ނަސަންދުރާ މައްސަލައިގައި ދައުވާ ނުކުރެވޭނެކަމަށް ބުނެ ޕީޖީން މައްސަލަ އަނބުރާ ފޮނުވާލައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޕްރެސް ކޮންފަރެންސް ދެއްވާއިރު، އަރިހުގައި ޒިޔަތު-- ސަން ފޮޓޯ/ އަލީ ނަސީރު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ނަސަންދުރާ ޕެލެސް ހޮޓެލް ހިންގަމުން އައި ބިމާއި، އެ ބިމާ އިންވެގެން އޮތް 26 ނަމްބަރު ކޮށީގައި އޮތް ބިން ހިމެނޭގޮތަށް ކުއްޔަށް ދޫކުރި މައްސަލައިގައި އޭރުގެ ޓުރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާކުރާނެ އަސާސެއް ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައި، މައްސަލަ އަނބުރާ ފޮނުވާލާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

ނަސަންދުރާ ޕެލެސް ހޮޓެލް މީގެ ކުރިން ހިންގަމުން އައީ ގެލެކްސީ އެންޓަޕްރައިޒެސް ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ބިން އެމްއެމްޕީއާރުސީގެ ދަށަށް ބަދަލުކޮށް، 2015 ވަނަ އަހަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް "އެންޕީއެޗު އިންވެސްޓްމެންޓްސް" ކިޔާ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފައެވެ.

މި މައްސަލައިގައި އޭސީސީން ޕީޖީއަށް ހުށަހަޅާފައިވަނީ އަދީބުގެ މައްޗަށް ދެ ދައުވާއެއް، އަދި ޒިޔަތުގެ މައްޗަށް އެއް ދައުވާއެއް ކުރުމަށެވެ.

އޭސީސީން އަދީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުރަތަމަ މައްސަލައަކީ ނަސަންދުރާ ޕެލެސް ހޮޓެލްގެ ބިން، ޓޫރިޒަމް ގާނޫނާ ޚިލާފަށް އާންމުކޮށް އިއުލާނުކުރުމެއް ނެތި އެމްއެމްޕީއާރުސީއާ ހަވާލުކުރުމާއި، އެމްއެމްޕީއާރުސީއަށް އެ ބިން ދިން އިރު އެކުއިޒިޝަން ކޮސްޓެއް ނުނަގާ މައްސަލައެވެ. އަދި އެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާފަދަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ހުރިކަމަށްވެސް އޭސީސީން ބުންޏެވެ.

އަދީބުގެ މައްޗަށް ހުށަހެޅި ދެވަނަ މައްސަލައަކީ ދައުލަތަށް ލިބެން އޮތް ފައިދާއެއް ނުލިބޭގޮތަށް ނުވަތަ އުނިވާގޮތަށް އަމަލުކުރިކަމަށް ބަލައި ތަހުގީގުކުރި މައްސަލައެކެވެ.

ދެހާސް ދިހަވަނަ އަހަރު ގެލެކްސީ އެންޓަޕްރައިޒަސްއިން ނަސަންދުރަ ހިންގަން ހެދި އެގްރިމެންތުގެ ދަށުން އެތަން ރީޑިވެލޮޕް ނުކުރެވޭނެކަމަށް ބުނާ މާއްދާއެއް އޮތް އިރު، އެ މާއްދާ އުވާލުމުގެ ބަދަލުގައި އެ އެއްބަސްވުން އުވާލައި، 2015 ވަނަ އަހަރު ވަނީ އާ އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީ މެދުވެރިކޮށް އެންޕީއެޗް އިންވެސްޓްމެންޓްއަށް ބިމުގެ ލީސްހޯލްޑް ރައިޓްސް ވިއްކާލާފައިވާކަމަށް އޭސީސީން ބުންޏެވެ.

ނަމަވެސް އެކަން ކުރުމުގެ ބަދަލުގައި ކުރީގެ އެއްބަސްވުމުގައި އޮތް ރީޑިވެލޮޕް ނުކުރެވޭކަމަށް ބުނާ މާއްދާ އުވާލައި، ފީއެއް ނަގާގޮތަށް ކުލީގެ މުއްދަތު އިތުރުކުރިނަމަ ސައުލަތަށް 800،000 ޑޮލަރުގެ ފައިދާއެއް ލިބުނީސްކަމަސް އޭސީސީން ބުންޏެވެ. އަދި ސަރުކާރުން ބޭނުންވި ގޮތަށް އެތަން ތަރައްގީކުރުމަށްޓަކައި ބިޑުކޮށްގެން ކުރިއަށް ދިޔަނަމަ ދައުލަތަށް ލިބޭ ފައިދާ މާ ބޮޑުވާނެކަމަށް ބެލެވޭކަމަށްވެސް އޭސީސީން ބުންޏެވެ. އެހެންކަމުން މިއީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ފަދަ އަމަލެއްކަމަށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ހުރި ކަމެއް ކަމަށް އޭސީސީން ބުންޏެވެ.

މީގެ އިތުރުން ހަމަ އެ މައްސަލައިގައި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށްވެސް ދައުވާކުރުމަށް ވަނީ ހުށަހަޅާފައެވެ.

އޭސީސީން ބުނީ އެންޕީއެޗުން ޓޫރިޒަމް މިނިސްޓްރީއަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކާފައި ނުވާނެކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި ނިންމާފައިވަނީ މަދުވެގެން 100 ކޮޓަރީގެ ހޮޓަލަކާއި މަދުވެގެން 100 އެޕާޓްމަންޓް އިމާރާތްކުރުމަށާއި، ހަފްލާ ބާއްވާ ސެންޓަރަކާއި ބެންކުއެޓިންގް ހިދުމަތް ގާއިމުކޮށް، އެތަންތަން ބޭނުންކުރުމަށް ސަރުކާރަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް އެއްބަސްވެފައިވާކަމަށް ބުނެފައިވާކަމަށެވެ.

އެހެން ނަމަވެސް އެކަންކަމަކީ އެކުއިޒިޝަން ކޮސްޓު ނެގިނަމަ ދައުލަތަށް މާބޮޑަށް ފައިދާވާނެ ކަމެއްކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށާއި، އެކަމުގައި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ފަދަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ހުރިކަމުން އެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީ ޒިޔަތުގެ މައްދަށް ދައުވާކުރަން ފޮނުވިކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލަ ދިރާސާކޮށް ބެލިއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް އެންޕީއެޗަށް 50 އަހަރަށް ނަސަންދުރައިގެ ބިން ދިނުމަށް ހެދި އެއްބަސްވުން ދެމެހެއްޓުމަށާއި، އެއީ ސައްހަ އެއްބަސްވުމެއް ކަމަށާއި އެ ބިން ދޫކުރީ ޓޫރިޒަމް ގާނޫނާ ހިލާފަށް ނޫންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ޓޫރިޒމް މިނިސްޓްރީއަށް ލަފާދިންކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި ނަސަންދުރަ ކުއްޔަށް ދިނުމުގައި ސީއެސްއާރު ކޮމްޕޯނެންޓް ހިމެނުމުގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރި އިރު ލީސް އެކުއިޒިޝަން ކޮސްޓެއް ނަގަންޖެހޭކަން ބަޔާންކޮށްދޭ އެއްވެސް ގާނޫނެއް، ގަވައިދެއް ނުވަތަ އުސޫލެއްވެސް އޮތްކަން އެނގެން ނެތްކަމަށް ޕީޖީން ބުނިކަމަށް އޭސީސީން ބުންޏެވެ.

"މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކުރެވިދާނެކަމަށް ނުފެންނަކަމަށާއި، ދައުވާކުރާނެ އަސާސެއް އޮތްކަމަށް ނުފެންނަކަމަށް ބަޔާންކޮށް 14 އޮގަސްޓް 2018ގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މި މައްސަލަ އަނބުރާ މި ކޮމިޝަނަށް ފޮނުވާފައެވެ. ނަމަވެސް މި މައްސަލަ މި ކޮމިޝަނުން އިތުރަށް ދިރާސާކުރަމުންދާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އޭސީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް