ޚާޝުގްޖީގެ މަރުގެ ފަހަތުގައި ވަނީ ޕްރިންސް މުހައްމަދުކަމަށް އެމެރިކާ ސެނެޓުން ފާސްކޮށްފި

ޖަމާލް ޚާޝުގްޖީ

ވޮޝިންޓަން (ޑިސެމްބަރު 14) : އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ސައުދީ ނޫސްވެރިޔާ ޖަމާލް އޚާޝުގްޖީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމުގެ ޖަރީމާގެ ފަހަތުގައި ހުންނެވީ ސައުދީ ވަލީއަހްދު މުހައްމަދު ބިން ސަލްމާންކަމަށް ބުނާ ގަރާރެއް އެމެރިކާގެ ސެނެޓުން ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފައެވެ.

އެގަރާރުގައި ޚާޝުގްޖީގެ މަރުގެ ޒިންމާ ސައުދީ ސަރުކާރުންވެސް އުފުލަންޖެހޭކަމާ އަދި ޕްރިންސް މުހައްމަދު ހިމެނޭގޮތަށް އެ ޖަރީމާގައި ބައިވެރިވާ ސައުދީ ހުރިހާ ވެރިންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ. އެމެރިކާގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ސެނެޓުން ފާސްކުރި އެ ގަރާރުގައި ޚާޝުގްޖީގެ މަރުގެ މައްސަލައިގެ އިތުރުން ސައުދީ އަރަބިއާ އިސްވެ އޮވެގެން ޔަމަންގައި ކުރަމުން ގެންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް އެމެރިކާ ދޭ އަސްކަރީ އަދި ފަންނީ އެހީތައް ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.

ނަމަވެސް މި ގަރާރު ގާނޫނަކަށްވެ ތަންފީޒުކުރަން އެމެރިކާ ސަރުކާރަށް މަޖްބޫރު ވާނީ ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ތާއީދުވެސް އެގަރާރަށް ލިބުމާއެކު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް އެ ގަރާރު ތަސްދީގު ކުރެއްވުމުންނެވެ.

އެމެރިކާގެ ކޮންގްރެސް ގެ އިމާރާތް

ޓްރަމްޕަކީ ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައުދީ ސަރުކާރާ އަދި ވަލީއުލްއަހްދު މުހައްމަދު ދިފާއުކުރައްވާ ބޭފުޅަކަށްވެފައި ޔަމަންގެ ރައްޔިތުންގެ ލެޔާއި އެމީހުންގެ ފުރާނައަށްވުރެ ޓްރަމްޕްގެ ސަރުކާރުން އިސްކަންދެނީ ސައުދީއަށް ހަތިޔާރު ވިއްކައިގެން އިގްތިސާދީ ފައިދާ ހޯދުމަށް ކަމަށްވާތީ ޓްރަމްޕް އެ ގަރާރު ތަސްދީގުކުރެއްވުމަކީ ދުރުކަމެއް ކަމަށް މުރާސިލުން ބުނެއެވެ.

އަނެއްކޮޅުން އެމެރިކާގެ މީޑިއާއިން ވަނީ ޓްރަމްޕްގެ ސަރުކާރާ އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތާއީދު ލިބިފައިވާ ސައުދީ ވަލީއަހްދު މުހައްމަދާ ދެކޮޅަށް މިފަދަ ގަރާރެއް އެމެރިކާގެ ސެނެޓުން ފާސްކުރުމަކީ ވަރަށް އަޖައިބު ކުރުވަނިވި ތާރީޚީ ކަމެއްކަމަށް ސިފަކޮށްފައެވެ. ސަބަބަކީ އެމެރިކާގެ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްއަކީ ފެށުނީއްސުރެވެސް އިސްރާއީލުގެ ބާރާއި ނުފޫޒު އިންތިހާއަށް އޮންނަ ދެ ގެ ކަމަށްވާތީއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދި ފަހުން ވަނީ މިއިން ޒަމާނަކުވެސް ޕްރިންސް މުހައްމަދު ފަދަ އަރަބި ވެރިއަކު އިސްރާއީލަށް ނުލިބޭނެ ކަމަށް ވިދާޅުވެ ތައުރީފް ކުރައްވާފައެވެ. އަދި ސީރިއާއާއި ލިބިޔާއާއި އިރާގާއި މިސްރު ފަދަ އަރަބި އެހެން ގައުމުތަކުގައި ހަމަނުޖެހުން އުފެއްދިގޮތަށް ސައުދީގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ނުކުރުމަށާއި އެކަން ކުރުމަކީ އިސްރާއީލުގެ މަސްލަހަތަށް އޮތް ނުރައްކަލެއް ކަމަށް ނަތަންޔާހޫ ސިފަކުރެއްވިއެވެ.

ނަތަންޔާހޫގެ ތައުރީފު އޮއްސަވަމުން ގެންދަވާ އިރު ޕްރިންސް މުހައްމަދު ވަނީ އެންމެ ފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި، ފަލަސްތީނުގެ ބިމުގައި އިސްރާއީލަށްވެސް އަމާންކަމާއެކު ދެމިއޮތުމުގެ ފުރުސަތު ލިބެންވާނެކަމަށް ބުނެ ވަރަށް އާދަޔާ ޚިލާފު ބަޔާނެއް ދެއްވާފައެވެ. މިއީ އަރަބި ވެރިއަކު ސީދާ ގޮތެއްގައި މިހާތަނަށް ވިދާޅުވެފައި ނުވާ ފަދަ ބަސްފުޅެކެވެ.

ޓްރަމްޕް ވަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮތުމަށާއި އަދި މެދުއިރުމަތީގައި އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ސައުދީގެ ރަސްކަމަކީ ވަރަށް މުހިންމު ނިޒާމެއްކަމަށް ތަކުރާރުކޮށް މީގެ ކުރިން ވިދާޅުވެފައެވެ. އިސްރާއީލުގެ މަސްލަހަތު މިގޮތަށް އޮތްނަމަވެސް އެއާ ޚިލާފަށް ޚާޝުގްޖީގެ މަރުގެ މައްސަލައިގެ ޒިންމާ ސައުދީ ވަލީއުލްއަހްދު މުހައްމަދުގެ އިސްތަށިފުޅުގައި ސެނެޓުން އެޅުއްވީ އެ މައްސަލާގައި ސީއައިއޭގެ ޑިރެކްޓަރ ޖިނާ ހެސްޕެލް ސެނެޓަށް ދެއްވި މައުލޫމާތަށް ބަލާއިރު، މުހައްމަދު ހިމާޔަތްކުރެވޭނެ އެއްވެސް ގޮތެއްނެތިކަން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އަދި ޚާޝުގްޖީގެ މަރުގެ މައްސަލައިގާ ޕްރިންސް މުހައްމަދު ދިފާއުކޮށްފިނަމަ ތުރުކީން އެކަމުގެ ހަގީގަތް ބޭޒާރުކޮށް އެ ޖަރީމާގެ ފަހަތުގައި ހުންނެވީ މުހައްމަދުކަމުގެ ސާބިތު ހެކިތައް ހާމަކޮށްފާނެކަމުގެ ބިރު އޮތުމަކީވެސް މިގަރާރު ފާސްކުރަން ސެނެޓަށް މަޖްބޫރުވެގެން ދިޔަ ސަބަބެއްކަމަށް ވަނީ ބެލެވިފައެވެ. ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ ހަކާން ފިދާން މިދިޔަ ހަފްތާގައިވަނީ އެމެރިކާއަށް ވަޑައިގެން ސެނެޓްގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ ޚާޝުގްޖީގެ މަރުގެ މައްސަލައިގެ ހަގީގަތް ހޯދާނެކަމަށާ އެކަންކުރި މީހުންނާއި އެކަމަށް އަމުރުކުރި މީހުންނާ އަދި އެކަމުގެ ފަހަތުގައިވާ ފަރާތްތައްވެސް ބޭޒާރު ކުރާނެކަމަށް ވިދާޅުވެފައެވެ. ތުރުކީ ވަނީ ޚާޝުގްޖީގެ މަރުގެ ޖަރީމާއަކީ ސައުދީ ސަރުކާރުގެ އެންމެ އިސް ފަރާތްތަކުން ކުރި އަމުރަކަށް ހިންގި ޖަރީމާއެއްކަމަށާ ނަމަވެސް އެ އަމުރުކުރުމުގައާއި އެ ޖަރީމާ ހިންގުމުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ އެއްވެސް ގުޅުމެއްނެތް ކަމަށް ވިދާޅުވެފައެވެ.

ސައުދީ ސަރުކާރުންވެސް ވަނީ ޚާޝުގްޖީގެ މަރުގެ މައްސަލައިގައި އެ ގައުމުގެ ކުރީގެ އިސް ބައެއް މަސްއޫލުވެރިންގެ މައްޗަށް ތުހުމަތުތަކެއް ކޮށް މި މައްސަލަ ތަހުގީގުކުރަމުން ގެންދާކަން ހާމަކޮށްފައެވެ. ނަމަވެސް ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ މިޖަރީމާއާ އެއްވެސް ގުޅުމެއް ނުވާ ކަަމަށް ސައުދީ ސަރުކާރުން ތަކުރާރުކޮށް ބުނެއެވެ. މިމައްސަލައިގައި ތުރުކީއާއި ސައޫދީގެ ގުޅުންތައްވަނީ ގޯސްވެފައެވެ.

comment ކޮމެންޓް