ބައެއް ޚިދުމަތްތައް އަލުން ސިޓީ ކައުންސިލުތަކަށް ދިނުމަށް ނިންމައިފި

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ -- ފޮޓޯ/ ރައީސް އޮފީސް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް އަލުން ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅުއްވައިފި އެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސިޓީ ކައުންސިލަށް އަލުން ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ބާރުތަކުގެ ތެރޭގައި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަރާއި ފަޅު ހޯދުމާއި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އަދި، ޢާންމު ފަރުދުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލްތަކާ ހަވާލުކުރެއްވުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ." ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.

މިގޮތުން، ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކުރައްވާފައިވާ، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރެއްވުމަށް ނިންމަވާފައި ވަނީ އެ ވުޒާރާއަކުން ކަނޑައަޅުއްވާ އުޞޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބުންޏެވެ.

މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް