އަށް ގައުމަކަށް ސަފީރުން އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި

ސަފީރުންގެ ގޮތުގައި ހަމަޖައްސަން ފޮނުވި ބޭފުޅުން (ކ-ވ) މަތި: ޑރ. އަބްދުﷲ މައުސޫމް، އުމަރު އަބްދުލްރައްޒާގު، އަހްމަދު ލަތީފް، އާއިޝަތު މުހައްމަދު ދީދީ. ތިރި: ޑރ. ފަރަހަނާޒް ފައިސަލް، ތިލްމީޒާ ހުސައިން، ހަސަން ސޯބިރު، ވިސާމް އަލީ

ދިވެހިރާއްޖެއިން އަށް ގައުމަކާއި ވިލާތުގެ އިއްތިހާދު އަދި އދއަށް ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި އަށް ބޭފުޅުންގެ ނަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީން އަށް ބޭފުޅުންނަށް ރުހުން ދިނުމަށް ނިންމި އިރު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އެ މައްސަލައިގައި ވޯޓު ނަގާފައެވެ.

ސަފީރުންގެ ގޮތުގައި އައްޔަނުކުރައްވާ ބޭފުޅުން:

  • ބެލްޖިއަމް އަދި އީޔޫއަށް ކަނޑައަޅާ ސަފީރުކަމަށް ހަސަން ސޯބިރު. ސޯބިރަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަމާއި ޓޫރިޒަމް މިނިސްޓަރުކަމުގެ އިތުރުން އިނގިރޭސިވިލާތާއި ސިންގަޕޫރާއި އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރުކަންވެސް ކުރެއްވި ބޭފުޅެއް.
  • އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމަށް އާއިޝަތު މުހައްމަދު ދީދީ. އާއިޝަތު މުޙައްމަދު ދީދީއަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ބޭކަނބަލެއް.
  • ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ޑރ. އަބްދުﷲ މައުސޫމް. ޑރ. މައުސޫމަކީ ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެއް. އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު.
  • ޖަރުމަނު ސަފީރުކަމަށް އަހްމަދު ލަތީފް (ސީވީޑް ލަތީފް). ލަތީފަކީ ޚާރިޖީ ދާއިރާގައި މީގެ ކުރިން ހިދުމަތްކުރެއްވި ބޭފުޅެއް. އަދި މީގެ ކުރިން އިންޑިއާއާއި ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަން ލަތީފް ކުރެއްވި.
  • އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޑރ. ފަރަހަނާޒް ފައިސަލް. ޑރ. ފަރަހަނާޒް ވަނީ މީގެ ކުރިންވެސް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ކުރައްވާފައި. އަދި ވިލާތުގެ ގިނަ ގައުމުތަކަކަށް ރާއްޖޭގެ ނޮން-ރެޒިޑެންޓް ސަފީރުކަން ކުރެއްވި.
  • އެމެރިކާއާއި އދ.އަށް ކަނޑައަޅާ ސަފީރުކަމަށް ތިލްމީޒާ ހުސައިން. ތިލްމީޒާއަކީ މީގެ ކުރިން އެމެރިކާއާއި އދއަށް ރާއްޖެއިން ކަނޑައަޅަފައި ހުންނަ މިޝަނުގެ ޑެޕިއުޓީ އެމްބެސެޑަރުކަން ކުރައްވާފައިވާ ބޭކަނބަލެއް. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި.
  • މެލޭޝިއާއަށް ކަނޑައަޅާ ސަފީރުކަމަށް ވިސާމް އަލީ. ވިސާމްއަކީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ ކުރީގެ މެމްބަރު. އަދި ކުރީގެ އެޓޯލްސް މިނިސްޓްރީގައިވެސް މަސައްކަތް ކުރެއްވި.
  • ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމަށް އުމަރު އަބްދުއްރައްޒާގު. އުމަރަކީ އިދިކޮޅު ކޯލިޝަނުގެ ޖޮއިންޓް ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރެއް. އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރެއް.

އަށް ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅަކަށް މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ހުށަހެޅި އުމަރު އަބްދުއްރައްޒާގަށް ރުހުން ލިބިވަޑައިގަތީ 57 ވޯޓުގެ ތެރެއިން 55 ވޯޓާއެކުއެވެ. އެ ވޯޓުގައި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވިއެވެ.

އަށް ގައުމަކަށާއި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރުކަމާއި އދ.އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމަށް މަޖިލީހުން މިއަދު ރުހުން ދިން އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އިތުރު ތިން ގައުމަކަށްވެސް ސަފީރުން އައްޔަނުކުރުމަށްޓަކައި މަޖިލީހުން ގޮތެއް ނިންމެވުމަށް އެދިވަޑައިގެންފައެވެ.

އެއީ ސައުދީ އަރަބިއްޔާއަށް އައްޔަނުކުރާ ސަފީރަކަށް ގ. އުތުރުގެއާގެ މުހައްމަދު ޚަލީލް، ތައިލެންޑަށް އައްޔަނުކުރާ ސަފީރަކަށް މއ. ތިބުރޯޒުގެ މުހައްމަދު ޖިނާހު، އަދި ޗައިނާއަށް އައްޔަނުކުރާ ސަފީރަކަށް މ. ބީނާފުށި އާއިޝަތު އަޒީމާއެވެ.

comment ކޮމެންޓް