އެވޯޑް ހަފުލާގައި އެރީ އޮޅުމެއް: އިބްރާހިމް ހުސައިން މަނިކު

ރޭގެ ހަފުލާގައި ޝިފްލީންއަށް ދިން އެވާޑާއި ލިޔުންތައް އިބްރާހީމް މަނިކު ހަވާލުވާ އިރު، ޝިފްލީން ބަލަހައްޓައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވާލައިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި، އެންމެ މޮޅު ފީޗާ ލިޔުންތެރިޔާއަށް އެވޯޑު ހަވާލު ކުރެއްވުމުގައި އެރީ އޮޅުމެއް ކަމަށް، އޭނާ އަށް އެވޯޑު ހަވާލު ކުރެއްވި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އިބްރާހިމް ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރޭގެ ހަފްލާގައި އެންމެ މޮޅު ފީޗާ ލިޔުންތެރިޔާގެ އެވޯޑް ލިބުނީ، "މިހާރު" ނޫހުގެ އައިމިނަތު ޝިފްލީނަށެވެ. ޝިފްލީނަށް އެވޯޑު ހަވާލު ކުރުމަށް މެހެމާނެއްގެ ގޮތުގައި ސްޓޭޖަށް އަރައިވަޑައިގަތީ އިބްރާހިމް ހުސައިން މަނިކެވެ. އެހެން ނަމަވެސް، ޝިފްލީނަށް އެވޯޑު ހަވާލުކުރުމުގެ ބަދަލުގައި އެވޯޑާ އެކު އިބްރާހިމް ހުސައިން މަނިކު ސްޓޭޖުން ފައިބައިވަޑައިގަތީއެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު އިބްރާހިމް ހުސެއިން މަނިކު "ސަން" އަށް ވިދާޅުވީ އެކަން އެގޮތަށް ހިނގައި ދިޔައީ އޭނާއަށް އެރި އޮޅުމެއްގެ ސަބަބުން ކަމަށެެވެ. ނަމަވެސް އޮޅުން އަރަންދިމާވީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އެވޯޑު ލިބިވަޑައިގަތީ އޭނާ އަށް ކަމަށް ހީފުޅު ކުރެއްވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަހަލަ ގޮތަކަށް [އޭނާއަށް އެވޯޑް ލިބުނު ކަމަށް] އަޅުގަނޑަށް ވިސްނުނީ،" އެ އެވޯޑަކީ އޭނާ އަށް ލިބިވަޑައިގަތް އެއްޗެއް ކަމަށް ހީކުރެއްވީތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވިއެވެ.

ރޭގެ ހަފާލާގައި، އެވޯޑު ލިބުނީ ޝިފްލީނަށް ކަން އެނގިވަޑައިގަތުމުން އޭނާ ވަނީ ފަހުން ޝިފްލީނާ އެވޯޑު ހަވާލު ކުރައްވާފައެވެ.

މީޑިއާ ކައުންސިލްގެ އޮފިޝަލު، އިބްރާހީމް މަނިކުގެ ތައާރަފުގައި ބުނީ އޭނާއަކީ މޮޅު ވާހަކަ ލިޔުންތެރިއެއް ކަމަށެވެ.

comment ކޮމެންޓް