ދަރަނިވެރި ވިޔަސް ބުރިޖް ފީ ބޮޑު ނުކުރާނަން: ޓްރާންސްޕޯޓް މިނިސްޓަރު

ސިނަމާލެ ބުރިޖުއާންމުންނަށް ދައްކާލުމުގެ ހަރަކާތްތަކުގެ ތެރެއިން: ބުރިޖުން އަދިވެސް ފީއެއް ނެގުމަށް ނިންމާފައި ނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްޕޯޓް މިނިސްޓްރީ ދަރަނިވެރިވި ކަމުގައި ވީނަމަވެސް، މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖް އިން ދަތުރުކުރާ ފަރާތްތަކުގެ އަތުން ބޮޑު ފީ އެއް ނުނަގާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ހިލޭ އެހީއާއި އަދި ލޯނު އެހީގައި ހަރަދުކޮށް ނިމިދިޔަ ސަރުކާރުން މިދިޔަ އޮގަސްޓް މަހު ހުޅުވި ސިނަމާލެ ބުރިޖުން އަދި މިހާތަނަށް ދަތުރުކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގާފައިނުވެއެވެ.

ޓްރާސްޕޯޓް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ބްރިޖުން ފީ ނަގާކަށް ވަކި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށާއި ނަމަވެސް ފީއެއް ނެގި ނަމަވެސް ނަގާނީ އަތްފޯރާ އަގުގައި ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ކަމަށެވެ.

"ބުރިޖުން ފީއެއް ނުގުމާ މެދު ވާހަކަ ދެކެވެމުން ދަނީ. އޭގެ ދެކޮޅަށް ވެސް ވާހަކަ ދެކެވޭ [ފީ ނުނެގުމަށް]. ފީއެއް ނެގިޔަސް ނަގާނީ ރައްޔިތުންނަށް ވެސް ފަސޭހަ ގޮތަކަށް، އަތްފޯރާ ފަށެއްގައި ދަތުރުކުރެވޭނެ ގޮތަކަށް،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނަހުލާ ވިދާޅުވީ، ކުއްލިއަކަށް ބޮޑު ފީއެއް ނެގުމަކީ ރައްޔިތުންނަށް ދެކޮޅު ޖެހޭނެ ކަމަކަށް ނުވާނެ ކަމަށާއި މިނިސްޓްރީ ދަރަނިވެރިވާން ޖެހުނަސް އެ މިނިސްޓްރީންް ބުރިޖް ފީ ބޮޑު ނުކުރާނެ ކަމަށެވެ.

ނަހުލާ ބުރިޖް ފީއެއް ނެގުމާ މެދު އަދި ގޮތެއް ނުނިންމާކަމަށް ނަހުލާ ވިދާޅުވި އިރު، ބްރިޖުން ފީ ނަގާނެ ނިޒާމެއް ގާއިމުކުރަން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 56 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

https://www.sun.mv/111552

މިދިޔަ ސެޕްޓޭމްބަރު މަހު ހަތް ވަނަ ދުވަހު ދަތުރުކުރުމަށް ހުޅުވާލި ސިނަމާލެ ބްރިޖުން ފީ ނެގުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު، އޭރު ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ މަސައްކަތް ކުރާނީ އާ ސަރުކާރުން ކަމަށް ބުނެފައެވެ.

comment ކޮމެންޓް