚަޒާނާ އާއި އެމްޕްލޯއީސް ޕްރޮވިޑެންޓް ފަންޑާއި އިންވެސްޓްމަންޓް ފަންޑް ޕަރްމުދަލާން ނެޝަނަލް ބަރްހާދާއި ރިޓަޔަރމަންޓް ފަންޑް ކުމްޕުލާން ވާންގ ޕަރްސަރާނާއި އަސްކަރީ ރިޓަޔަރމަންޓް ފަންޑް ލެމްބާގާ ތަބުންގް އަންގކާތާން ތެންތެރާ އާއި ހައްޖު ފަންޑު ލެމްބާގާ ތަބުންގް ހާޖީ ހިމެނެއެވެ. މި ފަންޑުތަކަކީ މިލްކިއްޔާތުގައި އެތައް ބިލިއަން ޑޮލަރެއް ހުރި ފަންޑުތަކެވެ. އެ ފަންޑުތަކުގެ ފައިސާ މެލޭޝިޔާގެ އެންމެ ބޮޑެތި ކުންފުނިތަކުގައި ހުރީ އިންވެސްޓް ކުރެވިފައެވެ.

މަހާތީރު މުޙައްމަދު ބޮޑުވަޒީރުކަމަށް ވަޑައިގެން، މި ތަންތަނުން ސިޔާސީން ނެރުއްވައި، ގާބިލިއްޔަތު ހުރި ފަންނީ ބޭފުޅުން މި ތަންތަނަށް ލެއްވުމަށް ޓަކައި ކުރެއްވި ފުރަތަމަ ކަމަކީ، ދައުލަތުގެ އިގުތިސާދީ އަދި މާލީ ކަންކަން ހަރުދަނާ ކުރެއްވުމަށް ޓަކައި ސަރުކާރަށް ލަފާ ދޭ ޚާއްސަ މަޖިލިހެއް އުފެއްދެވުމެވެ. އެ މަޖިލިހުގައި ހިމެނިވަޑައިގަތީ މެލޭޝިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ދިގު މުއްދަތެއްގައި ކުރެއްވުމަށް ފަހު ރިޓަޔަރ ކުރައްވައިގެން ހުންނެވި ޒެތީ އަޚްތަރް ޢަޒީޒާއި، މާލީ ވަޒީރުކަމާއި އެހެނިހެން އެތައް މަގާމެއްގައި ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް ވާ ދާއިމް ޒައިނުއްދީނާއި، ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން މުޅި މެލޭޝިޔާގެ އިހުތިރާމު ލިބިވަޑައިގެން ތިއްބެވި ތަޖުރިބާކާރުންނާއި ކުޅަދާނަ ފަންނީ ބޭފުޅުންނެވެ. އެ މަޖިލިހުގައި ޒުވާން ކުޑަކުދީންނެއް ނެތެވެ. މުޅީން ވެސް ތިއްބެވީ ހަރު ބޭފުޅުންނެވެ. ދުނިޔެއޭ މި ކިޔާ ބިޔަ ފޮތުގެ ބޮޑު ބައެއް "ވިދާޅުވެގެން" މުޖުތަމައެއްގެ ލީޑަރޝިޕުގައި ހިމެނިވަޑައިގަތުމަށް ކުފޫ ހަމަ ވާ ބޭފުޅުންނެވެ. މި މަޖިލިހުގެ މަސައްކަތް ފެށުމަށް ފަހު އެންމެ ފުރަތަމަ ނެރުނު ބަޔާނުގައި ބުނެފައި އޮތް އެއް ވާހަކަޔަކީ ވެސް، ދައުލަތުގެ ފަންޑުތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގައި ތިބި ސިޔާސީ އެންމެން ބަދަލު ކޮށް، ހުރިހާ މަގާމުތަކަށް ވެސް ޖަވާބުދާރީ ވަނިވި ގޮތެއްގެ މަތީން ފަންނީ ގާބިލުކަން ހުރި ބޭފުޅުން ލެވޭނެ ވާހަކައެވެ.

މެލޭޝިޔާގައި އެންމެ ކުޑަ މިނުން ހެޔޮ މިސްރާބަށް މަސައްކަތެއް ފެށިއްޖެއެވެ. އެ މަސައްކަތް ހެޔޮ ގޮތުގައި ކުރެވި، ހެޔޮ ނަތީޖާއެއް ނުކުތުމަކީ އަޅުގަނޑުމެންގެ ވެސް ހިތުގެ އަޑީގެ އެދުމެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މި ދެންނެވި ހެޔޮ މިސްރާބު ހިފޭ ދުވަހެއް އަވަސް ކުރިމަގެއްގައި ފެނިދާނެ ބާވައެވެ! ދައުލަތުގެ ކުންފުނިތައް އިސްލާހު ކުރުމަށް ޓަކައި އިޚްލާސްތެރި މަސައްކަތްތަކެއް ކުރެވޭ ދުވަހެއް އަތުވެދާނެ ބާވައެވެ! ކުރެވެނީ އައު ސަރުކާރުން މި ކަމުގައި ރަނގަޅު މިސްރާބެއް ހިއްޕަވާނެކަމުގެ އުއްމީދެވެ.

ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތަކާއި ހިންގުމުގެ އިސް މަގާމުތަކުގައި ތިއްބެވި ގާބިލު ބޭފުޅުން އެ މަގާމުތަކުގައި ބައިތިއްބާން ޖެހެއެވެ. ނަމަވެސް ސިޔާސީ "ވަގު ލައިސަންސަކާ" އެކު އެ ތަންތަނަށް ވަދެ ތިބި މީހުން ބޭރު ކުރެވޭން ވެސް ޖެހެއެވެ. އަދި އެކަން ކުރެވޭން ޖެހޭނީ، ސިޔާސީ ވަގު ލައިސަންސުގެ ފިޔާތޮށި ކާޑު ހިފައިގެން ހުންނަ މީހާ ނެރެފައި، ހަމަ އެ ކަހަލަ ވަގު ލައިސަންސެއްގެ ރީނދޫ ކާޑު، ނުވަތަ ރަތް ކާޑު، ނުވަތަ ފެހި ކާޑު ހިފައިގެން ހުންނަ މީހާ އެ ތަނަށް ވައްދާ އުސޫލަކުން ނޫނެވެ. އެކަން ކުރާން ޖެހޭނީ ދައުލަތުގެ ކޮންމެ ކުންފުންޏެއްގެ ވެސް ބޯޑާއި އިސް މަގާމުތަކަށް އެ ކުންފުނީގެ ވިޔަފާރި ދަންނަ، ކުންފުނި ހިންގުމަށް ބޭނުން ވާ އިލްމާއި ތަމްރީނާއި ތަޖުރިބާ ހުރި ގާބިލު ބޭފުޅުން ލައްވަވާ އުސޫލުންނެވެ. ދިވެހީންނަށް އިސްކަން ދެއްވައިގެންނެވެ. ގާބިލު ދިވެހީން ނެތް ނަމަ، ބޭރުން ވެސް މީހުން ގެންނާން ވީއެވެ. މިކަން ކުރެއްވުމަށް ފަހު، ސިޔާސީން އެ ކުންފުނިތަކާ ބެހިވަޑައިގަތުން ހުއްޓަވައިލައްވާށެވެ. ރައްޔިތުން އެދޭ ގޮތަކީ އެޔެވެ. އިސްލާހަކީ ވެސް އެޔެވެ.

comment ކޮމެންޓް