ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ކޮމެޓީން ފާސްކޮށްފި

ރާއްޖޭގެ ބައެއް ހައްޖާޖީން: ޕެންޝަން ފަންޑްގައި ހުންނަ ފައިސާއިން ހައްޖައް ދެވޭ ގޮތަށް ކޮމެޓީން ވަނީ ފާސްކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޕެންޝަން ފަންޑްގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް އެ އިސްލާހު ދިރާސާ ކުރި އިޖުތިމާއީ ކޮމެޓީން ނިންމައިފި އެވެ.

ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ. އެ ބިލު އިޖުތިމާއީ ކޮމެޓީން ފާސްކޮށްފައި ވަނީ އެއްވެސް ބަދަލެއް ގެނައުމެއްނެތި އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ވަނީ އިތުރު ސުރުހީއެއްގެ ދަށުން މާއްދާތަކެއް އިތުރުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.

އޭގެ އިތުރުން ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ ވަކި އަދަދަކަށް ފައިސާ ޕެންޝަން އެކައުންޓުގައި ހުންނަ ފަރާތްތަކަށް ކަމަށް ވެސް ޕެންޝަން ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

އެ ފަރާތަކީ ޕެންޝަން ލިބޭ އުމުރު ހަމަވާ އިރު މަހަކު 2،000 ރުފިޔާ، މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ހައްޖުވުމަށް ހުށަހަޅާ ރިޓަޔަމެންޓް ސޭވިންގް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށް ވާންޖެހޭ ކަމަށް އިސްލާހުގައިވެ އެވެ.

ހައްޖުވުމަށް ފައިސާ ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ ދެބައިކުޅަ އެއްބައި (50 ޕަސަންޓު) ކަމަށް ވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ.

ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްގެން އަހަރަކު ހައްޖަށް ދެވޭނީ ކިތައް މީހުންނަށްކަން ކަނޑައަޅާނީ ޕެންޝަން އޮފީހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް