ހަޔާތީ އެކި ޚިޔާލުތަކުގައި ހުރެ އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. ކޮޓަރިއަށް ވަންއިރު މިކާލް ފެންނަން ނެތުމުން މޮޅިވެރިވިއެވެ. މިރޭވެސް މިކާލް ކުރި އަތުލީއެވެ. އޭނައަށްވުރެ ކުރިން ހޭލައިގެން ނަމާދުކުރަން މިސްކިތަށް ދިޔައީކަން ޔަގީނެވެ. ނުވެސް ގުޅޭ ހަރުވާޅަކާއިއެކު އޯވާސައިޒް ޓީޝާޓެއް ލައިގެން ގޭގައިއަޅާ ވަށް ބުރުގާއެއް ބޮލަށް މަހާލައިފިއެވެ. ކޮފީ ތައްޔާރުކުރަން އުޅެނިކޮށް ފޯނު ރިންގުވާންފެށިއެވެ.

"މިކާލް ޑިޕާޗާ ހޯލަށް ވަންތަން ދެންމެ ފެނުނީ. މިފަހަރުވެސް ލަންޑަނަށްތަ ފުރަނީ......... " ސަޖަލްއެހިއެވެ." އަހަރެންވެސް ފްރެންޑެއް ފުރުވަން އެއާޕޯޓަށް އައިސް މިހިރީ....."

"ޔަގީންތަ؟ މިކާލް މިގަޑީގައި ވާނީ މިސްކިތުގައި.." ހަޔާތީ ޔަގީންނުވާ ގޮތަކަށް ބުނެލައިފިއެވެ.

ދެވަނަ ސިކުންތުކޮޅުގައި ސަޖަލް ފޮނުވި ވައިބާ ފޮޓޯއިން ހަޔާތީގެ ހިތަށް އެރިފަދަ ލޮޅުމެއް ދުވަހަކު ނާރައެވެ. އެހުރިގޮތަށް ހުރެ ދުއްވައިގަނެވުނީ މިކާލް ފުރުމުގެ ކުރިން ހުއްޓުވާށެވެ. ވަށައިގެންވާ މީސްތަކުންގެ ނަޒަރު ހުއްޓެމުން ދިޔަ ނަމަވެސް ހޭވެރިކަމެއް ނެތެވެ. ލައިގެން ހުރެވުނު ހެދުމާއިމެދު ވެސް އޭނަ ވިސްނައެއްނުލިއެވެ. ހިތުގައިވަނީ މިކާލް ހުއްޓުވުމެވެ. ނޫނީ ދުވަހެއްގެ ކޮޅުންވެސް އޭނައަށް މިކާލް ނުފެންނާނެއެވެ. ފުރަން ތައްޔާރުވި ފެރީއަކަށް އެރުނީ ހަމަ ކިރިޔާއެވެ. ދުވާލެއް ލަސްކަމުން އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވުނެވެ. ފޯނު ބަލަން ހިތަށް އެރީ ހުޅުލެއަށް ފައިބާފައެވެ.

ހުޅުމާލޭގައި ޖެއްސި ޕްރައިވެޓް ޖެޓަކުން ފައިބައިގެން އައި ޒުވާނުންތަކަށް ތަނުގައި ތިބި މީހުންގެ ސަމާލުކަން ހުއްޓުނެވެ. ސެލެބްރިޓީއިން ހެން ހެދުން އަޅާފައި ތިބިއިރު ފޮނިގޮތެއް އެންމެންގެވެސް ހުއްޓެވެ. ސޫޓާއި އޮފް އަރާ ބޫޓުތައް އަދި އަވިއައިނުތަކުން ޝަޚުސިއްޔަތު އިތުރުކުރުވައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކުރެވެނީ ރޭބަން އަވި އައިނާއިއެކު ކަޅު ސޫޓުގައި ހުރި ޒުވާނާއެވެ. އެ ގްރޫޕް މީހުން ހަރުކޮށް ހިނގާލާފައި އައިއިރު ހަޔާތީވެސް ތެޅިފޮޅެމުންއައި ވަގުތާއި ދިމާވިއެވެ. ކަޅުސޫޓާއި ރޭބަން އަވިއައިނުއަޅައިގެން ހުރި ޒުވާނާއާއި މުޑިޖެހުމާއިއެކު އޭނަގެ ލޮލުގައިވާ އަވިއައިނު ވިއްސައިގެންގޮސްފާ ބިންމަތީގައި ޖެހުނެވެ. ނަގަން އަދި ގުދުވަނިކޮށް ހަޔާތީ އަރައިގެން ހުރި ފައިވާނުގެ ޝިކާރައަކަށްވިއެވެ. އެޒުވާނާއަށް ނޭގުމުގެ ތެރޭ އަތްލެވުނީ އަރާ ހަމަވި ހަޔާތީގެ ފައިގައެވެ. ބިޗުލެއް ކަށިޖެހުމުން ވާހެން ފުންމައިގެން ފަހަތަށް ޖެހިފާ ކަޅިއަޅައިލީ އޭނަގެ ގައިގާ ބީހުމުން އެކަމާއި ރުޅިންކަން ނޭގެއެވެ.

"ގެޓް ޔޯ ހޭންޑްސް އޮފް މީ މިސްޓަރ......." ހަޔާތީ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ހިތާމަތައް ރުޅިވެރިކަމުގެ ސިފަ ޚިޔާރުކުރިއެވެ. ލަސްވެގެން ދާއިރެއްގައި އަދި މިފަދަ ހާދިސާއެއް ހިނގުމުން ރުޅިގަދަވީ މާ ވަރަށެވެ. އަމިއްލަ ސިކުނޑިއަކަށް ބާރެއް ނުފޯރުވުނެވެ. މޮޅިވެރިކަމާއި ހިތާމަތައް ވަށާލާ އޭނަގެ ޖިސްމު ހަފުސްވެގެންދަނީއެވެ. އެ ޒުވާނާގެ ސީރިޔަސް ނަޒަރު އެ އަންހެންކުއްޖާއަށް ހުއްޓުނެވެ. ދެމީހުންގެ ނަޒަރު ފަޅި ސިކުންތުކޮޅަކަށް ބައްދަލުވުމާއިއެކު ހަޔާތީއަށް މި ޒުވާނާއާއިމެދު ދެކެވުނީ ފޮނި ތިމާއަށް ތިމާ ފެނިފާ ހުރި ފިރިހެނެއްކަމުގައެވެ. ހޮލީވުޑް މޮޑެލްއެއް ނޫންކަމެއްވެސް ނޭގެއެވެ. ބޮޑީގާޑުންގެ ފައުޖެއް ގޮވައިގެން އައުމުން މީހާއަކީ ފިސާރި މަޝްހޫރު މީހެއްކަން ދެނެގަނެވުނެވެ. ނަމަވެސް މިވަގުތު އޭނަ ހުރީ އެ މީހާއާއި ޖަދަލުކުރާކަށް ނޫނެވެ.

އެ ޒުވާނާއަށް ހަޔާތީއާއިމެދު ދެކެވުނީ ނާތަހުޒީބު ކަޓު ކުއްޖެއްގެ ގޮތުގައެވެ. އެއްވެސް ވައްޓަފާޅިއެއް ނެތް ގޮތަކަށް ހެދުން އަޅާފައެވެ. ކުލަތައް އެއްވެސް ވަރަކަށް ނުގުޅުވާ ހެދުން ލައިގެން ހުރިއިރު ނަމާދު ދޮޅިއެއްފަދަ ބުރުގާއެކެވެ.

"އެސައިލަމް އަކުން ނިކުމެގެން އައި މޮޔަ ކުއްޖެއްކަން ނޭގޭ. ނޫނީ އޭލިއަންއެއް ނޫންކަމެއްވެސް ނޭގޭ. ސޮރީ އޭ ބުނެލާކަށްވެސް ނޭގުނު.."

ކާޒިމްގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރާ ޖިބްރީލް މަލާމާތުގެ ރާގަކަށް ކިޔައިލިއެވެ.

ކޫރުން ނޭޅުނަސް ޗަކަ ހޭކިފައިވާ އަވިއައިނު ބިންމަތިން ނަގަން ގުދުވި ޒުވާނާ ހަޔާތީއަށް ދެވަނަ ނަޒަރެއްދިނީ ކޮންމެވެސް ވަރަކަށް ލޯ ކުޑަކޮށްލަމުންނެވެ. ދަންނަ ފާޑެއް އެ މޫނުމަތިން ޖެހިއެވެ. ސިކުނޑީގެ ކަނެއްގައި ކޮށްޓައިލިއެވެ. އެއާއިއެކު މާޒީގެ ދޮރާށިން އެތެރެއަށް ވަދެވުނެވެ. ހުރިހާ މަންޒަރުތަކެއް ފިލްމެއްގެ މަންޒަރުހެން ލޯ މަތިން ސިފަވުމާއިއެކު ތުންފަތްމައްޗަށް ނުސިޔާނު ހިނިތުންވުމެއްވެރިވިއެވެ. މަލޭގައި ފުރަތަމަ ފަހަރަށް ފައި ބީއްސާލުމާއިއެކު މި އެރުނީ ހަމަ އެ އަންހެންކުއްޖާގެ ކުރިމައްޗަށެވެ.

ބޮޑީގާޑަކު ކުރިއަށް ޖެހިލާފައި ހަޔާތީ އެއްފަރާތްކޮށްލަން މަޑުމަޑުން ކޮށްޕައިލީ މިފަދަ ތަނެއްގައި އެމީހުންގެ ވެރިޔާގެ ގަދަރަށް އުނިކަން އަންނަފަދަ ގޮތަކަށް އެކުއްޖާގެ އަމަލުތައް ހުރިކަމަށް ފާހަގަކުރެވިއެވެ. ހިކިކަމުން ވިއްސައިގެން ދިޔަގޮތަށް ހަށިގަނޑު ބެލެންސްކޮށްލެވުނީ ހަމަ ކިރިޔާއެވެ.

"އިޑިއަޓް..." ހަޔާތީ ދަތްތަކަށް ބާރުލާފައި ކިޔައިލިއެވެ.

ނަމަވެސް އޭނަ ކީ އެއްޗެއް އަޑު އަހަން މަޑުކޮށްލުމެއް ނެތި ހުރިހާ ޒުވާނުން އެ ހަރު ހިގުމުގައިގޮސް ލޯންޗަށް އެރިއެވެ. އޭރު ހަޔާތީ އެއްފަރާތުގައި ހުއްޓިލައިގެން ފޯނަށް ބަލަހައްޓައިގެން ހުރިއިރު ދުނިޔޭގެ ހުރިހާ މޮޅިވެރިކަމާއި ހިތާމައެއް އެމޫނަށް ޖަމާވެފައިވާފަދައެވެ. ދެންމެ ހިނގި ހާދިސާއާއިމެދު ވިސްނޭވަރަށް ވުރެ ބޮޑަށް އޭނަގެ ޚިޔާލުތައް ގުޅިފައިވަނީ މިކާލްއާއެވެ. ދެންމެ ދިމާވީ ކިހާ ވަރުގަދަ ޝަޚުސިއްޔަތަކާއި ކަމެއް އޭރު ހަޔާތީއަކަށް ރޭކާ ނުލައެވެ. ޔާތީ ފޯނު ޗެކްކޮށްލިއިރު ތޭރަވަރަކަށް ފަހަރު މިކާލް ގުޅާފައި ހުއްޓެވެ. މިކާލްގެ މެސެޖެއްވެސް އިނެވެ.

"ޑިއަރ ހަޔާތީ މައި ލައިފް. ދިސް ޝުޑް ބީ އެ ސިކްރެޓް. ސަމްތިން ކޭމް އަޕް އާޖެންޓްލީ އައި ހެޑް ޓު ލީވް. ޓޭކް ކެއާ އޮފް މޮމް އެންޑް ޑޭޑް ޕްލީޒް. ދެރަނުވާތި. އައި ވިލް ބީ ސޭފް ގޯޑް ވިލިންގް. ވެއިޓް ފޯ މީ އައިލް ބީ ރައިޓް ދެއާ ވިތް ޔޫ ސޫން އިންޝާﷲ. ކޮޓްން ކެންޑީ ވިލް ކީޕް ޔޫ ކޮމްޕެނީ އަންޓިލް އައި ރިޓާން. ވެއިޓް ފޯ މީ....ލަވް ޔޫ. ލަވް ޔޫ މަޗް ހަޔާތީ........ޔޯސް އޮންލީ މިކާ...." އަވަސް އަރުވާލާފައި ކޮށްފައި ހުރި ކުރު މެސެޖްތަކެވެ.

އެމެސެޖް ކިޔާފައި ފުލުހުންނަށް ގުޅަން ކުރި ޚިޔާލު ފެނަށް ވިއެވެ. މިކާލް ހުއްޓުވައިފިއްޔާ އެދޭތެރޭގައި އޮތްހާ ގުޅުމެއް ކެނޑިދާނެކަމުގެ ބިރު ހީވިއެވެ. މިކާލް އެދަނީ ކޮންތާކަށްހެއްޔެވެ؟ އެހާ ތެޅިގެން މީހަކު ދާންޖެހޭވަރު ކަމެއް އޮންނާނެހެއްޔެވެ؟ މިކާލް ސިއްރުކުރަން އެދުމުން ފާޅުކޮށްލާނެ ހިތްވަރެއް ނުލިބުނެވެ. ބަރު ހިތަކާއިއެކު މިކާލްއަށް ގުޅިއެވެ. މިކާލްގެ ފޯނު އޮތީ ނިވާލާފައެވެ. އޭނަ ފުރައިފިއެވެ. ދާ ތަނެއްވެސް ނުބުނެ ފުރައިގެން ދިޔައީއެވެ. ރޮވުނުކަން އެނގުނީ ކަރުނަތައް ތިރިއަށް ދެމި ތިކިތަޅަން ފެށުމުންނެވެ. ކިތަންމެ މީހެއްގެ ނަޒަރުގައި އޭނަ އަޅައިގަންނާނެކަން ޔަގީނެވެ. އިނގިލިތަކުން ކަރުނަތައް ފުހުނު ވަރަކަށް ތާޒާ ކަރުނަތައް ބޮނޑިވާލެއް އަވަސްވިއެވެ.

އިތުރަށް އެއާޕޯޓުގައި މަޑުކުރުމުގެ މާނައެއް ނެތްކަން އެނގި ހަޔާތީ މާލެއަށް ދާން ގަސްތުކުރިއެވެ. ފެރީއިން ފައިބައިގެން ކާރެއްނަގަން އުޅެ އުޅެ ކާރެއް ލިބޭނެގޮތެއް ނުވިއެވެ. ލައިގެން ހުރި ހެދުމާއިމެދު ވިސްނި ލަދުގަންނާން ފެށިއެވެ. މީހުން މިހާވަރަށް ބަލަނީ ކީއްވެކަން އެނގުނެވެ. އެހެންދުވަހުވެސް މީހުންބަލައެވެ. މިނަޒަރަކުން ނޫނެވެ. އޭނަ ލައިގެން ހުރި ހެދުން އެއްވެސް މުނާސަބާއަކާއި ހަމަ ނުގުޅެނީއެވެ. ކޮންމެގޮތެއްވިޔަސް ކާރެއް ނުލިބޭނެކަން އެނގުމުން ހިގައިގަނެވުނީ ގެއާއި ދިމާލަށެވެ. ގެއަށް ވަންއިރު ގޭތެރެ ފަޅުކަމުން އަޑެއް ބަޑެއްނީވެއެވެ. ކޮޓަރިއަށް ވަންގޮތަށް އެނދަށް އުއްޑުން ވެއްޓިގަނެފާ ސަޖަލްއަށް ގުޅިއެވެ. މިކާލް ފުރި ވާހަކަދެއްކިއިރު ހިތަށް ކެތްނުވެގެން ލޮލުގެ ކޮޅުން ފައިބަމުން ދިޔަ ކަރުނަތައް ބާލީހަށް ވަނެވެ.

"އާޖެންޓް ކަމަކު މިކާލް ފުރީ. އަސްލު ރޭގައި އޮފީހުގައި އިންދާ ނިދުނުގޮތަށް ސަތޭކަވަރަކަށް ފަހަރު މިކާ ގުޅާފައި އިނޭ. ނިދާފައި ހޭލިގޮތަށް އަދި ހުޅުލެއަށް ދިޔަ ފަހުން މިކާ ފޮނުވި މެސެޖް މަށަށް ފެނުނީ. އާޖެންޓް ބިޒިނަސް ޓްރިޕެއްގައި ފުރަން ޖެހުނީކަމަށްވަނީ. އައިމް ޑޭމް ޓަޔަޑް ޓުޑޭ. ޝޭންވެސް ސައި ނުބޮއި އޮފީހަށް ގޮއްސި. ސައި ދެއްޗޭ އިނގޭ........" ހަޔާތީ ދެން ގުޅީ ކޮއްކޮ އިޝްކަން ހުރިތަނެއް ބަލައިލުމަށެވެ. އިޝްކަން ބުނީ ދޮންތަ ގެ ޚަބަރެއް ނުވުމުން އޭނަ އެޗްއެމް އޮފީހަށް ދިޔައީކަމުގައެވެ. ކޮފީއެއް ބޯލާނެކަމުގައެވެ. ހަޔާތީ ކަރުނަތައް ހިފަހައްޓަމުން މިކާލް ފުރައިގެން ދިޔަ ވާހަކަ ބުނެލިއެވެ. ހަފްތާއެއްގެ ތެރޭ އަންނާނެ ވާހަކަ ބުނެފައި އޭނަ ފޯނު ކަނޑާލައިފިއެވެ. ކައިވެންޏަށްފަހު ދެފަހަރު މިކާލް ފުރިއެވެ. ހިތަކަށް މިހާ ބޮޑު އަސަރެއް ނުކުރެއެވެ. މިވަރަށް ނުރޮވެއެވެ. މިފަހަރު މިފަދަގޮތަކަށް ހިތްދަތިވަނީ މިކާލް އޭނައަށް ގުޅަން އުޅެ އުޅެ ނުގުޅިގެން ބައްދަލުނުކުރެވި ފުރައިގެން ދިޔައީމަ ހެއްޔެވެ؟

އިރުކޮޅެއްވާންދެން ޚިޔާލުތަކުގެ ތެރޭ އޮތުމަށްފަހު ތެދުވުނެވެ. މިކާލް އެދާ މަންޒިލަކަށް ދިޔުމުން މެސެޖްކުރާނެ ނޫންހެއްޔެވެ. މަންމަމެންނާއި އަޅާލާށޭ އޮތުމުން ހާލު ބަލައިލަން ޖެހޭނެއެވެ. މިކާލް މަންމަގެ އަނގައިގާ ލައްވާ ކާންދީ ފުނާ އަޅުވާ އަދި ގަވާއިދުން ބޭސްކާންދީ ހެދިއެވެ. މިކާލް އަންނަންދެން އޭނަ މަންމަގެ ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެއެވެ. މިކާލް ނެތްކަމުގެ އުނިކަން އިހުސާސްވިޔަކަ ނުދޭނެއެވެ. ބުޅާދެކެ ރުޅިއަންނަ ކުއްޖަކަށްވިޔަސް މިކާލްއަށްޓަކާ ކަފަލޮލީއާއި އަޅާލާނެއެވެ. މިކާލްއަށްޓަކާ ހިތުގައިވާ ލޯބީގެ މިންވަރު އިހުސާސްކުރެވުނީ ދުރަށް ދިޔައީމައެވެ. ދޭތެރެއަކުން ލޮލަށް ކަރުނަ ޖަމާވަނީ އެ ހަދާންތައް އާވެފައެވެ. އޭނަ ފެންވަރާލައިގެން ތާޒާވެލުމަށްފަހު ނުކުތެވެ. މަންމައާއި ބައްޕަ ދިރި އުޅޭ ކޮޓަރީގެ ދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވީ މިޝާއެވެ. އެތެރޭގައި ބައްޕައާއި މަންމަގެ އިތުރުން ހިނާވެސް އިށީދެލައިގެން ތިބިގޮތުން ހަޔާތީގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަނެވެ.

"ހަޔާ ބަލައި ދާން އުޅެނިކޮށް ތިއައީ. މިތާ އިށީދެބަލަ. ހުރިހާ ކުދިން ކައިރި ބައްޕަ ބުނަން ޖެހޭ ވާހަކައެއް އެބައޮތީމަ ތި ކުދިން ގެނައީ.........." ޔާސިރު ބުނެލިއެވެ. އެނދުގައި ހިނާ އިށީދެލައިގެން އިންތަނުން ޖާގައެއް ހުސްކޮށްލުމަށްފަހު ހިނާ އިޝާރަތްކޮށްލީ އިށީނުމަށެވެ. ޔާސިރު ވާހަކަދައްކަންފެށީ ޖިހާދާއި ބެހޭގޮތުންނެވެ. ޖިހާދު ގެ މާތްކަމާއި ބެހޭގޮތުންނެވެ. އާއިދުއަށް ލެއްވިފަދަ ރަހުމަތް ހުރިހާ ކުދިންނަށްލިބުން އެދޭ ކަމުގައެވެ.

"މިކާލް ތުރުކީއަށް ދާން ދަތުރު އެފެށީ. އިތުރު އެއްވެސް މީހަކަށް އެކަމެއް އެނގެން މިކާލް ބޭނުމެއްނުވޭ. ބައްޕަ ގާތުގައި ބުނީ މަންމައާއި އެހެން ކުދިންނަށް ހިތްވަރުދޭށޭ. މިކާލް ދިޔައީ ސަމާ ސަލާމަތްކުރަން ވެގެންނޭ ބުނީ . ސަމާ ތުރުކީވިލާތާއި ސޫރިޔާ ގުޅޭ ސަރަހައްދު ކައިރީ ހުރި އަވަށެއްގައި ވީ. ފަހުން ގެންނަން ވެގެންނޯ އާއިދު އެހެން ހެދީ. އެކަމަކު އާދު ޝަހީދުވީމަ ސަމާ ހަދާނެގޮތް ހުސްވެ މާބޮޑަށް ވިސްނީއޯ. މާ ގިނައިން ރޮއި ހިތާމައިގާ އުޅެން ފެށުމުން އެންމެފަހުން މާ ބޮޑަށް ބަލިވެ ހާލު ދެރަވެގެން ހަސްފަތާލެއްގައި އެނދުމަތި ކުރަން ޖެހުނީ. މިކާލް ކަހަލަ ކުއްޖަކު ގޮސްގެން ނޫނީ ސަމާ ގޮވައިގެން އެނބުރި އައުމަކީ ފަސޭހަކަމަކަށް ނުވާނެ. އިރާދަކުރެއްވިއްޔާ ސަމާއަށް ދަތުރުކުރެވޭފަދަ ސިއްހަތެއް ލިބުނުހާ އަވަހަކަށް އެކުދިން އަންނާނެ." ޔާސިރުގެ ވާހަކަ އެހިސާބަށް ދިޔައިރު މިޝާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. ހިނާއަށްވެސް ރޮވޭގޮތްވިއެވެ. މުފުތިހާ ހިތްވަރުގަދަކަމުން ތުން ފިތާލައިގެން އިނީއެވެ. ހަޔާތީ ގަނޑުވެފައި އިންގޮތަށް އިސްޖަހާލައިގެން އިންއިރު ސިކުނޑީގައި ހަލަބޮލި ތޫފާނެއް އުފެދިފައިވާ ފަދައެވެ. ތުންފަތުގައި ދަތް އަޅާލައިގެން އިންއިރު ހިމޭން ކަރުނަތަކުން ހިތް ގެނބެމުން ދިޔައެވެ. ބައްޕަ ދައްކަން އުޅޭ ވާހަކަ މިކާލް އާއި ނުގުޅި ނީންނާނެކަން އޭނައަށް ޔަގީންވިއެވެ. އޭނަގެ ޝައްކުތައް އެންމެފަހުން ހަގީގަތަށްވީއެވެ. މިކާލް ދިޔައީ ސީރިޔާއަށެވެ. ޖިހާދަށެވެ. ކޮއްކޮ ސަލާމަތްކުރުމުގެ ނަމުގައެވެ.

"ކުރިމަތިވާ ކޮންމެ އުދަގުލަކީ ހިތާމައަކީ އިމްތިހާނެއް. މާތް އަޅުތަކުން އިމްތިހާން ކުރައްވާނީ އެކިގޮތްގޮތަށް. ލޯބިވާ ދެދަރިން ވަކިވެގެން ދިޔުމަކީ ވޭނެއް. ހިތުގައި އަޅާ ވޭނަށް ކެތްކުރުންނޫންގޮތެއް ނެތް. މިކާލް އުފަންވި ދުވަކު އެ ލިބުނުފަދަ އުފާ ދުވަހަކު ލިބުނުކަމެއްނޭގޭ. ލޮލުގެ ނޫރުފަދަ މިކާލް އަދި ދަރިފުޅު ސަމާއާއި ފިރިމީހާ ވަކިވުމުންވެސް އެހާ ހިތާމަކޮށްފިން ނަމަވެސް މާތް ﷲއަށް ވަކީލުކޮށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރުން އޮތީ.

"ތިކުދިންވެސް ރޯންވީކީ ނޫން. ދުޢާކުރަންވީ. ހަގުރާމައިގެ ބިމުން މިކާލްއާއި ސަމާ ސަލާމަތުން ރާއްޖެ އައުމަށް އެދި ދުޢާކުރުން ނޫން އެއްވެސް ގޮތެއް ފެންނާކަށް ނެތް. މިކާލް ކޮއްކޮއަށްޓަކާ ގުރުބާންވެދާނެ. ކޮއްކޮ ރައްކާތެރިކުރުމަކީ އޭނަގެ ޒިންމާއެއްކަމުގައި މިކާލް ދެކެނީ. މާތް ﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ....." ޔާސިރު ވާހަކަ ނިންމާލަމުން ބުނެލިއެވެ.

މިކާލް އެންމެނަށް ދޭން ބޭނުންވި މެސެޖަކީ އޭނަ ސީރިޔާއަށް ދިޔަކަން ސިއްރުކުރުމެވެ.

ސަމާ ހޯދައިގެން އަނބުރާ އަންނާނެ ކަމުގައެވެ.

އޭނަ މިކާލްއަށް އިތުބާރުކުރާނެއެވެ. އެނބުރި އަންނާނެކަމުގެ އުއްމީދު ގެއްލުވައެއް ނުލާނެއެވެ. ސީރިޔާއަށް ގޮސްފައި އަނބުރާ ރާއްޖެ އަންނަ ޒުވާނުގެ އަދަދު މަދެއްނޫނެވެ. މިކާލްގެ މެސެޖްގައިވާފަދައިން އޭނަ އިންތިޒާރުކުރާނެއެވެ. މުފުތިހާ ގިނައިރު އިނީ ނެގިމަޑުވެފައެވެ. ޝޮކުން އަރައިނުގަނެވިފައެވެ. ނަމަވެސް އޭނަ ކާންދީފައި ބޭސް ދިނުމުން ދެކޮޅުހެދުމެއް ނެތި ކައިގެން ބޭސްކެއެވެ. ބޭރަށް ނުނިކުމެ ދުވާލު ހަތަރުދަން ހޭދަކުރީ ކޮޓަރީގައެވެ. ހަޔާތީ ބަލައިލާ ކޮންމެ ވަގުތަކު މުފުތިހާ ފެންނަނީ މުސައްލާ މަތީގައި އިންދައެވެ. ދަރިން ސަލާމަތުން އެނބުރި އައުމަށް އެދި ދުޢާކުރަނީކަމަށް ވެދާނެއެވެ.

ހަޔާތީ މަޣުރިބުނަމާދު ކުރުމަށްފަހު ބޭރަށް ނުކުތްތަނާ މުޅި ގެއިން ކަރަންޓު ކެނޑި އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. ކަށްވަޅުފަދަ ހިމޭންކަމެއް ވެރިވިއެވެ. ޔާސިރުއާއި މުފުތިހާގެ ކޮޓަރިންވެސް ފޯނުގެ ފަނޑު އަލިކަމެއް ފެނުނުހެން ހީވިއެވެ. ހަޔާތީ އަލިފާންފޮށްޓެއް ނަގާ އުއްބައްތިއެއް ރޯކޮށްލުމާއެކުވެސް މިކާލްގެ ހަނދާންތައް ހިތުތެރޭ އާވިވަރުން ލޮލުން ކަރުނަ ހިލުނެވެ. "މެޗްސްޓިކްގާލް "އޭ ކިޔާ ސަމާސާކޮށްލާން ގާތުގައި ހުރިނަމައެވެ.

"އަވަހަށް އާދޭ މިކާ. މިކާއާއި ނުލާ ކިހިނެއް އުފަލެއް ލިބޭނީ؟ ހާދަ ބޮޑަށް ހަދާން އެބަވޭ. މިވަރަށް ދުވަހަކުވެސް ހަދާނެއްނުވޭ. ކީއްވެ މިވަރަށް ހަދާންތައް އާވަނީ ކީއްވެ މިކާ.ކޮންތާކު ތިހިރީ. އަދިވެސް ފޯނު ނިއްވާލާފައި. ދެރަކޮށްލަން އުޅެނީ ކީއްވެ. އެނގޭނެއްނު ދެރަވާނެވަރު. ފިކުރުކުރާނެވަރު. މިކާއަށް ގެއްލުމެއް ވެދާނެތީ ބިރުގަންނާނެވަރު.........." ހަޔާތީ ހިތާހިތުން ކިޔައިލަމުން އިނގިލިން ކޯތާފަތް ފޮހެލައިފިއެވެ. އޭނަ މިހާ ފިނޑި އަންހެންކުއްޖަކަށްވީ ކޮންއިރަކު ހެއްޔެވެ؟ އޭނައަކީ ހިތްވަރުގަދަ އަންހެނެއް ނޫންހެއްޔެވެ. އިރާދަކުރެއްވިއްޔާ މިކާލް ސަލާމަތުން އެނބުރި އަންނާނެއެވެ. ނަމާދުކޮށްގެން އޭނަ ދުޢާކުރީވެސް މިކާލްއަށްޓަކައެވެ. އުއްބައްތިތައް ގެންގޮސް ޔާސިރުއާއި މުފުތިހާގެ ކޮޓަރީގައައި އެހެން ތަންތަނުގައި ބެހެއްޓުމާއެކު ގޭތެރެއަށް ވެރިވެފައިވާ ގަދަ އަނދިރިކަމުގެ މައްޗަށް އަލިކަން ކުރިހޯދައިފިއެވެ. ކަރަންޓުނެތުމުން އަތްފައި ބިނދުމެކޭ މާ ބޮޑުތަފާތެއް ނެތެވެ. ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާލެއް ބޮޑުކަމުން ކަރަންޓު ނެތުމަށްފަހު ކުރާނެ އެއްވެސް ކަމެއް ނުފެނުނެވެ. ނުވީތާކަށް ކައްކަނީ ކަރަންޓުންނެވެ. އޭނައަށް ފަސޭހަކޮށްދޭން މިކާލް ގެނެސްދިން ކަރަންޓު އުދުނެވެ. ކިހާ އަޅާލާ ލޯބިވެތި ފިރިއެއްހެއްޔެވެ.

ދިހަދުވަސް ފާއިތުވެގެން ދިޔައިރު މިކާލްގެ އެއްވެސް ޚަބަރެއް ނުލިބުމުން އާއިލާގެ އެންމެންހެން ފިކުރުބޮޑުވިއެވެ. ވަޒީފާއަށް ގޮސްފައި އަންނަގޮތަށް އެންމެން އެއްތަންވެ ޚިޔާލު ބަދަލުކޮށްލެވެނީ މިކާލް އަންނާނެ އިރަކާއިބެހޭގޮތުންނެވެ. ބޭރު ގައުމަކަށްދިޔަސް މިކާލްގެ ޚަބަރެއްނުވެ މިހާ ދުވަހެއްނުވެއެވެ. ނަމަވެސް އެގޮތަށް ހަގުރާމައަށްދާ ދިވެހިންނަށް ގެއްލުމެއް ވިޔަސް އާއިލާއަށް އަންގާތީ މިކާލްއާއި ސަމާ ހެޔޮހާލުގައި ތިބިކަމުގެ އުއްމީދު ގެއްލުވައެއްނުލައެވެ. ހަޔާތީ އަތުން ފޯނު ވީއްލުވާނުލާ އަބަދުހެން ފޯނަށް ބެލެނީ މިކާލް ވައިބާ ކޮށްލާނެކަމަށެވެ. މެސެޖެއް ފޮނުވާނެކަމުގެ އުއްމީދުގައެވެ.

ހަޔާތީއާއި ސަޖަލް އެޗްއެމް އޮފީހުގެ ކެބިންގައި ވާހަކަދައްކާލަން ތިބިއިރު ދެކުދިންގެ މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ. ސަޖަލް ވަރަށް ރޮއިފާ ހުރިކަން އޭނަގެ ރަތްވެފައިވާ ލޮލުން ހާމަކުރެއެވެ.

"ހަޔާ. ސުފްޔާންއަކީ މަންމަގެ ހުރި ހަމައެކަނި ފިރިހެންދަރި. ހަތަރު އަންހެންކުދިން ލިބުމަށްފަހު ސުފްޔާން ލިބުމުން މަންމަ ވަރަށް ޚާއްސަކޮށްގެން އުޅުނީ. ކުރީ ދުވަހު އެނގުނީ އަދި އިޝްކަންއާއި ޔާން އެކުވެރިކަން. ކޮލެޖްގައި އެއްކޮށްކަން ކިޔަވަނީ. އެހާ މަޖާކޮށް އުޅެމުންގޮސް ފަހުން ފަހަށް ގޮސް ތަންކޮޅެއް ގިނައިން ބޭރުގައި އުޅެންފެށި. ގެއަށް އަޔަސް އަބަދު އިންނާނީ އައިއެސް މީހުންގެ އެރެބިކް ލަވައެއް ޖަހާލައިގެން. އެއްދުވަހެއްގައި އަހަރެން ކައިރީ އައިއެސް މީހުންނަށް ތާއީދުކޮށް ވާހަކަދެއްކި. ބުނި އެމީހުން އެންކްރިޕްޓެޑް މެސެޖްތައް ކުރާތީ އެހާ ފަސޭހައިން އެމީހުންގެ މުއާމަލާތްތައް ނުހޯދޭނެއޭ. އެމީހުން އަދި ވަކި ލެންގުއޭޖެއްވެސް ގެންގުޅެއޭ. އައިއެސް ވިލް ރޫލް ދަ ވޯލްޑްއޭ. ޚަލީފާކަމޭ އޮންނަން ޖެހޭނީ. ޑިމޮކްރެސީ ސަކްސްއޭ. ދެން އޭރުވެސް ހިތަކަށް ނާރާ ސުފްޔާން ސީރިއާއަށް ހިގައިދާނެއޭ. ހީޒް ސޯ ޔަންގް. އެންޑް މުޅި ލައިފް ކުރިއަށް އޮތީ. ވީކެއް ކުރިން ކޮއްކޮ މެލޭއަށް ދިޔައީ ޗުއްޓީއަކަށޭ ކިޔާފައި. އެއްވެސް މީހެއްގެ ކައިރީ ނުބުނެ އެންމެފަހުން އެދިޔައީ. އިއްޔެ ކޮއްކޮ ސީރިޔާއަށް ގޮސްފައި މަންމައަށް ގުޅީ. މަންމަ ދެރަނުވާށޭ ސުވަރުގެއިންނޭ ދެން ބައްދަލުވާނީ. މަންމަ ހިތް ހަލާކުވެފައި. ވަރަށް ސްޓްރޯންގް ވާނެ އެކަމަކު މަންމަ އަދިވެސް ރުއިން ހުއްޓައެއްނުލެވޭ......"ސަޖަލް ރޮމުން ހަޔާތީގެ ގައިގާ ބައްދައިލިއެވެ.

"ބީ ސްޓްރޯންގް ލަވް. އިރާދަކުރެއްވިއްޔާ ޔާން އެނބުރި އަންނާނެ.." ހަޔާތީ ބުނެލިއެވެ. އޭނަ ސަޖަލްއަށް ސިއްރުކުރީ މިކާލްވެސް ހުރީ އެސަރަހައްދުގައި ކަމެވެ. ސުފްޔާން ގުޅާފައި މަންމަމެންނާއި ވާހަކަދެއްކިގޮތަށް މިކާލް ގުޅިނަމަ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބިއްޖައީސްކަން ނޭގެއެވެ.

ހަޔާތީގެ ހިތުގައި ބިރުވެރިކަން ވަށައިލީ އިޝްކަންއާއި ސުފްޔާންގެ އޮތް ގުޅުން އެނގިފައެވެ. އިޝްކަންގެ އުޅުމާއި މިޒާޖަށް އައި ބަދަލާއި އިސްލާމިކް ސްޓޭޓަށް އޮތް ޝައުގު ގުޅިފައިވަނީ އެކުވެރި ސުފްޔާންއާއެވެ. އިޝްކަންގެ ޓްވީޓްތަކުން ސިޔާސީ ކުލައަށްވުރެ ދީނީ ކުލަ ޖެހެންފެށީ ސުފްޔާންއާއި އޮތް ގާތްކަމުގެ ސަބަބުންނެވެ. ސުފްޔާން ފުރީ ކޮންތާކަށްކަން އިޝްކަންއަށް އެނގޭނެކަމާއިމެދު ހަޔާތީ ޝައްކެއްނުކުރެއެވެ. ސުފްޔާން ސީރިޔާއަށް އެތެރެވެ އައިއެސްއާއި ގުޅުނުކަން އެނގޭކަމަށް ހަޔާތީގާތު ބުނި ނަމަވެސް އިޝްކަން އެދުނީ އެހެންމީހުނަށް އެކަން ސިއްރުކުރުމަށެވެ. ހަޔާތީއަށް ލިބުނީ ޝޮކެކެވެ. ކޮއްކޮގެ ސިކުނޑިވެސް ހަމަ އެހާ ފަސޭހައިން ދޮވެލީހެއްޔެވެ. އިޝްކަން ބުނީ އޭނަ ޖިހާދަށްދާން ޚިޔާލު ނުކުރާކަމަށެވެ. އެހާ އީމާންތެރިކަން ވަރުގަދަ ނުވާކަމުގައެވެ ނަމަވެސް ސުފްޔާންމެންގެ ސަބަބުން އަގީދާ ވަރުގަދަވެއްޖެ ކަމަށާއި ތައުހީދުގެ ދަރުސްތައް އަޑުއަހަން ހަޔާތީގާތު އެދުނެވެ. ކޮއްކޮ ހައްދު ފަހަނަޅާ ދާންފެށުމުން އެކަން ބަދަލުކުރަން ކުރަންވީ ކަމަކާއިމެދު އޭނަ ވިސްނިއެވެ. ފިލައިގެން ދިޔަނުދޭން އިޝްކަންގެ ޕާސްޕޯޓު ފޮރުވިއެވެ.

ހަޔާތީ ޑައިރީގައި ލިޔަން އިދެފައި ސައިޑް ކަބަޑުގެ މަތީ ޑައިރީ ބާއްވަން އުޅުނެވެ. ބޭއްވުނުގޮތަކުން އެނދާއި ފާރާއި ދޭތެރެއަށް ފޮތް ވެއްޓުމުން އަތް ލައްވަން އުޅުނެވެ. އެދޭތެރެ މާ ހަނީއެވެ. އިޝްކަން އަށް ގުޅައިގެން ގެނެސް އެނދު ދުރުކޮށްލާފައި ޑައިރީ ނަގަން ހަޔާތީ އެދުނެވެ. މުފުތިހާ މާ ބާރަކަށް ގޮވަން ފެށުމުން ޚަބަރު ބަލައިލަން ބޭރަށް ނުކުތްގޮތަށް ދިހަވަރަކަށް މިނިޓްވިއެވެ. ކޮޓަރިއަށް ވަންއިރު އިޝްކަން ފެންނާކަށް ނެތެވެ.

ހަޔާތީ ގުޅިއެވެ.

"ޝޭން ދިޔައީތަ؟ "

"ޔަޕް. އެނދު ބަރުކަމުން މައުންޓެއިންއެކޭ އެއްވަރު. ގުޑާލަން ޖިންނި އެއް ގެންނަން ޖެހޭނީ. އިންސާނަކާ ކުޅަދާނައެއް ނޫން.... ދެން ކިހިނެއް ދޮންތަ ޑައިރީ ނަގާނީ. ސޮރީ....." އިޝްކަން މާފަށް އެދުނެވެ.

"އިޓްސް އޯކޭ. ނުދަންނަން މަގޭ ސުޕަމޭން ކޮއްކޮ މިހާ ވީކްކަމެއް..." ހަޔާތީ ކަރު އެލުވައިލިއެވެ. މިކާލް ހުރިނަމައެވެ. މިކާލް އެއް އަތުންވެސް އެނދު ދުރުކޮށްލަފާނެއެވެ. އެ މުލައްދަނޑީގައި އެހާ ބާރުހުރެއެވެ.

ހަޔާތީ ހެދުނު ސައިބުއިގޮތަށް ނުކައި ހުރުމުގެ ސަބަބުން ވަރުބަލިވެ އަނބުރައިގަންނަ ކަހަލަ ގޮތެއްވިއެވެ. ކައްކާފައި އެހެންމީހުންނަށް ކާންދޭއިރު އޭނަ ހުންނަނީ ކާހިތް ނުވެފައެވެ. މިކާލްއާއިމެދު ޚިޔާލުކުރެވޭވަރުން ދިރިއުޅުންވަނީ ހުއްޓުމަކަށް އައިސްފައެވެ. ޔާސިރުއާއި މުފިތިހާއަށް ކާންދީފައި ރޭގަނޑު ކާންޖެހޭ ބޭސް ކާންދީފައި ހަޔާތީ ތަށިބަރި ހިފައިގެން އިޝްކަން ދިރިއުޅޭ އެޕާޓްމެންޓަށް ދިޔައިރު އިޝްކަން އިނީ ލެޕް ހުޅުވާލައިގެންނެވެ. ހަޔާތީ މޭޒުމަތީ ތަށިތައް އަތުރާލިއެވެ. މާގިނަ އެއްޗެއް ނަހަދައެވެ. ހަމައެކަނި ފިހެފައިވާ މަހާއި ރޮށްޓެވެ.

"މިކާއާއިއެކު މަސްބާނަންގޮއްސަ ވީޑިއޯ ނެގި ވާހަކަ ބުނީމެއްނު. ދޮންތައަށް ދައްކަބަލަ.." ހަޔާތީ އެ ވީޑިއޯތައް ބަލައިލާހިތްވިއެވެ.

"ހޫމް. ސަޅިކޮށް ޑައިވްކޮށްލަން އެނގޭ.." އިޝްކަން ތައުރީފުކުރިއެވެ. މިކާލްއާއި ރަހުމަތްތެރިންގެ މޫނުތައް ފެންނާން ފެށުމުން ހަޔާތީ ޝައުގުވެރިވިއެވެ.

އެވީޑިއޯތައް ބަލައިލާފަ ހަޔާތީގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ސަބަބެއް ނެތިއެއްނޫނެވެ. ނުބެލުނުނަމައޭވެސް ހިތަށް އެރިއެވެ.

(ނުނިމޭ... )

https://sun.mv/112710

comment ކޮމެންޓް