ޔޫއްޕެގެ އާ ދެ ފިލްމަކީ "ދައުވަތު"އާއި "ނަފްރަތުވުމުން"!

ފިލްމު "ނަފްރަތުވުމުން" އާއި "ދައުވަތު" ގެ ޕޯސްޓަރެއް...

މަޝްހޫރި ފިލްމީތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ކުރިޔަށް އޮތް ދެ ފިލްމުގެ ނަން ބެލުންތެރިންނަށް ހާމަކޮށްފިއެވެ.

އެ ދެ ފިލްމަކީ "ދައުވަތު" އާއި "ނަފްރަތުވުމުން" އެވެ.

"ސަން" އާ ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ، ފިލްމުގެ ވާހަކަތައް ބެލުންތެރިންނަށް އެހާ ބޮޑަށް ހާމަނުކޮށް މަޑުކުރީ ފިލްމުގެ ނަންތައް ފާސްވަންދެން ކަމަށެވެ.

"އަސްލު މަޑު ޖައްސާލައިގެން ތިބީ ނަންތައް ފާސްވަންދެން،" ގިނަ ފިލްމު ތަކަކުން ފެނިފައިވާ ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ބުނީ ދެ ފިލްމުގެ ޝޫޓިން ވެސް ނިމުމަކާ ކައިރި ވެއްޖެ ކަމަށާއި އެ ދެ ފިލްމު ވެސް އަންނަ އަހަރުގެ ތެރޭގައި ސިނަމާ ތަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބ. ދަރަވަންދޫގައި މަންޒަރުތައް ނަގަމުން އަންނަ "ދައުވަތު" އާއި "ނަފްރަތުވުމުން" ގެ ލީޑު ރޯލުންވެސް ފެންނާނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ. އަދި "ނަފްރަތުވުމުން"ގެ މުހިއްމު ރޯލަކުން އަހުމަދު އީސަ(އާނަންދު) ފެންނާނެ ކަމަށް ޔޫއްޕެ ބުނާއިރު "ދައުވަތު"ގެ މުހިއްމު ރޯލަކުން އިރްފާނާ އިބްރާހީމް(އިރޫ) ފެންނާނެއެވެ.

"ވަރަށް ސަޕޯޓިވް ހުރިހާ ތަރިންވެސް، އިރާދަކުރެއްވިއްޔާ މި ދެ ފިލްމު ވެސް ވާނީ ބެލުންތެރިން ބަލައިގަންނާނެ ދެ ފިލްމަށް، ހާއްސަކޮށް އަދި ފާހަގަ ކޮށްލަން ބޭނުން ޝޫޓިން ގެންދާ ދަރަވަންދޫގެ މީހެއް ކަމަށްވާ ހުޝާމިންގެ ފަރާތުން ލިބޭ އެހީތެރިކަން،" ޔޫއްޕެ ބުންޏެވެ.

"ނަފްރަތުވުމުން" އަކީ އަސަރުގަދަ ލޯބީގެ ވާހަކަ އަކަށް ތައްޔާތުކުރާ ފިލްމެކެވެ. ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ އެ ފިލްމު ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ކަމަށް ޔޫއްޕެ ބުންޏެވެ.

އޭގެ އިތުރުން "ދައުވަތު" އަކީ މި ރާއްޖޭގައިވެސް ބޮޑުވެފައިވާ ސިހުރުގެ މައްސަލަތަކަށް ހަދާ ބިރުވެރި ފިލްމެކެވެ.

ރާއްޖޭގެ މުޖުތަމައު ތެރޭގައި ބޮޑުވެފައިވާ ދެ މައްސަލަ އަކަށް ހަދާ އެ ދެ ފިލްމުގެ ތެރެއިން ކޮންމެވެސް އެއް ފިލްމެއް އަންނަ އަހަރުގެ މާޗް މަހު ސިނަމާއަށް އަންނާނެއެވެ. އަދި ޖެހިގެން އަންނަ އެޕްރީލް މަހުގެ ތެރޭގައި ދެވަނަ ފިލްމު ވެސް ބެލުންތެރިންނާ ހަމަޔަށް އަންނާނެ ކަމަށް ޔޫއްޕެ ބުންޏެވެ. ފުރަތަމަ ރިލީޒްކުރާނީ ކޮން ފިލްމެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

ފެބްރުއަރީ މަހުގެ ތެރޭގައިވެސް ޔޫއްޕެ ފިލްމެއް ސިނަމާއަށް އަންނާނެއެވެ. އެއީ ކޮމެޑީ ފިލްމު "40 ޕްލަސް" އެވެ. އެހެން ކަމުން ޔޫއްޕެގެ ތިން ފިލްމެއް ޖެހިޖެހިގެން އަންނަ އަހަރު ސިނަމާއަށް އަންނާނެއެވެ.

comment ކޮމެންޓް