ޕެޑުން ޓެކްސް ނެގުން ހުއްޓާލައިފި

ހައިލުގެ ދުވަސްވަރާއި ނިފާސްކަމުގެ ދުވަސްވަރު އަންހެނުން ބޭނުންކުރާ ޕެޑާއި ޓެމްޕޯންސް ފަދަ ބާވަތްތަކުން ޓެކްސް ނެގުން މިމަހު 3 ވަނަ ދުވަހުން ފެށިގެން ހުއްޓާލައިފި އެވެ.

މިތަކެތިން ޓެކްސް ނެގުން ހުއްޓާލާ މީރާ އިން މިއަދު ވަނީ ޓެކްސް ރޫލިން އެއް ނެރެފަ އެވެ. އެ ޓެކްސް ރޫލިންގައި ބުނެފައި ވަނީ ހައިލުގެ ދުވަސްވަރު ނުވަތަ ނުފާސްކަމުގެ ދުވަސްވަރު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ސެނިޓަރީ ޓަވަލް އާއި ސެނިޓަރީ ޕެޑު، ޕޭންޓީ ލައިނާސް، ސެނިޓަރީ ބެލްޓާއި ހައިލުގެ ދުވަސްވަރު ބޭނުންކުރާ އިންޓާނަލް ޑިވައިސް އާއި މެޓާނިޓީ ޕެޑުން ޓެކްސް ނެގުން މިއަދުން ފެށިގެއް ހުއްޓާލާފައިވާ ކަމަށެވ.ެ

މީގެ ކުރިން މިތަކެތިން ވެސް ހަ ޕަސެންޓުގެ ޓެކްސް ނަގަ އެވެ.

ޕެޑުން ޓެކްސް ނެގުން ހުއްޓުވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަށް ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ 73 މެންބަރުންގެ އިއްތިފާގުންނެވެ. އެ ގާނޫނު ރައީސް ތަސްދީގު ކުރެއްވީ މިމަހުގެ ތިންވަނަ ދުވަހު އެވެ.

ޕެޑުން ޓެކްސް ނެގުން ހުއްޓާލި ނަމަވެސް، އެ ތަކެތީގެ އަގަށް ވިޔަފާރިތަކުން ބަދަލު ގެންނާނެ ކަން ޔަގީން ކުރުމަށް އެފަދަ ތަކެތި ވިއްކާ އަގު ކޮންޓްރޯލު ކުރާނެ ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ބިލަށް ބަހުސް ކުރި އިރު ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް