ޓިކެޓުގެ އަގު ހެޔޮކުރެވޭނެ: މޯލްޑިވިއަން

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ އެއާކްރާފްޓެއް --- ސަން ފައިލް ފޮޓޯ

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ވާނެ ކަމެއް ކަމަށާއި އެކަން ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސް އިން ބުނެފި އެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ އިއްޔެ ވަނީ، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރާނެ މިންގަނޑެއް އެކުލަވާލާފައިވާ ކަމާއި، ދެ ދުވަހެއްގެ ތެރޭގައި އެކަން އިއުލާނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ "ސަން"އަށް ވިދާޅުވީ މިވަގުތު އާންމުކޮށް އެ އެއަލައިނުގެ ފެއާތައް ހުރީ 3،500 ރުފިޔާގައި ކަމަށާއި، ޓިކެޓު އަގު ހެޔޮކުރެވޭނެ ގޮތްތައް ބަލަމުން ގެންދާ ކަމަށެވެ.

ރިޒްވީ ވިދާޅުވީ ޓިކެޓުގެ އަގުތައް ހެޔޮކުރާނީ ކުންފުންޏަށް ގެއްލުން ނުވާ ގޮތަކަށް، ކުންފުނިވެސް ސަސްޓެއިން ކުރެވޭނެ މިންވަރަކަށް ކަމަށެވެ. އަދި އެކަން ކުރެވޭނެ ގޮތްތައް ބަލަމުން މިހާރު ދާ ކަމަށާއި ބައެއް އޮޕްޝަންތައް ފިނޭންސް މިނިސްޓްރީއާ ވެސް ހިއްސާކުރަމުން ގެންދާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކުގެ ޓިކެޓުގެ އަގު ވަކި މިންވަރަކަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، ރިޒްވީ ވިދާޅުވީ މިހާތަނަށް ވެސް އަގު ހެޔޮކުރާނެ ވަކި މިންވަރެއް ކަނޑައަޅާފައި ނުވާކަމަށެވެ.

ޓްރަންސްޕޯޓު މިނިސްޓަރު އިއްޔެ ވިދާޅުވީ ޓިކެޓުގެ އަގު ހެޔޮކުރާނެ މިންގަނޑު ދެ ދުވަހެއް ތެރޭގައި އިއުލާނުކުރި ނަމަވެސް، ޓިކެޓުގެ އަގުތައް ހެޔޮވާނީ ދޭއް ނުވަތަ ތިން ހަފްތާ ފަހުން ކަމަށް ބެލެވޭ ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.

މިވަގުތު ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ވިލާ އެއާގެ ފްލައިމީއިންނެވެ. އަދި އަލަށް އުފެއްދި މެންޓާ އެއާއިން ވެސް ދަނީ ޑޮމެސްޓިކް ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް