ހާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ތުރުކީއާ ހަވާލު ނުކުރާނަން: ސައުދީ

ސައުދީ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވަނީ ސައުދީން އެގައުމުގެ ރައްޔިތުން އެހެން ގައުމަކާ ހަވާލު ނުކުރާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ

ރިޔާޟު (ޑިސެމްބަރު 10): ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ތުރުކީއާ ހަވާލު ނުކުރާނެ ކަމަށް ސައުދީ އަރަބިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސަމިޓަށް ފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވަނީ "ސައުދީން އެގައުމުގެ ރައްޔިތުން އެހެން ގައުމަކާ ހަވާލު ނުކުރާނެ" ކަމަށް ވިދާޅުވެފަ އެވެ.

އަދި ހާޝުގްޖީގެ މަރާ ބެހޭ ގޮތުން ތުރުކީން ސައުދީއާ މައުލޫމާތު ހިއްސާ ނުކުރާ ކަމަށް ވިދާޅުވެ، އެގައުމަށް ފާޑު ވިދާޅުވެފަ އެވެ.

"ކޯޓުގައި ބޭނުން ކުރެވޭ ފަދަ ހެކި ތުރުކީން އަޅުގަނޑުމެންނާ ހަވާލު ކުރުމަށް އެދުނިން. ނަމަވެސް އެގައުމުން ހެކި ހަވާލު ކުރަން ޖެހޭ ގޮތަށް ހެއްކެއް ހަވާލުކޮށްފައެއް ނުވޭ،" މިނިސްޓަރު ޖުބައިރު ވިދާޅުވި އެވެ.

ތުރުކީގެ ޗީފް ޕްރޮސިކިއުޓަރުގެ އެދިލެއްވުމުގެ މަތިން މިދިޔަ ބުދަ ދުވަހު އެގައުމުގެ ކޯޓަކުން ވަނީ ސައުދީގެ ދެ މީހަކު ހައްޔަރު ކުރުމަށް އަމުރު ނެރެފަ އެވެ. އޭގެ ތެރޭގައި ސައުދީގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ އަހުމަދު އަލް އަސީރީ އާއި ރޯޔަލް ކޯޓުގެ ކުރީގެ އެޑްވައިޒަރު ސައުދު އަލް ގަހުތާނީ ހިމެނެ އެވެ.

އެއީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ދެ އޮފިޝަލުންނެވެ. އަދި ހާޝުގްޖީ މަރާލުމުގެ ތުހުމަތުގައި ސައުދީން ހައްޔަރު ކުރި 21 މީހުންގެ ތެރޭގައި އެދެ މީހުން ހިމެނެ އެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ހާޝުގްޖީ މަރާލާފައި ވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި އެވެ. ސައުދީން ބުނާ ގޮތުގައި ހާޝުގްޖީ މަރާލުމުގައި އިސްކޮށް އުޅުނީ އަސީރީ އެވެ.

ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ހާޝުގްޖީ މަރާލުމަށް އަމުރުކޮށްފައި ވަނީ ސައުދީ ޝާހީ އާއިލާގެ އެންމެ މަތީ ފަންތިން ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް