އެއްބަސްވުންތައް މުރާޖާ ކުރަން ކޮމިޓީއެއް އެކުލަވާލައިފި

ނޮވެމްބަރ 17، 2018: ބަންޑާރަ ނައިބު އިބްރާޙިމް ރިއްފަތު -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ކުރީގެ ސަރުކާރުން ދައުލަތަށް ގެއްލުންވާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބަދަލު ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ މަސައްކަތް ފަށައިފި އެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތް ދަރަނިވެރިވާ ފަދަ ގޮތްތަކަށް އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ނަގާފައިވާ ލޯނުތަކާއި ރީނެގޯޝިއޭޓް ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެ އެއްބަސްވުންތައް ރީނެގޯޝިއޭޓް ކުރުމުގެ މަސައްކަތް މިހާރު އެ ކޮމިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ ކޮމިޓީގައި ތިބެނީ ކިތައް މެމްބަރުން ކަމެއް އަދި ކޮން ބައެއް ކަމެއް އެ އޮފީހުން ހާމަ ކުރައްވާފައި ނުވެ އެވެ.

އޭޖީ އޮފީހުން ބުނީ ބަދަލު ގެންނަން ޖެހޭ ފަދަ ބައެއް އެއްބަސްވުންތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ:

  • ސޮވެރިން ގެރެންޓީ އެއްބަސްވުންތައް
  • ލޯނު އެއްބަސްވުންތައް
  • ހައުސިން އަދި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކާ ގުޅޭ އެއްބަސްވުންތައް
  • އާންމު ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތައް
  • ޓޫރިޒަމް ދާއިރާގެ އެއްބަސްވުންތަކާ ގުޅޭ އެއްބަސްވުންތައް

އޭޖީ އޮފީހުން ބުނީ ގައުމުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް އެކުލަވާލައި ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް ވާ ނަމަ އަލުން އެ އެއްބަސްވުންތައް ރީ-ނެގޯޝިއޭޓް ކުރުމުގެ ފުރުސަތު އޮތް މިންވަރެއް ދެނެގަނެ، އެ ފުރުސަތު އޮތް އެއްބަސްވުންތައް އިސްލާހު ކުރެވޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދި ފަހުން ހާމަ ކުރެއްވި ގޮތުގައި، ރާއްޖެ ބޭރު ގައުމަތަށް 1.8 ބިލިއަން ޑޮލަރަށް ވަނީ ދަރައިފަ އެވެ. އަދި ދިވެހި ދައުލަތުން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ ޖުމްލަ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް