އެމެރިކާ ސެނެޓުން ފާސްކުރި ގަރާރުތައް ސައުދީން ކުށްވެރިކޮށްފި

ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭ މަރާލާފައި -- ފޮޓޯ: އޭޕީ

ރިޔާޟު (ޑިސެމްބަރު 17): ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރުގެ ފަހަތުގައި ވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށާއި އެމެރިކާއިން ޔަމަނުގެ ހަނގުރާމައަށް އެހީތެރިވުން ހުއްޓާލަން ޖެހޭ ކަމަށް ބުނެ، އެމެރިކާގެ ސެނެޓުން ފާސްކުރި ދެ ގަރާރު ސައުދީން ކުށްވެރިކޮށްފި އެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސެނެޓުން ފާސްކުރި އެ ދެ ގަރާރު ބިނާކޮށްފައި ވަނީ "އެއްވެސް ބަރުދަނެއް ނެތް ތުހުމަތުތަކެއް"ގެ މައްޗަށެވެ. އަދި އެ ގަރާރު ފާސްކުރުމަކީ ސައުދީ ދާހިލީ ކަންތައްތަކުގެ ތެރެއަށް އެމެރިކާއިން ބާރު ފޯރުވުމެވެ.

"އެއްވެސް ބަރުދަނެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އެމެރިކާއިން ދާދި ފަހުން ނިންމި ނިންމުމަކީ، ސައުދީގެ ދާހިލީ ކަންތައްތަކަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސައުދީން އަދާ ކުރާ ދައުރަށް ބާރު ފޯރުވުން،" އެބަޔާނުގައިވެ އެވެ.

އެމެރިކާއަށް އަމިއްލައަށް އަރުވާލެވިގެން ހުރި ހާޝުގްޖީ މިދިޔަ އޮކްޓޯބަރު މަހު މަރާލީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގަ އެވެ. ވޮޝިންޓަން ޕޯސްޓަށް ކޮލަމް ލިޔަމުން ދިޔަ ހާޝުގްޖީއަކީ ސައުދީ ޝާހީ އާއިލާއަށް، ހާއްސަކޮށް ވަލީ އަހުދަށް ފާޑު ކިޔަމުން ދިޔަ ނޫސްވެރިއެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސެނެޓުން ފާސް ކުރި ގަރާރުގައި ވަނީ ހާޝުގްޖީގެ މަރުގައި "ޒިންމާ ވަނީ" ވަލީ އަހުދު ކަމަށް ބުނެފަ އެވެ.

ސެނެޓުން އެފަދައިން ފާސްކުރީ، ވަލީ އަހުދަށް އެނގިވަޑައިނުގެން އެފަދަ ބޮޑު ކަމެއް ހިނގުމަކީ ނާދިރު ކަމެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއުން ބުނި ފަހުންނެވެ.

މީގެ އިތުރުން ސެނެޓުން ވަނީ ސައުދީ އަރަބިއާ އިސްވެ އޮވެގެން ޔަމަނުގައި ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން އަސްކަރީ އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލާ ގަރާރެއްވެސް ފާސްކޮށްފަ އެވެ.

ނަމަވެސް އެގަރާރު ގާނޫނަކަށްވެ ތަންފީޒުކުރަން އެމެރިކާ ސަރުކާރަށް މަޖްބޫރު ވާނީ ކޮންގްރެސްގެ ތިރީގޭގެ ތާއީދު ވެސް އެގަރާރަށް ލިބި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގަރާރު ތަސްދީގު ކުރެއްވުމުންނެވެ. އަދި ރައީސް ޓްރަމްޕް ވަނީ އެގަރާރު ތަސްދީގު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް