"ޕަންގާ"ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިމިއްޖެ!

"ޕަންގާ" ގެ ލީޑު ރޯލުން ފެންނާނެ ކަންގަނާ.....

ކުޅަދާނަ ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓްކުރާ ފިލްމު "ޕަންގާ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފިއެވެ.

ތާވަލާ އެއްގޮތަށް ޝޫޓިންގެ ފުރަތަމަ ޝެޑިއުލް ނިންމާލުމަށްފަހު އަޝްވިނީ ވަނީ ޓްވީޓެއް ވެސް ކޮށްފައެވެ.

އެ ފިލްމުގެ ޝޫޓިން ކުރިޔަށް ގެންގޮސްފައިވަނީ ބޯޕާލްގަ އެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މަޝްހޫރު ބަތަލާ ކަންގަނާ ރަނާއަތު އެވެ. އޭނާ ވަނީ އެ ފިލްމުގެ މަންޒަރުތައް ނަގަން ފެށުމުގެ ކުރިން ބަރުދަންވެސް އިތުރުކޮށްފައެވެ.

"ޕަންގާ" އަކީ އިންޓަނޭޝަނަލް ކަބައްޑީ ކުޅުންތެރިއެއްގެ ދިރިއުޅުން ދައްކުވައިދޭނެ ފިލްމެކެވެ. އަދި އާއިލީ ގުޅުމުގެ ތެރެއިން ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއް އަދި ކުރިމަތިވާ ކޮންމެ ކަމެއް އެކީގައި ހިއްސާ ކުރާ ބައެއްގެ ވާހަކަ "ޕަންގާ" އިން ކިޔައިދޭނެއެވެ.

ކަންގަނާގެ އިތުރުން އެ ފިލްމު ދެން ފެންނާނީ ރިޗާ ޗައްޑާ، ޕަންކަޖް ތުރިޕަތީ، ނީނާ ގުޕްތާ އަދި ޖައްސީ ގިލް ފަދަ ތަރިންނެވެ.

"ޕަންގާ"ގެ ހުރިހާ މަންޒަރުތަކެއް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގައެވެ.

comment ކޮމެންޓް