ތަމްރީންތަކަށް އިންޑިއާގެ 45 ސިފައިން ރާއްޖެ އައިސްފި

އިންޑިއާ އާއި ރާއްޖެ ގުޅުގެން ބާއްވާ އަސްކަރީ ތަމްރީންތަކަށް އިންޑީއާގެ ސިފައިން ރާއްޖެ އައިސް --- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ އަސްކަރިއްޔާ އާއި އިންޑީއާގެ އަސްކަރިއްޔާ ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ 'އެކްސަސައިޒް އެކުވެރިން' ގައި ބައިވެރިވުމަށް އިންޑީއާގެ 45 ސިފައިން ރާއްޖެ އައިސްފި އެވެ.

މާދަމައިން ފެށިގެން މި މަހުގެ 27ގެ ނިޔަލަށް ޅ. މާފިލާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ތަމްރީން ޕްރޮގްރާމްގައި އިންޑިއާގެ ފަރާތުން ބައިވެރިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 45 ސިފައިން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް އެވެ. އަދި ތަމްރީންތަކުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އިންޑިއާ އާއި ރާއްޖެ ގުޅުގެން ބާއްވާ އަސްކަރީ ތަމްރީންތަކަށް އިންޑީއާގެ ސިފައިން ރާއްޖެ އައިސް --- ފޮޓޯ: އެމްއެންޑީއެފް

މި ތަމްރީނަކީ ދިވެހިރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.

ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯޓަރ ބޯން އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަމްރީނުތަކާއި، އަސްކަރީ އިތުރު ތަމްރީނުތަކެވެ. މި އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މާފިލާފުށީގެ އިތުރުން ޅ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެ އެވެ.

ރާއްޖެ އާއި އިންޑިއާ ގުޅިގެން ބާއްވަމުންދާ، އެކްސަސައިޒް އެކުވެރިންނަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ ގައުމުން ކުރެ ކޮންމެވެސް އެއް ޤައުމެއްގައި ބާއްވަމުންގެންދާ އެކްސަސައިޒެކެވެ. މި އެކްސަސައިޒް މިއަހަރު ދިވެހިރާއްޖޭގައި ބާއްވަމުންދާއިރު، އެންމެ ފަހުން ބޭއްވީ އިންޑިއާގެ މެޑްރާސްގަ އެވެ.

comment ކޮމެންޓް