ވައްކަން ނުކޮށް ތިބިއްޔާ ކަންބޮޑުވާކަށް ނުޖެހޭ: އީވާ

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ / ރައްޔިތުން މަޖިލީސް

ވައްކަމެއް ނުކޮށް އަނިޔާވެރި ނުވެ ތިބި ނަމަ ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ހިމާޔަތް ދިނަސް އެހާ ކަންބޮޑުވާނެ ނުޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އީވާ އެވެ. އެ ބިލާ މެދު ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުން އެ ބިލު ހުށަހެޅުއްވީ ޕީޕީއެމްގެ އިސް މެމްބަރުން ހައްޔަރު ކުރާށެވެ.

މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި އީވާ ވިދާޅުވީ ވައްކަން ކޮށްފައި އޮތިއްޔާ ގާނޫނު އަރާ ހަމަ ކުރަން ޖެހޭ ކަމަށެވެ. އަދި ވައްކަން ނުކޮށް ތިބި ނަމަ ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް އީވާ ވިދާޅުވި އެވެ.

" ވަގުން ހިފާނަމޭ ހަމަ ބުނާއިރަށް ހަމަ އެއްބަޔަކު ތެދުވެ. އޭ ތިމަންނާއާ ނުބެހޭށޭ. ހަމަ ވަގޭ ވަގޭ ވައްކަމޭ ގޮވާލާއިރަށް އެއްބަޔަކު ތެދުވެ އޭ މަގޭ ވާހަކަ އެބަ ދައްކާ ހެއްޔޭ." އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އެފަދަ ގާނޫނުތައް ހަދަން އުޅެނީ ކުރިއަށް އޮތް ތަނުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގައިފި ނަމަ އަމަލު ހިންގާ މީހާއަށް ފިޔަވަޅު އަޅަންވެގެން ކަމަށް އީވާ ވިދާޅުވީ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިމާޔަތް ދިނީ ވައްކަން ކުރާ މީހުންނަށްކަން ފާހަގަކޮށް އީވާ ވިދާޅުވީ ދެން މި ރާއްޖޭގައި ހިމާޔަތް ލިބޭނީ ވައްކަމާ އަނިޔާއާ ދެކޮޅަށް ތެދުވާ މީހުންނަށް ކަމަށެވެ.

" އެހެންވީމަ ވައްކަމެއް ކޮށްފައި ނެތިއްޔަކާ ކަންބޮޑުވާކަށް ނުޖެހޭ. މިތާނގަ މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ހަމަ މިދިއަ ހަފްތާގައިވެސް އަޅުގަނޑުމެން ވައްކަމާ ބެހޭ ގޮތުން. ވައްކަން ހިފުމާ ބެހޭ ގާނޫނެއް ހުށަހެޅީމާ ދެކޮޅު ހެދި މެމްބަރުން މިއަދުވެސް މި ބިލަށްވެސް މި ދެކޮޅު ހަދަނީ." އީވާ ވިދާޅުވި އެވެ.

އަވަސް އަރުވާލައިގެން ވިސްލްބްލޯ ކުރާ މީހުންނަށް ރައްކާތެރިކަން ދޭން ގާނޫނު މަޖިލީހަށް ހުށަހެޅި ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވުމުން އީވާ ވަނީ އެއަށް ރައްދު ދެއްވާފަ އެވެ. އީވާ ވިދާޅުވީ އެއީ އަވަސް އަރުވާލައިގެން ހުށަހެޅި ބިލެއް ނޫން ކަމަށެވެ.

ބޭންކް އޮފް މޯލްޑިްވސްގެ މޭނޭޖަރެއް ކަމަށްވާ ގާސިމް އަބްދުލް ކަރީމް ޖަލަށް ލީ ހިސާބުން ޓްރާންޕޭންސީ މޯލްޑިވްސްއާ އެކު އެ ބިލުގެ މަސައްކަތް އޭނާ ފެށި ކަމަށް އީވާ ވިދާޅުވި އެވެ. އެއީ 2016 ވަނަ އަހަރު ކަމަށްވެސް އީވާ ވަނީ ވިދާޅުވެފަ އެވެ.

" ގާތްގަނޑަކަށް ދެ އަހަރުވެއްޖެ މި ބިލަށް މަސައްކަތް ކުރާތާ. އެކަމު އަޅުގަނޑު ކުރިންވެސް ދެންނެވިހެން ރައްޔިތުންގެ މަޖިލިސް އޭރުގައި އޮތީކީއެއް މިތަނަކަށް މިކަހަލަ ބިލެއް ލައިގެން ފާސްވާ ގޮތަކަށް ނޫން." އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އިވާ ވިދާޅުވީ އެއްވެސް ކޮރަޕްޝަންއަކީ އެއްވެސް ގައުމެއްގައި ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށެވެ. މުޅީ ދައުލަތުގެ މުޅި ގައުމުގެ ނަޒާހާތްތެރިކަން ހިފަހައްޓަން ބޭނުން ނަމަ ކޮރަޕްޝަނާ ދެކޮޅަށް އެއިރެއްގެ ސަރުކާރެއް ފުރިހަމައަށް ތެދުވާނެ ޖެހޭ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

" ކޮރަޕްޝަނާ ދެކޮޅަށް ތެދުވާ މީހުންނަށް ފުރިހަމައަށް ހިމާޔަތްތެރިކަން ދިނީމާ މުޅި ދައުލަތުގެވެސް ނަޒާހާތްތެރިކަން ހިފެހެއްޓޭނީ." އީވާ ވިދާޅުވި އެވެ.

ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކުން މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑެތި ނުރައްކަލާ ކުރިމަތިލާން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ. އެގޮތުން ވަޒީފާ ގެއްލުމާއި ޖަލަށް ލުމުގެ ކަންކަން އެމީހުންނަށް ދިމާވާ ކަމަށް އީވާ ވިދާޅުވި އެވެ. އެހެންވެ ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ގާނޫނަކުން ހިމާޔަތް ދިނުމުގެ މުހިންމު ކަން އީވާ ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް