އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، ދެ ދުވަސް ތެރޭގައި އިއުލާނުކުރަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓެއް ----ސަން ފައިލް ފޮޓޯ

އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އަގުތަކުގެ ފައިނަލް ނިންމުން ދެދުވަސް ތެރޭ އިއުލާންކުރާނެކަމަށް ޓްރާސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި އެކަމަކީ ރައީސްގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހު ނިންމަން ތާވަލުކޮށްފައިވާ މަސައްކަތެކެވެ.

މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގުހެޔޮ ކުރުމުގެ މަސައްކަތުގެ 60 ޕަސަންޓް ނިމިފައިވާ ކަމަށާއި އެކަމުގައި މިނިސްޓްރީއިން ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީއާއި ސިވިލް އޭވިއޭޝަން ގުޅިގެން އަގުހެޔޮކުރުމުގެ މަސައްކަތް، [އަގުތައް] ޕްލޭންއެއް ހަދައި ވަކި ޕްލޭންއަކަށް ފައްތާފަ މިހާރުވަނީ. ޕްރޮސެސް ކުރާއިރު ހަމައެކަނި އަޅުގަނޑުމެން [ޓްރާންސްޕޯޓް މިނިސްޓްރީން] ނުނިންމާ އެކަމާ ގުޅުން ހުރި އެހެން ފަރާތްތަށް ވެސް، ހާއްސަކޮށް ރައީސް އޮފީހާވެސް މުއާމަލާތްކޮށް އެކަން ފައިނަލް ކުރަން ޖެހޭނީ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ނޫސްވެރިންނަށް މައުލޫމާރު ދެއްވަނީ -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް

ނަހުލާ ވިދާޅުވީ، އެކަމުގައި އެ މިނިސްޓްރީގެ މަސައްކަތްތައް ނިމިފައި އޮތަސް ޓިކެޓް އަގުހެޔޮ ކުރުމުގައި ގުޅުން ހުރި އެހެން މިނިސްޓްރީތަކާއި އެހެންވެސް ކުންފުނިތަކާ މަޝްވަރާ ކުރެވި އުންމީދަކީ އަދިވެސް އިތުރު ހެޔޮ ބަދަލްތަކެއް އައުން ކަމަށެވެ.

"މިހާރުވެސް އެ މަސައްކަތުގެ 60 ޕަސަންޓް ނިމިފަ އޮތީ. ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭ އެކަންތައް އިއުލާން ކުރެވޭނެ،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، އަގުތައް ކަނޑައެޅުނު ކަމުގައި ވިޔަސް އެއަގުތަކަށް އަމަލު ކުރެވެން ފެށޭނީ ދެހަފްތާ ނުވަތަ ތިން ހަފްތާ އެއްހާ ދުވަސް ފަހުން ކަމަށެވެ.

ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ޚިދުމަތް ދެނީ ދެ އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ވިލާ އެއާގެ ފްލައިމީއެވެ. އޭގެ އިތުރުން ޑޮމެސްޓިކް ޚިދުމަތް ދިނުމަށް މެންޓާ އެއާގެ ނަމުގައި އާ އެއަލައިނަކުން އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް