ކުޅުދުއްފުށީ ބަނދަރު ބޮޑުކުރަން އެމްޓީސީސީ އަށް

ކުޅުދުއްފުށީ ބަނދަރު -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ ބަނދަރު ބޮޑުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ. މި މަސައްކަތް އެމްޓީސީ އާ ހަވާލުކޮށްފައިވަބީ 126.98 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމުމަށް ކޮންޓްރެކްޓްކޮށްފައިވަނީ 450 ދުވަސް ތެރޭގައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށީގައި މުދާ އުފުލުމަށާއި ދަތުރުވެރިންނަށް ހާޢްސަ ބަނދަރަކާއި އާ ނެރެއް ހަދާނެއެވެ. އަދި ކުދި އުޅަނދުތަކަށް ހާއްސަ ޖެޓީތަކަކާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހަދާނެއެވެ.

https://sun.mv/104092

މީގެ އިތުރުން ޓިކެޓު ކައުންޓަރުތަކާއި ރީޓެިއލް ފިހާރަ، ނަމާދުކުރާތަނަކާއި ކޮންވީނިއަންޓް ސްޓޯއަކާ ކެފޭއެއް އަދި މަދާސް ރޫމް އެއް ހިމަނައިގެން ފެރީ ޓާމިނަލް އިމާރާތެއްވެސް ހަދާނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މަސްކަނޑުމަށާއި މަސްވެރިން ބޭނުންކުރުމަށް ފެންވަރާ ހެދޭނެފަދަ ފާހާނާއެއްވެސް އިމާރާތްކުރާނެއެވެ. މީގެއިތުރުން ކުދި އުޅަނދުފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރު ކުޅުމަށް ހާއްސަ ވޯޓާ ފްރަންޓު ޒޯނެއްވެސް ހަދާނެއެވެ.

މި ޕްރޮޖެކްޓު ކުރިއަށް ގެންދާނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ގްރާންޓް އެހީގައެވެ.

comment ކޮމެންޓް