ޔޫރަޕުގެ ރަން ބޫޓު 5 ވަނަ ފަހަރަށް މެސީ ހޯދައިފި

މެސީ އޭނާގެ ފަސް ވަނަ ރަންބޫޓާ އެކު--

ޔޫރަޕުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ކޮންމެ ސީޒަނަކު އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓ،ު ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ހޯދައިފި އެވެ. މެސީއަކީ މިހާރު ޔޫރަޕުގެ ރަންބޫޓު އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔާ އެވެ.

އުމުރުން 31 އަހަރުގެ މެސީ ވަނީ މިދިޔަ ސީޒަނުގައ،ި ލަލީގާގައި 36 މެޗުގައި 34 ގޯލު ޖަހާފަ އެވެ. އޭނާއާ އެންމެ ކައިރިން ރަންބޫޓަށް ވާދަ ކުރީ ލިވަޕޫލްގެ މުހައްމަދު ސަލާހު އެވެ.

މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި 4 ކުޅުންތެރިން:

  1. ލިއޮނަލް މެސީ (34 ގޯލު)
  2. މުހައްމަދު ސަލާހު (32 ގޯލު)
  3. ހެރީ ކޭން (30 ގޯލު)
  4. ކްރިސްޓިއާނޯ ރޮނާލްޑޯ (26 ގޯލު)

މެސީ ރަން ބޫޓު ހޯދި 5 ސީޒަން:

  1. 2009/2010: 34 ގޯލު
  2. 2011/2012: 50 ގޯލު
  3. 2012/2013: 46 ގޯލު
  4. 2016/2017: 37 ގޯލު
  5. 2017/2018: 34 ގޯލު

އެވޯޑު ލިބުމަށް ފަހު މެސީ ބުނީ، އޭނާގެ ކެރިއަރުގައި އެހާ ގިނަ ކާމިޔާބީތައްް އޭނާއަށް ލިބިގެންދާނެ ކަމަށް އުންމީދެއް ވެސް ނުކުރާ ކަމަށެވެ. އަދި އޭރު އޭނާގެ އަމާޒަކަށްވީ ހަމަ އެކަނި ފުޓުބޯޅަ ކުޅުންތެރިއަކަށް ވުން ކަމަށް މެސީ ބުންޏެވެ.

އޭގެ އިތުރުން އޭނާ ވަނީ އޭނާގެ ޓީމު، ބާސާގެ ކުޅުންތެރިންނަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ، ބާސާ އަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށާއި އެހެން ކަމުން އޭނާއަށް ދަނޑުމަތީގައި ގިނަ ކަންތައްތަކެއް ފަސޭހަވެގެންދާ ކަމަށެވެ.

comment ކޮމެންޓް